މިއަަހަރު ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދާ އެއް ފިލްމް ކަމަށް ވާ ޒީރޯ ގެ މޮޅެތި ވާހަކަތައް ކޮންމެ ދުވަހަކުވެސް މީޑިއާ ތަކަށް ދަނީ ތިލަވަމުންނެވެ.
ބޮލީވުޑްގެ ރަސްގެފާނު ކަމަށް ވާ ޝާހުރުކް ޚާން އާއި އަނުޝްކާ ޝަރުމާ އަދި ކެޓްރީނާ ކައިފް ލީޑް ރޯލުން ފެނިގެންދާ މި ފިލްމް ރިލީސް ކުރަނީ މިމަހު 21 ގައެވެ. އާނަންދް ރާއީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ތިނެސްކަން ލޯބީގެ ފިލްމެކެވެ. ނަމަވެސް ފިލްމްގެ ހާއްސަ ކަންކަން ވަރަށް ގިނައެވެ.
އެގޮތުން އަނުޝްކާ އަކީ ފިލްމްގައި ނުކުޅަދޭ މީހަކަށް ވާއިރު ޝާހު އަކީ ފިލްމްގައި އިސްކޮޅުން ކުރު މީހެކެވެ. ކެޓްރީނާ އަކީ ފިލްމްގައިވެސް ގިނަ ބަޔަކު އެމީހަކު ހޯދުމަށް އެދި އެދި ހުރި ތަރިއެކެވެ. ޓްރެއިލާ އިން ފެންނަ ގޮތުގައި ކެޓްރީނާ އާއި ޝާހު ގުޅެއެވެ. ނަމަވެސް ފަހުން މައްސަލަތަކާ ކުރިމަތި ވެއެވެ.
ޓްރެއިލާ ނިމޭއިރު ފެންނަ ތަން ކޮޅެއް މިވަނީ މީޑިއާ ތަކުގެ ސަލާމު ކަމަށް އައިސްފައެވެ. އެ ޝޮޓުން ފެންނަނީ ރޮކެޓެއްގައި ޝާހު ހަނދަށް ދާ މަންޒަރެވެ.
ރިޕޯޓުރައް ބުނާ ގޮތުގައި ފިލްމްގެ މި މަންޒަރަކީ ފިލްމްގެ ކްލައިމެކްސް އެވެ. އަދި މި މަންޒަރު ކުޅެފައިވަނީ އެމެރިކާގައެވެ. އަލަބާމާގައި ހުންނަ ނާސާ ފެސިލިޓީގައި 45 ދުވަސް ވަންދެން ފިލްމްގެ މި ބައި ޝޫޓް ކުރުމަށް ފިލްމްގެ ބައިވެރިން ހަރަކާތްތެރި ވި ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
ފިލްމްގެ ބައެއް ސީކުއިންސްތައް ޝޫޓް ކުރުމަށް އެތަނުގައި ހުރި ބައެއް ރޮކެޓް ތަކާއި އޭގެ ޕްރޮޓޮޓައިޕްސް ބޭނުން ކުރިމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް ނާސާގެ އެތެރޭގައި ޝޫޓް ކޮށްފައި ނުވާ ކަމަށްވެއެވެ.
މިއީ ޝާހު ނާސާ ގައި ފިލްމެއް ޝޫޓް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. 2004 ވަނަ އަހަރު ރިލީސް ކުރި ފިލްމް "ސުވަދޭސް' ގެ ބައެއް ބައިތައް ވަނީ ނާސާގައި ޝޫޓްކޮށްފައެވެ.