އިބްރާހިމް ޒަކީ
ވިއްސާރާގައި އައްޑޫ ސިޓީއަށް ލިބުުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތައް ހިމަނައިގެން އެކުލަވައިލި ކޮމިޓީ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ދާދި ދެންމެ ފާސްކޮށްފިއެވެ.
މިދިޔަ ވިއްސާރާގައި އައްޑޫ ސިޓީގެ ރަށްރަަށަށް ލިބުލު ގެއްލުންތައް ބަލައި އެކޮމިޓީން އެކުލަވާލައި މަޖިލީހަށް ހުށަހަޅައިގެން ފާސްކުރި ރިޕޯޓުގައި އެކަމުން އަރައިގަތުމަށް ހަ ކަމެއް ކުރަންޖެހޭ ކަމަށް ވަނީ ހުށަހަޅައިފައެވެ.
އޭގެ ތެރޭގައި ވިއްސާރާގައި އެސިޓީގެ ފޭދޫގެ ބައެއް ސަރަޙައްދުތަކުން ފެން ބޭރުކުރުމަށް ހަރުކޮށްފައިވާ ހޮޅިތަކުގައި ބަޔަކު ގޯނި އައްސާފައި ހުރި މައްސަލަ ފުލުހުން ތަހުގީގު ކުުރުމަށާއި، ކޮންމެ އަހަރަކުވެސް ކުރާ ވިއްސާރައިގައި ފެންބޮޑުވެ އެސިޓީގެ ރަށްތަކަށް ގެއްލުންތައް ކުރިމަތި ވަމުންދާއިރު، އެ މައްސަލައަށް ދާއިމީ ހައްލެއް، ރޭވިފައިވާ ގޮތްތަކެއްގެ މަތިން ތަރުތީބުކޮށް އިންތިޒާމުކުރުމާއި، ވިއްސާރައިގައި އެ ސިޓީގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކުގެ ބަދަލު ހޯދުމުގެ ގޮތުން ފުރަންޖެހޭ އެސެސްމަންޓް ފޯމްތައް ފުރުމުގައި އެފަރާތްތަކަށް އެހީތެރިވެދިނުމާއި، އެ ފަރާތްތަކަށް ލިބިފައިވާ ގެއްލުންތަކުގެ ބަދަލު ހޯދުމަށް ފުރާފައިވާ އެސެސްމަންޓް ފޯމްތައް ކަމާބެހޭ އިދާރާތަކަށް ހުށަހަޅައި، އެފަރާތްތަކަށް ލިބިފައިވާ ގެއްލުންތަކުގެ ބަދަލު ހޯދައިދިނުމަށް އައްޑޫ ސިޓީ ކައުންސިލާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ ގުޅިގެން ލަސްނުކޮށް މަސައްކަތްކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން މިހާރުވެސް އައްޑޫ ސިޓީއަށް ބޯކޮށް ވިއްސާރަ ވެހެމުންދާތީ، އެ ސިޓީގެ ރަށްތަކުގެ ތެރެއިން ފެން ހިންދުމަށް ޕަމްޕު ނެތް ރަށްތަކަށް، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ގުޅިގެން، ލަސްނުކޮށް އެރަށްތަކަށް ޕަމްޕުތައް ފޯރުކޮށްދިނުމާއި، ވިއްސާރާއިގެ ސަބަބުން ފެންބޮޑުވާން ދިމާވާ އެއް މައްސަލައަކީ އެ ސިޓީގެ މަގުތައް އުސްވެފައި ގެތައް ތިރިކަމުންކަން ފާހަގަކުރެވޭތީ، އެ ސިޓީގެ ތިރި ގެތައް ރަށުގެ ބިމުގެ ލެވެލުން ފެށިގެން އުސްކުރުމަށްޓަކައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ގުޅިގެން މަސައްކަތްކޮށް، މި މައްސަލައަށް އަވަސް ހައްލެއް ހަމަޖައްސައިދިނުމަށް ވެސް ވަނީ ހިމަނައިފައެވެ.