ވިޔަފާރި

އާ އުފެއްދުންތައް ބާޒާރަށް ނެރެން މަސައްކަތްކުރާ ފަރާތްތަކަށް ސަރުކާރުން އެހީވަނީ

އަލީ ޔާމިން

އައު އުފެއްދުންތައް ބާޒާރަށް ނެރެން މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ބިޒްނަސް ސެންޓަރު ކޯޕަރޭޝަން ލިމިޓެޑުން ނިންމައިފިއެވެ.

ދުރުރާސްތާގެ އިގްތިސޯދީ ތަރައްގީ ހާސިލުކުރުމަށްޓަކައި، އިގްތިސާދު އެއް ސިނާޔަތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ސަރުކާރުގެ ނޫ އިގްތިސޯދީ ސިޔާސަތުގެ ތެރެއިން ހާއްސަ އަހަންމިއްޔަތު ކަމެއްދީގެން ކުރަމުން އަންނަ މަސައްކަތްތަކެކެވެ.

އިކޮނޮމިކް މިނިސްޓްރީގެ އިސް ނެގުމާއެކު ކުރިއަށްގެންދާ މި ޕްރޮގްރާމަކީ، ރާއްޖެއަށް އިމްޕޯޓް ކުރާ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި ބައިނަލްއަގުވާމީ ބާޒާރުގައި ވާދަކުރެވޭ ފެންވަރު ރަނގަޅު ދިވެހި އުފެއްދުންތައް ނެރުމުގެ މަގުސަދުގައި ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެކެވެ.

މީގެ އިތުރުން އެފަދަ މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ޕްރޮޑަކްޓް ޑިވެލޮޕްމަންޓާއި ބްރޭންޑިން ފަދަ ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ޖޮއިންޓް-ވެންޗާ އުސޫލުން ވިޔަފާރި ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމީވެސް ޕްރޮގްރާމްގެ އަމާޒެކެވެ. އަދި ދުރުރާސްތާގައި ކާމިޔާބު އެކްސްޕޯޓް-އޮރިއެންޓަޑް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެއް އުފައްދާ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި އުފައްދާ މުދާ އެކްސްޕޯޓް ކުރުމަށް މަގުފަހިކޮށްދިނުމަކީވެސް މި ޕްރޮގްރާމްގެ އަމާޒެކެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން، މިމަހުގެ 30ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މި ލިންކް (https://form.jotform.com/201366030096043) ގައިވާ ފޯމް ފުރުއްވާ، ނަން ނޯޓް ކުރެއްވުން ބިޒްނަސް ސެންޓަރު ކޯޕަރޭޝަން ލިމިޓެޑުން އެދެއެވެ.