ޕީޕީއެމް

ގައުމީ ޖަލްސާގައި ޕާޓީގެ ރައީސްކަމަށް ބޭފުޅަކު އިންތިޚާބު ކުރާނެ: ޕީޕީއެމް

އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ބާއްވާ ގައުމީ ޖަލްސާގައި ޕާޓީގެ ރައީސް ކަމަށް ބޭފުޅަކު އިންތިޚާބު ކުރާނެ ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕީއެމް އިން މިރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ ގައުމީ ޖަލްސާގައި ޕާޓީގެ ރައީސްގެ އިތުރުން ނައިބު ރައީސްގެ މަގާމަށާއި ޕާޓީގެ ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރާނެ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުން ޕާޓީގެ އާސާސީ ގަވާއިދުގައިވާ ގޮތުގެމަތިން އެ ގަވާއިދަށް ގައުމީ ޖަލްސާގައި ބަދަލު ގެންނާނެއެވެ. އަދި އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން ޕާޓީގެ ހިންގާ ގަވާއިދަށް ވެސް ބަދަލު ގެންނާނެ ކަމަށް އެ އިއުލާނުގައިވެއެވެ.

ޕީޕީއެމްގެ ރައީސް ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހުންނަވަނިކޮށް، ސިވިލް ކޯޓުން ކުރި ހުކުމެއްގެ ދަށުން 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ޕާޓީގެ ހިންގުން ވަނީ މުސްތަޝާރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ހަވާލުކޮށްފައެވެ. އަސާސީ ގަވާއިދުގައިވާ ގޮތުން މުސްތަޝާރަކީ ޕީޕީއެމްގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވެވަޑައިގަންނަވާ ބޭފުޅާއެވެ.

ޕީޕީއެމްގެ ހިންގުން މުސްތަޝާރާ ހަވާލުކުރަން ސިވިލް ކޯޓުން ހުކުމް ކުރީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި މައްސަލައެއް ބެލުމަށްފަހުއެވެ.

އެއަށްފަހު ޕީޕީއެމްގެ ކައުންސިލްގައި ހިމެނިވަޑައިގެންނެވި ރައީސް މައުމޫނަށް ވަފާތެރި މެމްބަރުން ވަނީ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ކަނޑައަޅައި ޕާޓީން ވަކިކޮށް، ރައީސް ޔާމީނަށް ވަތާތެރި ބޭފުޅުން ވަނީ ކައުންސިލަށް އައްޔަން ކޮށްފައެވެ. އެ މައްސަލަގަނޑުގެ ތެރޭގައި އިދިކޮޅު އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއާއެކު ކޯލިޝަން އެއްބަސްވުމެއްގައި ރައީސް މައުމޫން ސޮއިކުރެއްވިއެވެ.

އެއީ ޕީޕީއެމްގެ ފިކުރާ ޚިލާފު ކަމެއް ކަމަށް ބުނެ، ސުލޫކީ މައްސަލައެއް ބެލުމަށްފަހު މިދިޔަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ވަނީ ޕީޕީއެމްގެ މެމްބަރުކަމުން ވަކިކޮށްފައެވެ.

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެފައިވަނީ ޕީޕީއެމްއަކީ ރައީސް މައުމޫންގެ ޕާޓީއެއް ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި ރައީސް މައުމޫނަށް ޕީޕީއެމް އަނބުރާ ހޯއްދަވައިދެއްވާނެ ކަމަށެވެ.