ގާސިމް އިބްރާހިމް

87 ދާއިރާއަށް ނުކުންނަން ޖެހިއްޖެއްޔާ ޖޭޕީއަށް ވެސް ނުކުމެވޭނެ، ނުކުންނާނަން: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް ނުކުންނަން ޖެހިއްޖެއްޔާ އެކަން ވެސް ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކޯލިޝަންގެ ހިމެނޭ ޕާޓީތަކުގެ ތެރެއިން އެމްޑީޕީން ވަނީ އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާއަށް ކުރިމަތިލުމަށް ނިންމައިފައެވެ.

މ. ކުނޫޒުގައި މިރޭ ބޭއްވި ޖޭޕީގެ ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ޖޭޕީއަށް ކޮންމެ ދާއިރާއަކަށް ކުރިމަތިލާން ވެސް ކެރޭނެ ކަމަށާއި ހޮވުމާއި ނުހޮވުމަކީ ރައްޔިތުން ނިންމާ ކަމެއް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނެ ދުވަސް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި. ދެން ވަގުތެއް ނެތް. އެހިސާބަށް ދިޔައިރު އަޅުގަނޑުމެން މިތިބީ ހަމަހިމޭނުން. އަޅުގަނޑުމެން ހަމަހިމޭނުން ތިބީކީ މީހެއްގެ ޖާނުން ބޮޑުވެގެން ނޫނީ ކުޑަވެގެން ނުކުންނަން ނުކުރިގެންނެއް ނޫން. 87 ދާއިރާއަށް ނުކުންނަން ޖެހިއްޖެއްޔާ އަޅުގަނޑުމެން ވެސް 87 ދާއިރާއަށް ނުކުމެވޭނެ، ނުކުންނާނަން،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކޯލިޝަނެއްގައި މަސައްކަތްކުރާ ބަޔަކަށް ވާތީ އެ ކޯލިޝަންގެ ވިސްނުމާ އެއްގޮތަށް ކުރިއަށްދާން ބޭނުންވާ ކަމަށާއި އެހެންނަމަވެސް އުންމީދު ނުކުރާ ބައެއް ސިފަތަކާއި އަޑުތައް ޖޭޕީއާ ދިމާއަށް ނިސްބަތްކޮށް ނިކަމެތި ގޮތެއްގައި އަންނާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

"އަޅުގަނޑުމެން މި ކޯލިޝަން ރޫޅާލާ ބަޔަކަށް ވާކަށެއް ނެތީން. އަޅުގަނޑުމެން މިތިބީ އެއްވެސް ބަޔަކާ ވާދަކުރަން ނުކުރިގެން، ވާދަނުކުރެވޭނެ ކަމަށް ހީކޮށްގެންނެއް ވެސް ނޫން. އަޅުގަނޑުމެންނަށް ވެސް އެނގޭ އަޅުގަނޑުމެންނަށް ވެސް ވާދަކުރެވޭނެކަން. އެ ދާނީ ކުރިއަށްތޯ ފަހަތަށްތޯ އެނގޭނީ ނަތީޖާ ނިމުނީމަ،" އޭނާ ވިދާޅުވިއެވެ.