ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވާނީ ޕީޕީއެމް އިން އަލަށް އުފައްދާ ޕާޓީގެ ނަމުގައި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފްގެ ފޭސްބުކް ޕޯސްޓެއްގައި އޭނާ ވަނީ މިރޭ އެކަން އިއުލާންކުރައްވައިފައެވެ. އާދަމް ޝަރީފްގެ އިތުރުން މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް ލިބުނު ހުރިހާ ބޭފުޅުން ވެސް ވާދަކުރާނީ އަލަށް އުފައްދާ ޕާޓީގެ ނަމުގައި ކަމަށް ބެލެވެއެވެ.
ޕީޕީއެމް އިން އާ ސިޔާސީ ޕާޓީއެއް އުފައްދައި، އެ ޕާޓީގެ ނަމަކަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ކިޔުމަށް ނިންމާފައިވާ ކަން "ވަން އޮންލައިން"އަށް ވަނީ ކަށަވަރުވެފައެވެ.
ވަން އޮންލައިނަށް ކަށަވަރުވެފައިވާ ގޮތުގައި އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ކައުންސިލް ދެ ބައްދަލުވުމުގައި ވެސް ވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ. އަދި އެކަމާ ގުޅިގެން ވާން ޖެހޭ ތައްޔާރީތައް ކުރިޔަށް ގެންދަން ޕާޓީގެ ލީޑާޝިޕާ ވަނީ ހަވާލުކޮށްފައެވެ.
ވަން އޮންލައިނަށް އެނގިފައިވާ ގޮތުގައި ޕީޕީއެމުން އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ވާން ޖެހޭ ތައްޔާރުތައް ވަމުން މި އަންނަނީ އެ ޕާޓީގެ ލީޑާޝިޕުގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމާއެކު މައްސަލައިގެ ހުކުމް އަތުވެދާނެ ގޮތަކަށް ވިސްނައި، އެ މަސައްކަތް އަވަސް ކުރުމަށްޓަކައެވެ.
"ސުޕްރީމް ކޯޓުގައި އޮތް މައްސަލައިގެ ހުކުމް ކޮންމެ ގޮތަކަށް ވެސް އަތުވެދާނެ ދެއްތޯ. އެހެން ވީމަ އިންތިޚާބުތަކެއްގެ މެދުން އަޅުގަނޑުމެންގެ ސިޔާސީ މަސައްކަތް ހުއްޓޭނެ ހާލަތަކަށް ނުދާނެ ގޮތަކަށް ޕީޕީއެމުން ކަންކަން ކަށަވަރުކުރާނެ." ވަން އޮންލައިނަށް މައުލޫމާތު ދެއްވި ޕީޕީއެމްގެ ކައުންސިލް މެންބަރަކު ވިދާޅުވިއެވެ.
ޕީޕީއެމްގެ ލީޑާޝިޕުގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތް އިރު، އެ ޕާޓީގެ މިހާރު ލީޑާޝިޕުން އެންމެ ފަހުން ބޭއްވި ކޮންގްރެސްގެ ނިންމުންތައް ޕާޓީގެ އަސާސީ ގަވައިދާ ޚިލާފު ކަމަށް ބުނެ އެ ނިންމުންތައް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމިއެވެ. އެހެން ނަމަވެސް އެ ނިންމުންތައް ސައްހަ ކަމަށް ކަނޑައަޅައި އެ ހުރިހާ ނިންމުމެއް ބަލައިގަންނަން ހައިކޯޓުން ފަހުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމަށް ދޭން ޖެހޭ ފައިސާ އެ ޕާޓީގެ މައްސަލަ ކޯޓުން ނުނިމެނީސް ދޫނުކުރަން ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.