އަލީ ޔާމިން
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނަގާފައިވާ ލޯނު ފަސްކުރުމަށް އެދިފައިވާ ކަސްޓަމަރުން މިމަހުގެ 22ގެ ކުރިން ލިޔެކިޔުންތައް ފުރިހަމަކުރުމަށް އެބޭންކުން އެދިއްޖެއެވެ.
ކޮވިޑު 19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއެކު ބީއެމްއެލުން ވަނީ އެ ބޭންކުން ލޯނު ނަގާފައިވާ ފަރާތްތަކަށް ލޯނު ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދީފައެވެ. އަދި ބައެއް އެހެން ބޭންކުތަކުންނާއި މާލީ އިދާރާތަކުންވެސް ވަނީ ލޯނު އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްފައެވެ.
ބީއެމްއެލުން ރޭ ކުރި ޓުވީޓެއްގައި ބުނީ، އެ ބޭންކުން ނަގާފައިވާ ލޯނު ފަސްކޮށްދިނުމަށް އެދި މިމަހުގެ 10 ވަނަ ދުވަހު ނުވަތަ އެއަށްވުރެ ކުރިން ހުށަހަޅާފައިވާ ކަސްޓަމަރުންގެ ތެރެއިން މިހާތަނަށް ލިޔެކިޔުން ފުރިހަމަ ނުކުރާ ކަސްޓަމަރުން މިމަހުގެ 22ގެ ކުރިން ލިޔެކިޔުން ފުރިހަމަކުރުމަށްފަހު ބޭންކަށް ހުށަހެޅުން އެދޭ ކަމަށެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު ގައުމާ މުހާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ކޮވިޑާ ގުޅިގެން 15،000 އަށްވުރެ ގިނަ ލޯނު ފަސްކޮށްދީފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 13،000 އަކީ ބީއެމްއެލުން ނަގާފައިވާ ލޯނުތައް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކޮވިޑުގެ ސަބަބުން އިގްތިސޯދަށް އައި ހީނަރުކަމުން އަރައިގަނެ ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ތައާރަފުކުރި އިކޮނޮމިކް ރިލީފް ޕެކޭޖުގެ ދަށުން ބީއެމްއެލް އާއި އެސްއެމްއީ ބޭންކުން ވަނީ ބައެއް ލޯނުތައް މިހާރު ދޫކޮށްފައެވެ.