މާފުށީ ޖަލަށް ގިނަ އަދަދެއްގެ ސާމާނު އެތެރެކުރަން އުޅުނު ހަތަރު މީހެއް އެތަކެއްޗާއެކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި މި ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ދަށުންނެވެ. މި ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ރޭ 7:30 ހާއިރު މާފުށި ޖަލު ހުންނަ ސަރަހައްދުން ފަޅުތެރެއަށް ލޯންޗް ކައިރިކޮށް މޫދަށް ފައިބައިގެން އެތަކެތި ޖަލަށް އެތެރެ ކުރުމުގެ މަސައްކަތް ކުރަނިކޮށެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި ހައްޔަރު ކޮށްފައިވަނީ 24 އަހަރުގެ ދެމީހުންނާއި، 32 އަހަރުގެ މީހަކާއި 43 އަހަރުގެ މީހެކެވެ. މި ހަތަރު މީހުންގެ އަތުން ފުލުހުން ވަނީ 98 މޮބައިލް ފޯނާއި، 104 ޗާޖަރާއި، 18 ސިމް ކާރޑާއި، 9 ހެޑް ސެޓާއި، ޔޫއެސްބީ 30 ކޭބަލާއި، ފޯނު ބެޓެރީގެ 14 ބެޓެރިއާއި، ޖޮއިސްޓިކެއް ހޯދާފައެވެ.
މި މައްސަލަ މިހާރު މާފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.