ކުޅިވަރު

އިތުރު ހުރަހެއް ދިމާ ނުވާނަމަ ދެ މަސް ތެރޭ ވިލުފުށީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލެވޭނެ: މަހްލޫފް

އައިދާ އަބްދުލް ހަކީމް

ތ. ވިލުފުށީ ފުޓްބޯޅަ ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް އިތުރު ހުރަހެއް ދިމާ ނުވާނަމަ ދެ މަސް ދުވަސް ތެރޭގައި އެއްކޮށް ނިންމައިލެވޭނެ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހްލޫފު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިލުފުށީ ފުޓްބޯޅަ ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ސަބްބޭސްގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް އެމަސައްކަތް ކުރިއަށް ގެންދިޔަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން 2 ދުވަސް ތެރޭގައި އެ ރަށަށް އަރާނެ ކަމަށެވެ.

"ޓާފް އަޅަން މިއަދު ވާނީ ބަޔަކާ ހަވާލުކޮށްފައި ﷲ އިރާދަ ކުރެއްވިއްޔާ އިތުރު ހުރަހެއް ދިމާ ނުވާނަމަ ދެ މަސް ދުވަސް ތެރޭގައި ނިންމައިލެވޭނެ." މިނިސްޓަރު މަހްލޫފް އިއްޔެ ވިދާޅުވިއެވެ.

އެ ދަނޑުގެ ސަބް ބޭސް މަސައްކަތާ ގުޅޭގޮތުން މިދިޔަ އެޕްރިލް މަހުގެ އެއްވަނަ ދުވަހު އެމްޓީސީސީން ބުނެފައިވަނީ ސަބްބޭސްގެ މަސައްކަތް ނިންމާލައިފައިވާ ކަމަށެވެ. ނަމަވެސް މިނިސްޓަރު މަހުލޫފު ވިދާޅުވީ ސަބްބޭސްގައި އަދި ބައެއް މަސައްކަތް އެއްކޮށް ފުރިހަމަ ނުވާތީ ނުނިމި ހުރި މަސައްކަތް ނިންމުމަށް އެމްޓީސީސީން ދެދުވަސް ތެރޭގައި އެރަށަށް އަރާނެ ކަމަށެވެ.