ވިޔަފާރި

ކޮވިޑް 19 : ޔޫރަޕިއަން އިންވެސްޓުމެންޓް ބޭންކުން ރާއްޖެއަށް 20 މިލިއަން ޔޫރޯ

އަލީ ޔާމިން

ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކު (އީއައިބީ) އިން ރާއްޖެއަށް 20 މިލިއަން ޔޫރޯގެ ލޯނު އެހީއެއް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި އެހީއަކީ ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ އަސަރާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ދިން އެހީއެއް ކަމަށެވެ. މި އެހީގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ލިބި، އިގްތިސާދީ ހަރަކާތްތައް އަލުން ކޮޅަށް ޖެހުމުގެ މަސައްކަތަށް އެހީއަކަށް ވާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

މީގެ އިތުރުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އެހީވެދީ ދިވެހި އިގްތިސާދީ މަސައްކަތްތައް ކުރިއެރުވުމަށް މި ފައިސާ ބޭނުންކުރެވޭނެ ކަމަށްވެސް އެބޭންކުން ބުނެއެވެ.

ކޮވިޑާ ގުޅިގެން އީއައިބީން ކުރިއަށް ގެންދާ "ޓީމް ޔޫރަޕް" އެހީގެ ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް ދޭ 20 މިލިއަން ޔޫރޯ (348.8 މިލިއަން ރުފިޔާ)ގެ މި ލޯނުން ފައިސާ ދޫކުރުމަށް ހަމަޖެހިފައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށެވެ.

މިއީ ކޮވިޑް 19 އާއި ގުޅިގެން އީޔޫ ބޭންކުން އޭޝިއާގެ ގައުމަކަށް ދިން ފުރަތަމަ އެހީ އެވެ. އީއައިބީން ވަނީ ކޮވިޑާ ގުޅިގެން އީޔޫގެ ގައުމުތަކުގެ ތެރޭ ނުހިމެނޭ ގައުމުތަކަށް އެހީވުމަށް 5.2 ބިލިއަން ޔޫރޯގެ ޕެކޭޖެއް އިއުލާނުކޮށްފަ އެވެ.