މިދިޔަ އާދިއްތަ ދުވަހު ބޮލީވުޑްގެ ތަރި ޝުޝާންތު ސިންގު ރާޖްޕުތު އަމިއްލައަށް ދަންޖެހިގެން މަރުވި ހަބަރުވީ އެތައް ބަޔަކަށް ބޮޑު ސިހުމެއް ގެނުވި ކަމަކަށެވެ. ރާބްތާ، ޗިޗޯރޭ އަދި ކެދާރުނާތު ފަދަ ވަރަށް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ޝުޝާންތު ދަންޖެހިފައި ހުއްޓައި ފެނިފައިވަނީ މުމްބާއީގެ ބަންޑްރާގައި ހުންނަ އޭނާގެ އަމިއްލަ ގޭގައެވެ.
އުމުރުން 34 އަހަރުގެ ޝުޝާންތު އަމިއްލައަށް މަރުވުމުން ކުރިން ފަރުދާ އެޅިފައިވާ އެތައް ކަމަކުން ފަރުދާ ކެހުނެވެ. ޝުޝާންތު އަމިއްލައަށް މަރުވިއިރު، އޭނާ ދިޔައީ ޑިޕްރެޝަނަށް ވެސް ފަރުވާ ހޯދަމުންނެވެ. ޝުޝާންތުގެ ޕޯސްޓް މޯޓާމް ރިޕޯޓް ހަދާފައިވާއިރު، އޭގައި ބުނެފައިވަނީ ޝުޝާންތު މަރުވެފައި ވަނީ ދަން ޖެހުމުގެ ސަބަބުން ނޭވާ ނުލެވިގެން ހާސްވެގެން ކަމަށެވެ.
ޝުޝާންތުގެ މަރާ ގުޅިގެން ވަނީ މި ހުރިހާ ދުވަހު ފަރުދާ ކުރެވިފައިވާ ބޮލީވުޑްގެ އެތައް ސިއްރުތަކަކުން ފަރުދާ ނެގިފައެވެ. އެގޮތުން، ބޮލީވުޑަކީ ހުރިހާ އިސްކަމެއް ހަމައެކަނި މަޝްހޫރު ފިލްމީ އާއިލާތަކުން އަންނަ ތަރިންނަށް ދޭ ތަނެއް ކަމަށާއި، ފިލްމީ ބެކްގުރައުންޑެއް ނެތް އާދައިގެ އާއިލާއަކަަށް ނިސްބަތްވާ މީހަކަށް ބޮލީވުޑްގައި ކޮށްލާ ވަރު ހާމަވެގެން ދިޔަ ކަމަށް އެތައް ބަޔަކު އަންނަނީ މީސްމީޑިއާގައި ބުނަމުންނެވެ.
އެގޮތުން ޝުޝާންތު ކުޅުނު ވަރަށް މޮޅެތި އަދި އާއްމުން ތެރޭގައި ވަރަށް މަޝްހޫރުވި ފިލްމުތައް ކަމަށްވާ "އެމްއެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ" އަދި ޗިޗޯރޭ ފަދަ ފިލްމުތަކުން އޭނާއަށް އެއްވެސް އެވޯޑެއް ލިބިފައި ނުވުމަކީ ބޮލީވުޑްގައި ނެޕޮޓިޒަމް ވަރަށް ބޮޑަށް އޮތް ކަމުގެ ހެއްކެއް ކަމަށާއި ޝުޝާންތު މިހާތަނަށް ވަރަށް މޮޅު މަސައްކަތްތަކެއް ކޮށްފައިވާއިރު، އޭނާގެ މަސައްކަތް ބޮލީވުޑުން އެއްވެސް ވަރަކަށް އަގުވަޒަން ކޮށްފައި ނުވާ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
އާއްމުން ބޮލީވުޑުގައި ނެޕްޓިޒަމް އޮތް މިންވަރުގެ ވާހަކަ ދައްކަމުން ދިޔަ ދަނޑިވަޅުގައި މަޝްހޫރު ބަތަލާ ކަންގަނާ ރަނޯއަތު އެ ދާއިރާގައި ނެޕްޓިޒަމް އޮތް މިންވަރާއި ބޭހޭ ގޮތުން ފާޅުގައި ވާހަކަ ދެއްކުން ވީ މީސްމީޑިއާގައި ދެއްކި ވާހަކަތަކަށް ބާރުލިބުން ކަމަކަށެވެ. އެގޮތުން ޝުޝާންތު އާއްމުން ކައިރި އޭނާގެ ފިލްމުތައް ބަލަން ދިއުމަށް އާދޭސް ކޮށްފައިވާއިރު ބައެއް އިންޓަވިއުތަކުގައި ބޮލީވުޑްގައި އޭނާ ހުންނަނީ އެކަހެރި ކޮށްލާފައި ކަމަށް ވެސް ވަނީ ބުނެފައެވެ.
އެގޮތުން ބޮލީވުޑްގައި މަޝްހޫރު ފިލްމީ އާއިލާތަކުން އަންނަ މީހުންނަށް ހުރިހާ ފުރުސަތެއް ދޭކަމަށް ބުނެ އާއްމުން ވަނީ މަޝްހޫރު ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. މީގެ އިތުރުން، އާލިއާ ބަޓް އަދި ކަރީނާ ކަޕޫރު ފަދަ މަޝްހޫރު ތަރިން ޝުޝާންތަށް ޖޯކް ޖަހައި އޭނާ އަކީ ކާކުތޯ އަހައި ސުވާލުކުރުމުން، މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ އެ ތަރިން އަންފޮލޯކޮށް ނުރުހުން ވެސް ފާޅުކުރަމުންނެވެ.