ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޓީޖީއެސްޓީ ދިވެހި ރުފިޔާއިން ދެއްކޭގޮތަށް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ކޮވިޑް 19އާ ގުޅިގެން ދިމާވެފައިވާ މާލީ ދަތިކަމާ ގުޅިގެން އެ ފަރާތްތަކުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކަން ޖެހޭ ޓީޖީއެސްޓީ ދެއްކުމުގައި ލުއި ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ގާނޫނު ނަންބަރު 10/2011 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު)ގެ 62 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތީން މިއަހަރުގެ އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސެޕްޓެމްބަރުގެ 30ގެ ނިޔަލަށް ހިނގާ ޓެކްސް ނެގޭ މުދާތަކަށް ޓީޖީއެސްޓީގެ ގޮތުގައި ދިވެހި ރުފިޔާ ދެއްކިދާނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ ޓީޖީއެސްޓީ ދިވެހި ރުފިޔާއިން ދެއްކޭނީ މީގެފަހުން ޓެކްސް ނެގޭ މުއްދަތަކަށް ޓީޖީއެސްޓީގެ ގޮތުގައި ދައްކާ ފައިސާ ކަމަށެވެ.
ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް ޓީޖީއެސްޓީ ދައްކަމުން ގެންދިޔުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.