މަޖިލީހުގެ ރައީސް

ފުލުުންގެ މަރުކަޒާއި ކުލައާއި ނަންވެސް ބަދަލުކުރަން ޖެހޭކަމަށް މަޖިލިސް ރައީސް ވާހަކަފުޅު ދައްކަވައިފި

އިބްރާހިމް ޒަކީ

2

ދިވެހި ފުލުހުންގެ މަރުކަޒާއި، ކުލަ އާއި ނަންވެސް ބަދަލުކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވާހަކަފުޅު ދައްކަވައިފިއެވެ.

އެމަނިކުފާނު މިވާހަކަ ދެއްކެވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިޔަށްދިޔަ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުުގެ ތެރެއިންނެވެ.

މި ބިލުގެ އިބްތިދާއީ ބަހުސް ނިމުމުން ބިލާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ފުލުހުންގެ ކަންކަމަށް 48 ތަފާތެއް ގެނައުމަށް، ބިލުގެ ބަހުސްގައި މެންބަރުން ހުށަހަޅުއްވާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި، ފުލުހުންނަށް އެހެން މަރުކަޒެއް ބޭނުން ވުމާއި، އެހެން ނަމެއް ބޭނުންވުމާއި، އެހެން ކުލައެއް ބޭނުންވުން ހިމެނޭކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"ޖުމްލަކޮށް ވެއްޖެއްޔާ އިއްޒަތްތެރި މެންބަރުން ވިދާޅުވަނީ، އެހެން ފުލުސް އޮފީހެއް ބޭނުންވެޔޭ، އެހެންނަމެއް ވެސް ބޭނުންވެޔޭ، އެހެން ކުލައެއްވެސް ބޭނުންވެޔޭ، އަދި އެތަން ހުންނަންވީ މައިމަރުކަޒު ވެސް ހުންނަންވީ އެހެންތަނެއްގައޭ، މިދިޔަ ހުރިހާ ދުވަަހު އެދިޔަތަން ނިމުނީއޭ، މުޅިން އާ ބާބެއް ފެށުނިއްޔޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެއީ ރައްޔިތުން ލޯބިވާ، ރައްޔިތުންނާ އެކު އުޅޭ، އަދި ރައްޔިތުންގެ ކަންކަން ގާނޫނުގައި ވާ ގޮތުގެމަތިން އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި ރައްޔިތުންނަށް ހިދުމަތްދޭނެ މުއައްސަސާއެއް ކަމަށެވެ.

"މިއީ ރައްޔިތުން ލޯބިވާ، ރައްޔިތުންނާ އެކު އުޅޭ، އަދި ރައްޔިތުންގެ ކަންކަން ގާނޫނުގައި ވާ ގޮތުގެމަތިން އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އުފާވެރިކަމާއެކީގައި ރައްޔިތުންނަށް ހިދުމަތްދޭނޭ ފުލުހުންގެ މުއައްސަސާއެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