ޝަހީދާ އަބްދުﷲ ސައީދު
ދިރިނޫޅުމަށް ހައުސިން މިނިސްޓްރީން އަންގާފައިވާ ބާ އިމާރާތްތައް އަލުން މަރާމާތުކޮށްގެން ކުއްޔަށް ދީފައިވާކަން ވަރަށް ބޮޑަށް ފާހަގަވެފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެއާއި ހުޅުމާލެ އަދި ވިލިގިލީގައި މިހާރު އިމާރާތް ކުރުމުގެ މަސައްކަތްކުރަމުންދާ ސައިޓުތަކުގެ ސަލާމަތީކަންކަން ހުރި މިންވަރު ބެލުމަށް ސަރުކާރުގެ އިދާރާތައް ގުޅިގެން ހިންގާ ޕްރޮގްރާމާއި ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ''ވަން އޮންލައިން'' އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ މިހާރު ކުރަމުންދާ ސާވޭގައި ކަންބޮޑުވާ އެތައް ކަމެއް ފާހަގަ ކުރެވުނު ކަމަށެވެ.
އެގޮތުން ވަރަށް ބޮޑަށް ބާވެ، އިންސާނުން ދިރިއުޅެން އެއްގޮތަކަށްވެސް ރައްކާތެރި ނޫން އިމާރާތްތައް ގޭގެ ވެރިފަރާތުން މަރާމާތުކޮށްގެން ކުއްޔަށް ދެމުންދާ ކަމަށް ޝިފާ ވިދާޅުވިއެވެ. ޝިފާ ވިދާޅުވީ އޭގެ ތެރޭގައި މީގެކުރިން ހައުސިން މިނިސްޓްރީން ބަލާ ޗެކްކުރުމަށްފަހު އިމާރާތުގައި ދިރި ނޫޅުމަށް އަންގާފައިވާ އިމާރާތްތައް ވެސް ހިމެނޭ ކަމަށް ޝިފާ ވިދާޅުވިއެވެ.
''އެބަހުރި ވަރަށް ބޮޑަށް ބާވެގެން މީގެކުރިން ހައުސިން މިނިސްޓްރީން އެތަންތަނުގައި ދިރިނޫޅެން އަންގާފަހުރި ގޭގެ މަރާމާތު ކޮށްގެން ކުއްޔަށް ދީފަ. ދެންމެ ދެންމެ ބޮލަށް ވެއްޓޭ ހާލަތުގައި ހުރި ގޭގެވެސް އެބަހުރި. ދިރިއުޅޭ މީހުންނަށް ނުބަލާ ފައިސާ ބޭނުންވާތީ ގޭގެ ވެރިން ބޮޑު އަގުގައި ކުއްޔަށް ދޫކުރަނީ ކުޑަ މަރާމާތެއްކޮށްފައި. މިއީ ވަރަށް ކަންބޮޑުވާންޖެހޭ މައްސަލައެއް.'' ޝިފާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ ބާ އިމާރާތްތަކުގެ ތެރޭގައި ސަރުކާރުގެ ދެ އިމާރާތެއް އިންސްޕެކްޓް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެއީ ހުރަވީ ބިލްޑިންގާއި ޕަބްލިކް އެގަޒަމިނޭޝަނުން ބޭނުން ކުރަމުންދާ ފިލާ ބިލްޑިންގް ކަމަށް ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ މާލޭގައި ހުރި އިމާރާތްކުރާ ސައިޓުތައް ބަލާ ފާސްކުރުމުގެ މަސައްކަތުގެ ދަށުން ބާ އިމާރާތްތައް ބަލާ ފާސްކުރުމުގެ މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ފަރާތުން އެކަމަށް ވަރަށް ބޮޑު އެއްބާރުލުމެއް ދީގެން ކަމަށެވެ.
މާލޭގައި ހުރި ބާ އިމާރާތްތަކާއި އިމާރާތްކުރާ ސައިޓުތަކުގެ ސަލާމަތީ ކަންކަން ހުރި މިންވަރު ބެލުމަށް ސަރުކާރުން ޕްރޮގްރާމެއް ފަށާފައި މިވަނީ ހަދަމުންދިޔަ އިމާރާތެއްގެ މަތިން ކުޑަ ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްްޓި، ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް ކުއްޖާ ނިޔާވުމާއި ގުޅިގެންނެވެ.