ޕޮލިސް

އާއިލާތައް މަތިން އިންތިހާއަށް ހަނދާންވޭ، ނަަމަވެސް ވަރުބަލިކަމެއް ނެތި މިތިބީ ރައްޔިތުންގެ ހިދުމަތުގައި!

އަލީ ޔާމިން

1

ދިވެހި ސަލާމަތީ ބާރުތަކަކީ ގައުމަށް ކުރިމަތިވާ ކޮންމެ ހިތާމަވެރި ކާރިސާއެއް ނުވަތަ ބަލިމަޑުކަމެއްގެ ވަގުތުގައި އެންމެ ކުރީ ސަފުގައި ގައުމު ދިފާއުކުރުމުގައި ހަރަކާތްތެރިވާ ބައެކެވެ. ގައުމާއި ވަތަނާއި ރައްޔިތުންގެ ހައްގުގައި އެފަރާތްތަކުން ވަމުން އަންނަނީ ބޮޑު ގުރުބާނީއެކެވެ. ހާއްސަކޮށް ފުލުހުން އެވާ ގުރުބާނީ ބޮޑެވެ މުޅި ރާއްޖެ އަމަންއަމާންކަންމަތީ ބޭއްވުމަށް ރޭގަނޑުގެ އަރާމު ނިދިން މަހުރޫމުވާ ހާލު އޭގެ ތެރެއިން ބައެއް ފުލުހުން އެތިބެނީ އާއިލާއާ ދުރުގައި ގައުމީ ހިދުމަތުގައެވެ.

ކޮވިޑުގެ ބިޔަ ރާޅު ރާއްޖެއަށް އަރައި، ފުރަމާލެ އެރާޅުގެ ބިޔަ ބާނިތަކުގެ ޝިކާރައަކަށްވި އިރު، ރައްޔިތުންނަށް ދަތިވާ އެންމެހާ ކަންކަން ހައްލުކޮށް، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވި އެއްބަޔަކީވެސް ހަމަ ފުލުހުންނެވެ. ކާބޯތަކެއްޗާއި، ފެން ޑެލިވަރީ ކުރުމުގެ އިތުރުން ބަލި ޖެހިފައިވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންގޮސް، އެތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގައިވެސް ފުލުހުން ހަރަކާތްތެރިވިއެވެ. މުޅި މާލެ ލޮކްޑައުންކުރިއިރު މަގުތައް ފޯރިމެރުމުގައިވެސް ނޫކުލައިގެ ޔުނީފޯމުގައި ހަރަކާތްތެރިވީ ހަމަ ފުލުހުންނެވެ. އެހެންކަމުން ފުލުހުންގެ ގުރުބާނީއާ މެދު ދެބަސްވެވޭނެ އެއްވެސް ޖާގައެއް ނެތެވެ.

ފުލުހުން މިވަނީ ކޮވިޑުގެ ހާލަތުގައި ފުލުހުންނަށް ކުރެވެމުންދާ އިހުސާސްތައް ވީޑިއޯ މެސެޖަކުން މިރޭ ހިއްސާކޮށްފައެވެ. ދެ މިނެޓުގެ އެ ވީޑިއޯގައި ފުލުހުންގެ ގިނަ ހިދުމަތްތަކަކަށް އަލިއަޅުވާލައިފައިވެއެވެ. އަދި ކޮވިޑުގެ ހާލަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ވަމުން އަންނަ ބޮޑު ގުރުބާނީގެ ވާހަކަ އެ ވީޑިއޯގައި ކިޔައިދީފައިވެއެވެ.

"އަޅުގަނޑުމެންގެ ތެރެއިން ބައެއް ފުލުހުން ކޮވިޑުގެ ޝިކާރައަކަށްވަމުންދާއިރުވެސް އަޅުގަނޑުމެން މިތިބީ ސާބިތުކަމާއެކު ރައްޔިތުންގެ ހިދުމަތުގައި. އަޅުގަނޑުމެން މިތިބީ އާއިލާތަކާ ދުރުގައި. އެފަރާތްތައް މަތިން އިންތިހާއަށް ހަނދާންވޭ،" ފުލުހުންގެ ވީޑިއޯ މެސެޖުގައި ބުނެފައިވެއެވެ.

ދިވެހި ގައުމާއި ރައްޔިތުންގެ ހިދުމަތުގައި އެންމެ ކުރީ ސަފަށް ނުކުތުމަކީ ފުލުހުންނަށް ލިބޭ ޝަރަފަކާއި ފަހުރެއް ކަމަށް ވީޑިއޯ މެސެޖްގައި ބުނެއެވެ. އަދި ކޮވިޑް 19އާ ގުޅިގެން ފުލުހުން މަސައްކަތް ކުރަމުން ގެންދަނީ އެއްވެސް ފޫހިކަމެއް ވަރުބަލިކަމެއް ނެތި ކަމަށާއި ކުރި މަސައްކަތުގެ ނަތީޖާ ފެންނަ ކަމުގެ އިހުސާސް މިހާރު ކުރެވެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ އެ ވީޑިއޯ މެސެޖުގައި ބުނީ، ފުލުހުންވެސް އެދެނީ ކޮވިޑުގެ ނުރައްކަލުން ރާއްޖެ ސަލާމަތްވެ، ހިތްހަމަޖެހުމުގެ ނޭވާއެއް ލެވޭނެ ދުވަހެއް އަވަހަށް އައުން ކަމަށެވެ.

ފުލުހުންގެ ވީޑިއޯ މެސެޖު---