ދިރިއުޅުމުން އުންމީދު ކެނޑި މާޔޫސް ވުމަކީ ވަރަށް ގިނަ މީހުން ކުރިމަތިލާން ޖެހޭ ކަމެކެވެ. ދޭތެރެއަކުން އެފަދަ އިހްސާސްތައް ކުރެވުމަކީ މާބޮޑު މައްސަލައެއް ނޫނެވެ. އެހެންނަމަވެސް، މެދުނުކެނޑި ދިގު މުއްދަތަކަށް ދިިރިއުޅުން މަތިން އުންމީދު ކެނޑި މާޔޫސް ވުމަކީ ތިބާ ނަފްސާނީ ބަލިމަޑުކަމެއްގެ ޝިކާރައަކަށްވެފައިވާ ކަމުގެ ހެއްކެކެވެ. ނަފްސާނީ ބަލިމަޑުކަމެއް ތަހައްމަލު ކުރަމުންދާ މީހަކު އަބަދު ދެރަވެފައި ނުވަތަ މޫނުމަތިން އަބަދު މާޔޫސްވެފައި ހުންނަ މަންޒަރު ނުފެނިދާނެއެވެ.
ނަފްސާނީ ބަލިތަކުގެ ތެރެއިން އާއްމު ގޮތެއްގައި ގިނަ މީހުން ފަރުވާ ހޯދަނީ ޑިޕްރެޝަނަށެވެ. މީހަކު ޑިޕްރެޝަނަށް ގޮސްފައިވާ ކަން ދެނެގަނެވޭނީ ފުރަތަމަ ކަމަކަށް ޑިޕްރެޝަންއަކީ ކޮންކަހަލަ ބައްޔެއް ކަން އެނގިގެންނެވެ.
ޑިޕްރެޝަންއަކީ މާބޮޑަށް ވިސްނާ، ނުވަތަ ދިރިއުޅުމުގައި ދިމާވާ ހާދިސާއެއްގެ ސަބަބުން މީހާގެ ހިތަށާއި ސިކުނޑިއަށް ކުރާ ނޭދޭވޭ އަސަރެއްގެ ސަބަބުން، ދިގު މުއްދަތަކަށް އުޅުމަށާއި ވިސްނުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަ ބައްޔެކެވެ. އެގޮތުން، ޑިޕްރެޝަނަށް ގޮސްފައިވާ މީހަކު އަބަދު ހިތާމަ ކުރާ މަންޒަރު ނުފެނިދާނެއެވެ. އެކީގައި ރަހުމަތްތެރިންނާއިއެކު އުޅޭއިރު، ހީނސަމާސާ ކޮށް އުޅުނަސް، އޭނާއަށް އުފާވެރިކަމެއް އިހުސާސެއް ނުކުރެވޭނެއެވެ. މޫނުމަތިން ކިތަންމެ ބޮޑު ހިނިތުންވުމެއް ދައްކައިގެން އުޅުނަސް، އެތެރެހަށިން އިހުސާސް ކުރެވޭނީ މާޔޫސް ކަމާއި ނާއުންމީދެވެ.
ނަފްސާނީ ބަލިމަޑުކަމެއް ނުވަތަ ޑިޕްރެޝަނަށް ގޮސްފައިވާ މީހެއްގެ ކިބައިން ވަރަށް ތަފާތު އެކިކަހަލަ އަލާމާތްތައް ފެންނާނެއެވެ. އެގޮތުން އާއްމުކޮށް ކޮންމެ ދުވަހަކު އެމީހަކު ކުރާ މަސައްކަތްތައް ކުރަން ފޫހިވުމާއި، ނިދާ ގަޑިތަކަށް ބަދަލު އައުން ހިމެނެއެވެ. މީގެ އިތުރުން ކަންކަމާ ފަސޭހައިން ރުޅިއައުމާއި، ދެރަވެ މާޔޫސްވުން ވެސް ހިމެނެއެވެ. ސަބަބަކާ ނުލައި ހަށިގަނޑުގެ އެކި ގުނަވަންތަކުގައި ރިއްސުމާއި އާދަޔާއި ހިލާފަށް ބަރުވުން ނުވަތަ ލުއި ވުމަކީވެސް ޑިޕްރެޝަންގެ އަލާމާތްތަކެވެ.
ޑިޕްރެޝަނަށް ގޮސްފައިވާ މީހަކު އެކަމުން ސަލާމަތް ކޮށްދިނުމަށް އޭނާގެ ގާތް ރައްޓެހިންނަށާއި އާއިލާއަށް ވަރަށް ގިނަ ކަންތައްތައް ކޮށްދެވިދާނެއެވެ. ޑިޕްރެޝަނަށް މީހަކު ދާ މައިގަނޑު އެއް ސަބަބަކީ އެކަހެރިވެގެން އުޅުމާއި، އިހްސާސްތައް މީހަކާ ހިއްސާ ނުކޮށް އެކަނި އިނދެގެން އަބަދު އެކަމާ ވިސްނުމެވެ. އެހެންކަމުން، ޑިޕްރެޝަނުން ސަލާމަތް ވުމަށް ތިބާގެ ހިތުގައި ހިނގާ އިހުސާސްތައް އިތުބާރު ކުރެވޭ ގާތް މީހަކަށް ކިޔައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ އިތުރުން އަބަދު ގޭގައި އޮތުމުގެ ބަދަލުގައި މީހުންގެ ތެރެއަށް ނިކުމެ އުޅުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.
މީހަކު ޑިޕްރެޝަންގެ ޝިކާރައަކަށް ވެފައިވާ ކަމުގެ ބައެއް އަލާމާތްތަކުގެ ތެރޭގައި، އޭނާ ކަންނެތް ވުން، މަސައްކަތް ކުރަން ފޫހިވުން ވެސް ހިމެނެ އެވެ. އެހެންކަމުން، ޑިޕްރެޝަނަށް ގޮސްފައިވާ މީހުން ލައްވައި ގޭތެރޭގެ ކުދިކުދި ކަންކަން ކުރުވުމަކީ ވަރަށް އެދެވިގެންވާ ކަމެކެވެ. އެގޮތުން ފުރަތަމަ ގޭތެރޭގައި ކުރަން ހުންނަ ކުދި މަސައްކަތްތައް ނިންމަން ދިނުމަށްފަހު މަޑުމަޑުން ބޮޑެތި މަސައްކަތްތައް ކުރަން ހަވާލުކުރާށެވެ.
ޑިޕްރެޝަނަށް ގޮސްފައިވާނަމަ، އެ ދާއިރާގެ ސިއްހީ ތަޖްރިބާކާރެއްގެ އެހީތެރިކަން ހޯދުމަކީ ވަރަށް މުހިންކު ކަމެކެވެ. އެގޮތުން ނަފްސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް ފަހު އޭނާގެ އިރުޝާދާއި އެއްގޮތަށް ކުރިއަށް ދާށެވެ. އެއްވެސް ފަރުވާއެއް ނުކޮށް ދިގުމުއްދަތެއް ވާންދެން ހުރުމަކީ ފަހުން އެކަން ރަނގަޅުކުރާން އުނދަގޫ ވެދާނެ ކަމެއްކަން ހަނދާން ބަހައްޓާށެވެ.