ކުޅިވަރު

ޓީމް ލިސްޓް އިއުލާނުކޮށް، އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ގައުމީ ފުޓުބޯޅަ ޓީމްގެ ޕްރެކްޓިސް ފަށަނީ

އައިދާ އަބްދުލް ހަކީމް

އަންނަ އޮކްޓޯބަރު މަހު އަލުން ފަށާ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ގޮތުން އެކުލަވާލި ގައުމީ ޓީމުގެ ސްކޮޑު އިއުލާނުކޮށް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ގައުމީ ޓީމްގެ ޕްރެކްޓިސް ފަށާނެ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބުނެފިއެވެ.

އިއްޔެ އެފްއޭއެމުން ބޭއްވި ޕްރެސްކޮންފަރެންސެއްގައި ޓީމް ލިސްޓް އިއުލާނުކޮށްފައިވާއިރު، ރާއްޖޭގެ އެންމެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހަސަން ނާއިޒް (ދާދު) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) ގެ އިތުރުން އިޝާން އިބްރާހިމް (ސައްޓު) އަށް ފުރުސަތު ލިބިފައިނުވާ ކަމަށް މީޑިއާ ތަކުން ރިޕޯޓްކޮށްފައިވަނިކޮށް އެ ތިން ކުޅުންތެރިން ވަނީ ޓީމުގައި ހިމެނިފައެވެ.

ނަމަވެސް ކުރިން 30 ކުޅުންތެރިން ތިބި ކަމަށް ބުނި ސްކޮޑުން އެއްވެސް ކުޅުންތެރިޔަކު ބާކީ ނުވާ ކަމަށާއި އިތުރަށް ކުޅުންތެރިން ހިމަނާފައިވާ ކަމަށް އެފްއޭއެމުން ބުނެފައިވީ ނަމަވެސް ސްކޮޑުން ވަނީ ކުރިން ޕްރެކްޓިސްތަކުގައި ބައިވެރިވަމުން އައި 3 ކުޅުންތެރިޔަކު ބާކީ ކޮށްފައެވެ. ޔޫވީގެ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް)، ޓީސީގެ އާދަމް އިމްމާން ގެ އިތުރުން ނިލަންދޫގެ ގޯލްކީޕަރު މުހައްމަދު ޝަފީއު ވަނީ މީގެ ކުރިން ނެޝަނަލް ޓީމްގެ ފަރިތަކުރުންތަކުގައި ބައިވެރި ވެފައެވެ. ނަމަވެސް އެމީހުން އިއްޔެ އިއުލާނު ކުރި ލިސްޓުގައި ހިމެނިފައެއް ނުވެއެވެ.

"ވަން" އަށް މައުލޫމާތު ދެމުން ނެޝަނަލްޓީމްގެ އެސިސްޓެންޓް ކޯޗް އަލީ ސުޒައިން ބުނީ އެ 3 ކުޅުންތެރިންގެ އަމިއްލަ ސަބަބުތަކެއް އެބަހުރި ކަމަށާއި އަދިވެސް ކުޅުންތެރިން މަދު ކުރާނެ ކަމަށެވެ.

އިއްޔެ އެފްއޭއެމުން އިއުލާނުކޮށްފައިވާ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު:

މާޒިޔާ: ސަމޫހު އަލީ (ސަމުއްޓެ)، މުހައްމަދު އިރުފާން (އިރޭ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް އައިސަމް، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެން ޝަރީފް (ހުސެން)، ހުސައިން ނިހާން (ނިހާޓް)، އާދަމް ނިޒާމް (ކިތުނާ)، ނާއިޒު ހަސަން (ދާދު)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، މުޖުތާޒް މުހައްމަދު (މުޖޭ).

ޓީސީ: އަލީ އަޝްފާގު (ދަގަނޑޭ)، އަކުރަމް އަބްދުލް ގަނީ (އަކޫ)، އަހުމަދު ރިލްވާން (ބެން)، އިސްމާއިލް އީސަ (މެސީ)، އަލީ ޝާމިސް (ތޮއްޕޭ)، އިޝާން އިބްރާހިމް (ސައްޓު).

އީގަލްސް: އަހުމަދު ނޫމާން (ހެލްމެޓް)، އިމްރާން ނަޝީދު (އިންމަ)، އަހުމަދު ރިޒްވާން (ރިޒޭ)، ހުސެއިން ސިފާއު (ކުރޯ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، އަލީ ފާސިރު (ސެންޓޭ)، ހަސަން ނަޒީމް (ޗޯޓު)، ރިހާމް އަބްދުލް ގަނީ (ބޮބީ).

ގްރީން ސްޓްރީޓްސް: މުހައްމަދު އާރިފް (ބަކާ)، އަބްދުﷲ ޔާމީން (ޔާން)، މުހައްމަދު އުމެއިރު، މުހައްމަދު ޝަފީއު (ޗެކް)، މުހައްމަދު ސާއިފް.

ދަ ގްރާންޑޭ: މުހައްމަދު ފައިސަލް، އަހުނަފު ރަޝީދު.

ކޮލިފައިންގައި ރާއްޖެ ކުޅެން ޖެހޭ މެޗްގައި އޮކްޓޫބަރު މަހުގެ އަށް ވަނަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. އަދި ހަމަ އެމަހުގެ 13 ވަނަ ދުވަހު މާލޭގައި ސީރިއާއާ ދެކޮޅަށް ކުޅުމަށް ވަނީ ހަމަ ޖެހިފައެވެ. މި ގްރޫޕްގެ ފަހު މެޗުގައި ނޮވެމްބަރު 17 ވަނަ ދުވަހު ރާއްޖެ ބައްދަލުކުރާނީ ފިލިޕީންސްއާ އެވެ.