މިފްކޯ

މިފްކޯގެ އެތައް ސަތޭކަ މުވައްޒަފުންނެއް ލޮކްޑައުންގައި، މަހުގެ ބާވަތްތައް ފޯރުކޮށްދިނުމަށް ކުރީ ގަދަ ހިތްވަރެއް

އަލީ ޔާމިން

ކޮވިޑް 19ގެ ބަލިމަޑުކަމާ ރާއްޖެއިން ކުރިމަތިލީއިރު، ރާއްޖޭގެ އިގްތިސޯދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ސަރުކާރުގެ ގިނަ ކުންފުނިތަކާއި އޮފީސްތަކުން ދެމުން އައި ހިދުމަތްތައް އޮންލައިންކޮށް ބަދަލު ކުރެވިގެންދިޔައެވެ. ދަތިތަކާއެކުވެސް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން ވަނީ ސާބިތުކަން ދައްކައިފައެވެ. އެގޮތުން ސަރުކާރުގެ މަސް ކުންފުނި، މިކްފޯއިން ވަނީ ދިވެހި ރައްޔިތުންނަށް ބޭނުންވާ މަހުގެ ބާވަތްތައް ދަތިކަމެއްނެތި ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ހާއްސަކޮށް ކޮވިޑުގެ ބަލިމަޑުކަން ރާއްޖޭގައި އެންމެ ގަދަޔަށް ފެތުރެން ފެށި ރަމަޟާން މަހުގައިވެސް މިފްކޯގެ މުވައްޒަފުން ވަނީ ބޮޑެތި ގުރުބާނީތަކެއް ވެފައެވެ. ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީ މިފްކޯގެ މަސްފިހާރައިގެ ވިޔަފާރިޔަށް އެންމެ ބާރުބޮޑުވާ މަސްކަމަށްވާއިރު، ކަސްޓަމަރުންނަށް ބޭނުންވާ ދަޅުމަހާއި ގަނޑުކުރި މަހާއި ވަޅޯމަހުގެ އެކި ބާވަތްތައް، ވަކި މުއްދަތެއްގެ ކުރިން ދުރާލާ އުފައްދައި މާލެއާއި އަތޮޅުތެރެޔަށް ސަޕްލައިކުރުމުގެ މަސައްކަތް މިފްކޯއިން ކުރިއެވެ. ނަތީޖާއަކަށްވީ ރަމަޟާން މަހު ހުސްނުވެ ގިނަ އުފެއްދުންތައް، ހާއްސަކޮށް ދަަޅުމަސް ރެކޯޑް މިންވަރަކަށް މިފްކޯގެ މަސްފިހާރަތަކުން ލިބެން ހުރުމެވެ.

މިފްކޯގެ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ މަސްގަތުމާއި ދަޅުގައި ބަންދުކުރުމުގެ އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިޔަށްގެންދިޔުމަށް 557 މުވައްޒަފުން ފުރަބަންދުވެ ތިބެ އަންނަނީ މަސައްކަތް ކުރަމުންނެވެ. ބޭރުގެ މުހިންމު އޯޑަރުތަކަށްވެސް މަސްދަޅު ބަންދުކުރަމުން ދިޔުމާއެކު، އެއްވެސް ބުރުލެއް އެރިޔަ ނުދީ މިފްކޯގެ މުވައްޒަފުން މިއަހަރުގެ ރަމަޟާން މަސް ހޭދަކުރީ އަމިއްލަ އާއިލާތަކާ ވަކީން ފެލިވަރުގައެވެ. ދިވެހި މުވައްޒަފުންގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުންވެސް މަސައްކަތްކުރާ ފެލިވަރުގައި މުވައްޒަފުންގެ ތިބުމާއި ކެއުން އަބަދުވެސް ހަމަޖެހިފައި ހުރެއެވެ. ކައިރި ރަށްރަށުގެ މުވައްޒަފުންނަކީ ކޮންމެ ދުވަހަކު މަސައްކަތް ނިންމާފައި ރަށަށް ނިދަންދާ މުވައްޒަފުން ކަމަށްވާތީ، މި ލޮކްޑައުންގައި އެމުވައްޒަފުނަށް ފެލިވަރުގައި ތިބުމުގެ އިންތިޒާމުތައް މިފްކޯއިން ވަނީ ހަމަޖައްސައިދީފައެވެ.

