އިބްރާހިމް ޒަކީ
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ގާނޫނުން އާއްމުކޮށް ހުޅުވާލުމަށް ހިމަނައިގެން ހުށަހެޅި ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހުށަހަޅުއްވި މި ބިލް މަޖިލީހަށް ބަލައިގަތީ މިއަދުގެ ޖަލްސާގައި ތިއްބެވި 73 މެންބަރުންގެ ތެރެއިިން ވޯޓު ދެއްވި 71 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި ބިލް މަޖިލީހަށް ބަލައިގަތުމުން އިތުރަށް ދިރާސާކުރުމަށް މަޖިލިސް ރައީސް ވަނީ އެ ބިލު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީއަށް ފޮނުއްވައިފައެވެ.
މިހާރު ގާނޫނުގައި ބުނަނީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް މީހަކު އައްޔަން ކުރައްވާނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށެވެ.
އެގޮތަށް ހިިމަނާފައި ވަނީ މިހާރު އަމަލު ކުރަމުން އަންނަ ފުލުހުންގެ ގާނޫނުގައެވެ. އެގާނޫނުގައި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް މީހަކު އައްޔަން ކުރުމާއި ވަކި ކުރުމުގެ ބާރު ދީފައި ވަނީ ރައީސުލް ޖުމްހޫރިއްޔާ އަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ހަސަން ލަތީފު ގެންނަން ހުށަހަޅާފައިވާ ބަދަލުގައި ބުނެފައިވަނީ، "ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަން ކުރަން ޖެހޭ ކޮންމެ ހާލަތެއްގައި، އެކަމަށް އެދޭ ފަރާތްތަކުން، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމިަތިލާން ޕްރޮމޯޝަން ބޯޑުން ހުޅުވާލަން ވާނެ" ކަމަށެވެ. އަދި އެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ މީހަކު އައްޔަން ކުރައްވާނީ ޕްރޮމޯޝަން ބޯޑުން ވަޒަން ކޮށް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން މިނިސްޓަރުގެ ލަފާގެ މަތިން ކަމަށްވެސް ބުނެފައި ވެއެވެ.
ބިލްގައި ބުނެފައިވަނީ، ކޮމިޝަނަރު އައްޔަން ކުރެވޭނީ ހަތަރު އަހަރު ދުވަހުގެ ދައުރަކަށް ކަމަށެވެ. އެ ދައުރު ފުރިހަމަ ވުމުން ހަތަރު އަހަރުގެ އިތުރު އެއް ދައުރަށް އޭނާ އެ މަގާމަށް އައްޔަން ކުރެވިދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މި ބިލުގައި ބުނެފައިވަނީ ކޮމިޝަނަރު މަގާމުން ވަކި ކުރެވޭނީ، އޭނާ އެ މަގާމުން ވަކި ކޮށްދިނުމަށް އެދި މިނިސްޓަރު ރައީސުލް ޖުމްހޫރިއްޔާއަށް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ރައީސުލް ޖުމްހޫރިއްޔާއަށް ކަމަށެވެ. ނަމަވެސް ކޮމިޝަނަރު މަގާމުން ވަކި ކުރުމަށް މިނިސްޓަރަށް، ރައީސުލް ޖުމްހޫރިޔާއަށް ހުށަހެޅޭނީ ވަކި ހާލަތްތަކެއްގައިކަން ބަޔާންކޮށް އެހާލަތު ބިލުގައި ތަފްސީލުކޮށް ވަނީ ހިމަނައިފައެވެ.
މިބިލުގައި ބުނެފައިވަނި ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަން ކުރުމަށްވެސް ހިނގާނީ ކޮމިޝަނަރު އައްޔަން ކުރުމާއި ވަކި ކުރުމާ ގުޅޭ ގޮތުން ހިމަނާފައިވާ އުސޫލުތައް ކަމަށެވެ.
މި ބިލުގައި ކޮމިޝަނަރުން އައްޔަން ކުރުމުގެ ކަންތަކުގައި ކުރަން ޖެހޭ ކަންތައްތައް ކުރުމާއި، ފުލުހުންނަށް މަގާމުގެ ކުރިއެެރުން ދިނުމާއި، މަގާމުގެ ޝަރުތު ފުރިހަމަ ވޭތޯ ބެލުމާއި، މިނިސްޓަރަށް ލަފާ ދޭން ޖެހޭ ކަންކަމުގައި ލަފާ ދިނުމަށް އުފައްދާ ޕްރޮމޯޝަން ބޯޑަށް މެންބަރުން އައްޔަން ކުރުމުގެ ބާރު ބިލުން ދީފައިވަނިީ އޭރަކު ހުންނަވާ ޕޮލިސް ކޮމިޝަނަށެވެ.
ފުލުހުންގެ ހުވަޔަށް ބަދަލު ގެންނަން ވެސް މި ބިލުގައި ވަނީ ހުށަހަޅާފައި ވެއެވެ.