ރިޕޯޓް

ލޮކްޑައުންއަށް ލުޔެއް ލިބުނީތަ؟ ނުވަތަ ދިވެހީންނަށް އީދެއް އައީތަ؟

މަރިޔަމް ޝަހުދާ

އޭޕްރީލް 15ގައި، ރާއްޖޭގައި ކޮވިޑް 19 ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމާއި ގުޅިގެން ގެނައި ލޮކްޑައުންއަށް މި ހަފްތާގައި ލުއިތަކެއް ދިން އިރު ކަމާބެހޭ އިދާރާތަކުން ތަކުރާރުކޮށް ބުނަމުން އައީ އެންމެ ވާހަކައެކެވެ. އެއީ ހުއްދައާ ނުލައި ބޭރަށް ނިކުތުމުގެ ހުއްދަ ދިނުމަކީ ލޮކްޑައުން އުވާލުން ނޫން ކަމަށެވެ.

ކޮވިޑާ ގުޅިގެން ގެނެސްފައިވާ ލޮކްޑައުންގެ ހާލަތަށް އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ސަރުކާރުން ލުއިދޭން ފެށިއިރު އެންމެ ފުރަތަމަ ބަދަލު ގެނައީ ބޭރަށް ނިކުތުމުގައި ގެންގުޅެމުން އައި އުސޫލަށެވެ. އެގޮތުން ދުވަސްވީ އުމުރުގެ މީހުންނަށް ކަސްރަތު ކޮށްލަން ނިކުމެވޭނެ ވަކި ގަޑިއެއް ހަމަޖެއްސިއެވެ. މީގެ އިތުރުން ކުރިން ގޭބިސީއަކުން އެންމެ މީހަކަށް ބޭރަށް ދިއުމުގެ ހުއްދަ ދެމުން އައި އުސޫލު ބަދަލުކޮށް، ގޭބިސީއަކުން ތިން މީހުންނަށް ނިކުމެވޭނެ ގޮތަށް ލުއި ދީފައި ވެއެވެ. އަދި އެއްގަޑި އިރަށް ބޭރަށް ނިކުތުމަށް ހުއްދަ ދޫކުރަމުން އައި އުސޫލު ވަނީ ދެ ގަޑިއިރަށް އިތުރު ކޮށްފައެވެ.

ލޮކްޑައުން އަށް ލުއި ދިނުމުގެ ދެވަން ފިޔަވައްސާއެކު އާދިއްތަ ދުވަހުން ފެށިގެން މި ވަނީ، ފަތިހު ފަހަކުން ރޭގަނޑު 10:00 އާ ހަމަޔަށް އެއްވެސް ހުއްދައެއް ނުނަގައި ބޭރަށް ނިކުތުމުގެ ހުއްދަވެސް ދީފައެވެ. ކަސްރަތު ކުރުމަށް ވަކި ގަޑިތަކެއް ކަނޑައަޅައި، ސަރުކާރު އޮފީސްތައް ހުޅުވުމުގެ އިތުރުން ކުޑަކުދިން ބޭރަށް ނެރުމާއި ކެފޭ ރެސްޓޯރެންޓްޓަކުން ޓޭކްއަވޭ ދިނުމުގެ ހުއްދަ ދިނުމުގެ އިތުރުން ބީޗުތަކާއި ޕާކުތައްވެސް މި ވަނީ ހުޅުވައިލައިފައެވެ.

ލޮކްޑައުނަށް ލުއިތަކެއް ދިން އިރު ސަރުކާރުން ވަނީ ބޭރަށް ނިކުމެ އުޅުމުގައި އެއްފަހަރާ އެކުގައި ތިން މީހުންނަށް ވުރެ ގިނައިން ބޭރަށް ނިކުމެ ނޫޅުމަށް އިރުޝާދު ދީފައެވެ. ގޭގެއަށް ޒިއާރަތް ކުރުން އަދިވެސް މަނާކޮށްފައިވާއިރު، ޒަރުރީ ބޭނުންތަކުގައި ނޫނީ އަދިވެސް މަގުތަކަށް ނުކުމެ ނޫޅުމަށް އެޗްޕީއޭއިން އަންނަނީ އިރުޝާދު ދެމުންނެވެ.