މިފްކޯގެ މުޅި އޮޕަރޭޝަނަކީ މާލެއާއި ރާއްޖޭގެ އުތުރާއި ދެކުނުގެ އެކި ހިސާބުތަކުގައި ކުރިޔަށްދާ އޮޕަރޭޝަނަކަށް ވާއިރު، މުދަލާއި އުފެއްދުންތައް އެކި ސައިޓްތަކާއި ރަށްރަށަށް ގެންދިޔުމަށް މިފްކޯގެ މުދާ އުފުލާ ދޯނިފަހަރުގެ މުވައްޒަފުންވެސް ވަނީ 40 ދުވަހަށްވުރެ ދިގު މުއްދަތެއް ވާންދެން މެދުނުކެނޑި އެއްގަމަށް ނުފައިބައި ކަނޑުމަތީގައި ހޭދަކޮށްފައެވެ. މިފަހުގެ ތާރީހެއްގައި ރާއްޖެ ތަޖުރިބާ ކުރި އޮރެންޖް އެލާޓުގައިވެސް ހުއްޓުމެއް ނެތި މިފްކޯގެ މަސައްކަތް މެދުކެނޑުނަ ނުދީ މަސައްކަތް ކުރިޔަށް ގެންދެވުނީ މުދާ އުފުލާ ދޯނިފަހަރުގެ މުވައްޒަފުންގެ ހިތްވަރުގަދަކަމުން ކަމަށް މިފްކޯއިން ބުނެއެވެ. މިދަތުރުތަކުގެ ތެރޭގައި މާލެއިން މަސްކޭސް ހޯދުމަށް ދަތިވެފައިވާ ރަށްރަށަށް މަސްދަޅު ކޭސް ސަޕްލައިކޮށްދޭން ކުރި ދަތުރުތައްވެސް ހިމެނެއެވެ.

ފެލިވަރަށް ބޭނުންވާ މަސް ސަޕްލައިކުރުމަށާއި، ގަނޑުކުރި މަހުގެ އެކްސްޕޯޓް އޮޕަރޭޝަންސް ކުރިއަށް ގެންދިޔުމަށް މަސްވެރިން ބާނާމަސް ދަތިކަމެއްނެތި ކިރުވުމަށް މިފްކޯގެ މަސްކިރާ ބޯޓުފަހަރުގެ މުވައްޒަފުންވެސް މުޅި ފުރަބަންދުގެ މުއްދަތު ހޭދަކޮށްފައިވަނީ އެމުވައްޒަފުންގެ އާއިލާތަކާ ވަކީން ކަނޑުމަތީގައި އަދި މިފްކޯގެ ސައިޓްތަކުގައެވެ.

ރާއްޖޭގެ ދެކުނުން މަސްގަތުމުގެ މައި އޮޕަރޭޝަންގައި މަސްވެރިން އަތުން މަސްގަތުމަށާއި ފިނިކުރިމަހުގެ ގޮތުގައި ޕްރޮސެސްކޮށް ކެރިއާއަށް ލޯޑުކުރުމުގައްޔާއި ފެލިވަރަށް ބޭނުންވާ މަސް ސަޕްލައިކޮށްދިނުމުގެ އިތުރުން މިފްކޯ މަސްފިހާރައިން ވިއްކާ ރިހާކުރާއި ވަޅޯމަހުގެ ބާވަތްތައް ތައްޔާރުކުރުމުގެ މަަސައްކަތް މެދުނުކެނޑި ކުރިޔަށް ގެންދިޔުމަށް ކޫއްޑުގެ މުވައްޒަފުންވެސް ރޯދަމަހުގެ ބޮޑުބައެއް ހޭދަކުރީ ކޫއްޑޫގައިގައި ކަމަށް މިފްކޯއިން ބުނެއެވެ.

ފަސްމީރު ބްރޭންޑްގެ އުފެއްދުންތަކަށް ގިނަބަޔަކު ބަރޯސާވާއިރު ގަނޑުކުރި މަހުގެ ބާވަތްތަކާއި އިތުރު ގިނައުފެއްދުންތަކެއް ތައްޔާރުކުރަނީ މާލެ ކައިރީގައި އޮންނަ ކަނޑުއޮތްގިރީގެ މަސްފެކްޓްރީގައެވެ. ފުރަބަންދާއިއެކު މިއަހަރުގެ ރަމަޟާން މަހު މިފްކޯގެ ކަނޑުއޮތްގިރީ ސައިޓްގެ މުވައްޒަފުންވެސް ލޮކްޑައުންވެ ތިބީ ކަނޑުއޮތްގިރީގައެވެ. ކަނޑުއޮތްގިރީގެ ސަޕޯޓް ޓީމެއް މި ފުރަބަންދާ ގުޅިގެން ކުއްލި ހާލަތުގެ އޮޕަރޭޝަންގައި މިފްކޯއަށް ގެންނަ އަދި ބަރުކުރާ މުދާ ހަމައެކަނި ކުންފުނީގެ މުވައްޒަފުން ގެންގުޅުމަށް މާލެއަށް ބަދަލުކުރެވި ހެޑްއޮފީހުގައި ތިބުމުގެ އިންތިޒާމްވަނީ ހަމަޖައްސައިފައެވެ. މާލެއާއި ކައިރިވުމާއެކު ކަންޑުއޮތްގިރީގެ ބައެއް މުވައްޒަފުންނަކީ ދުވާލު މަސައްކަތްކުރުމަށްފަހު މާލެ އަންނަ މުވައްޒަފުންތަކެއް ނަމަވެސް ފުރަބަންދުގެ މުއްދަތުގައި ކަނޑުއޮތްގިރީގައި މަޑުކޮށް މެދުނުކެނޑި މަދު ނުވާވަރަށް މިފްކޯ މަސްފިހާރައިން ވިއްކާ އުފެއްދުންތައް ކަނޑުއޮތްގިރީގެ މުވައްޒަފުންދަނީ ތައްޔާރުކޮށް ސަޕްލައި ކޮށްދެމުންނެވެ.