އެހެން ނަމަވެސް، މި ލުއިތައް ދިނުމާއެކު ފެނުނީ މުޅި މާލޭގެ މަގުތައް ފުރިގެން ބަންޑުންވީ ތަނެވެ. ފެންނަމުންދާ މަންޒަރުތަކުން ހީވަނީ ލޮކްޑައުން އުވާލިހެންނެވެ. މިއީ ލޮކްޑައުން އުވާލުން ނޫން ކަމަށާއި، ދެވޭ ލުއިތަކެއް ކަމަށް ބުނެ ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ދެމުން އަންނަ އިރުޝާދުތަކަށް އެތައް ބަޔަކު ބީރު ކަންފަތެއް ދޭ މަންޒަރު ދަނީ ފެންނަމުންނެވެ. ބޮޑެތި ގުރޫޕުތައް ހަދައިގެން ބީޗު ތަކާއި ކެފޭތައް ކައިރީ ތިބޭ މަންޒަރު ދަނީ ފެންނަމުންނެވެ. ޓީމު ހަދައިގެން މޫދަށް އެރޭ މަންޒަރުވެސް ދަނީ ފެންނަމުންނެވެ. މިހެން ތިބޭ ތިބުމުގައި މާސްކު ނާޅައި ތިބޭތަންވެސް ދަނީ ފެންނަމުންނެވެ. ކުޑަކުދީން ގޮވައިގެން ބޭރުގައި އުޅޭ މީހުންވެސް ވަކި ވަގުތެއް ބެލުމެއް ނެތި އެކުދީން ގޮވައިގެން ބޭރުގައި އުޅެނީ އެވެ.

ލޮކްޑައުންގެ ކުރިން މާލެތެރޭގެ ޓްރެފިކްގެ ހާލަތެކޭ މިހާރު މާލޭގެ ޓްރެފިކްގެ ހާލަތެކޭ މާކަބޮޑު ތަފާތެއް ނެތެވެ. ކޮންމެހެން ދާން ޖެހޭ ތަންތަނަށް މީހުން ދިއުމުގެ އިތުރުން ހަވީރު ފިނި ބުރަށް ނިކުތުމާއި، ރަށްޓެހިންނާއެކު ބޭރަށް ނިކުމެ އުޅޭ މަންޒަރުވެސް ފެންނަކަމީ ހިތާމަވެރިކަމެކެވެ. ފެންނަމުންދަނީ ނިއު ނޯމަލްއަށް ހޭނުމުގެ ބަދަލުގައި ކުރީގެ އާދަތަކަށް އަނބުރާ ދާ މަންޒަރެވެ.

މިއީ ފަރުވާ ކުޑަ ކުރަންވީ ވަގުތެއް ނޫނެވެ. ކަމާބެހޭ އިދާރަތްތަކުގެ އިރުޝާދުތައް އަޑުއަހައި އެކަންކަމަށް އަމަލު ކުރަން އަދިވެސް ލަހެއް ނުވެއެވެ. ބޭރަށް ނިކުމެ އުޅުމުގައިވެސް އިސްކަން ދޭންވީ ގައިދުރު ކަމަށެވެ. ހުއްދަ ނެތި ބޭރަށް ދިއުމުގެ ހުއްދަ ލިބިފައި ވީ ނަމަވެސް ކޮންމެހެން ދާންޖެހޭ ތަންތަނަށް ނޫނީ ނުދިއުމަކީ މުހިއްމު ކަމެކެވެ. އާއިލާގެ މީހުންނާއި ރައްޓެހިން ނުފެނި ގިނަ ދުވަސް ވީނަމަވެސް މުހިއްމީ އެމީހުންގެ ވެސް ސިއްހަތެވެ.

މި ވަގުތު ފަރުވާ ކުޑަކޮށްފި ނަމަ ފަހުން ކުރާން ޖެހޭ ހިތާމަ މާ ބޮޑުވެދާނެ އެވެ. ލޮކްޑައުންއަށް ދިން ލުއީގައި ފަރުވާ ކުޑަކުރި ބައެއް ގައުމުތަކުން މިއަދު ކުރަނީ ހިތި ތަޖުރިބާއެއްކަން ދަނެގެން އެކަމުން ފިލާވަޅު ލިބިގަންނާން ޖެހެ އެވެ.

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އަދިވެސް ފެންނަމުން ދާއިރު، އިތުރު ލޮކްޑައުންއަކަށް ނުގޮސް ގައުމު ސަލާމަތް ވެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެންނެވެ. ކަމާ ބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް ބޯލަނބައިގެންނެވެ. ތިމާގެ ރައްކާތެރިކަމާއި، އާއިލާއާއި ރައްޓެހިންގެ ރައްކާތެރިކަމަށް އިސްކަން ދީގެން މިދުވަސްވަރު މަސައްކަތް ކުރުމަކީ ވަކިން ހާއްސަ ސަމާލުކަމެއް ދީގެންނެވެ.