މާލެ ފުރަބަންދަކަށް ދިޔުމާ ގުޅިގެން މިފްކޯގެ އުފެއްދުންތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މިފްކޯގެ ޓީމްތައް އެކި ގޮތްގޮތުން ހަރަކާތްތެރިވިއެވެ. ރައްޔިތުންގެ އޯޑަރުތަކަށް ގެޔަށް ޑެލިވަރީގެ ހިދުމަތް ފެށިނަމަވެސް ގިނަ އަދަދެއްގެ ރައްޔިތުންނަށް މަހުގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް ފަހު މަސްފިހާރަ މެދުވެރިކޮށް ގޭދޮށުފިހާރަތަކާއި އާންމުރައްޔިތުންނަށް ހިދުމަތްދިނެވެ. މާލެއިން ފުރާ އޮޑިދޯނިފަހަރަށް މުދާ ޑެލިވަރީ ކޮށްދިނެވެ. މިފްކޯ ސައިޓްތަކުގެ ތެރެއިން ހުޅުމީދޫގައި ހުންނަ ފިހާރައިން އެރަށުގެ ރައްޔިތުންގެ އޯޑަރުތަކަށް ހުޅުމީދޫގައި ޑެލިވަރީގެ އިންތިޒާމް ހަމަޖައްސައިދިނެވެ. މީގެ އިތުރުންވެސް މަސައްކަތްތައް މެދުނުކެނޑި ކުރިޔަށް ގެންދިޔުމަށް އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަން އިސްނަގައި ހަރަކާތްތެރިވަމުންދިޔައެވެ. ހާއްސަކޮށް އައިޓީއަށް ބަރޯސާވެ މަސައްކަތް ރޭވޭ ޒަމާނެއްގައި ހެޑް އޮފީހުގެ އައިޓީ ޓީމް ރޯދަމަހުގެ ނިޔަލަށް އާއިލާއާ ވަކީން އޮފީހުގައި މަޑުކޮށް އައިޓީ މައްސަލައެއް އެއްވެސް ހިސާބެއްގައި ދިމާ ނުވާނެކަން ކަށަވަރުކޮށްގެން މަސައްކަތްތައް ރާވައިގެން ކުރިއަށްގެންދިޔައެވެ.

އާ އާންމު ހާލަތަކަށް މިހާރު މަސައްކަތްތައް ރޭވިގެން ކުރިޔަށްދަނީ ސަމާލުވާން ޖެހޭ ކަންކަމަށް އަހައްމިއްޔަތުކަން ދީގެން ކަމުގައި މިފްކޯއިން ބުނެއެވެ. އެގޮތުން އެކުންފުނީގެ އެކި ސައިޓްތަކަށް ބޭނުންވާ މުދާ މާލެއިން ބަރުކޮށް ސައިޓްތަކަށް ބޭލުމުގައި ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ކުރިޔަށް ދެއެވެ. މަސައްކަތް ކުރިޔަށް ދާއިރު އެކި ސައިޓްތަކާއި ކަނޑުމަތީ އުޅަނދުފަހަރުގެ ޓީމްތައް އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން ހަރަކާތްތެރި ވާނީ ކޮންޓެކްޓް ނުވާނެގޮތަށް ސަމާލުކަން ދީގެންނެވެ. މުވައްޒަފުންގެ ކިބައިގައި އެއްވެސްކަހަލަ ރޯގާއެއް ނުވަތަ ބައްޔެއްގެ އާލާމާތެއް ހުރިތޯއާއި ހަށިގަނޑުގެ ހޫނުމިން ގަވައިދުން ބަލަމުން އަންނަ ކަމަށް މިފްކޯއިން ބުނެއެވެ. ސައިޓްތަކުގެ އެކި ހިސާބުތަކުގައި އަތް ދޮންނަ އިތުރު އިންތިޒާމްތައްވެސް ހަމަޖައްސައިފައި ވެއެވެ.

މިފްކޯއަކީ އަބަދުވެސް ކުއްލި ހާލަތްތަކުގައިވެސް ހުރި ވަސީލަތްތަކުގެ ބޭނުންކޮށްގެން ދެވޭ އެންމެ ފުރިހަމަ ހިދުމަތެއް މަސްވެރިންނާއި ރައްޔިތުންނަށް ދިނުމަށް އަހުލުވެރިވެފައިވާ މަސައްކަތުގެ މާހައުލެއް ގާއިމްވެފައިވާ ކުންފުންޏެކެވެ މީގެކުރިން ދިމާވެފައިވާ މާލެއިން ފެންކެނޑުމުގެ ހާދިސާއާއި ކަނޑުމަތީގައި ދިމާވާ އެކި ހާދިސާތަކުގައާއި އެކިއެކި މުނާސަބަތުތަކުގައިވެސް މިފްކޯއިން މުހިންމު މަސައްކަތްތަކެއް ގައުމީ ހިދުމަތެއްގެ ގޮތުގައި ކޮށްދީފައި ވެއެވެ.