ރައްޔިތުންގެ މަޖިލިސް

ޗިލްޑްރަންސް އޮންބަޑްސް ޕާސަންގެ މަގާމަށް ނިއުމަތު ޝަފީގުގެ ނަން ފޮނުއްވައިފި

އިބްރާހިމް ޒަކީ

1

ޗިލްޑްރަންސް އޮންބަޑްސް ޕާސަންގެ މަގާމަށް އައްޔަން ކުރުމަށް، މާފަންނު މާފުށީގޭ ނިއުމަތު ޝަފީގުގެ ނަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އޭނާގެ ނަން މަޖިލީހަށް އިއުލާން ކުރެއްވުމުން، އިތުރަށް ދިރާސާކުރުމަށް ވަނީ، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވަފައެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޗިލްޑްރަންސް އޮންބަޑްސް ޕާސަންގެ މަގާމަށް އައްޔަން ކުރުމަށް، ނިއުމަތު ޝަފީގުގެ ނަން މަޖިލީހަށް ފޮނުއްވީ، މީގެ ކުރިން އެ މަގާމަށް އައްޔަންކުރަން ފޮނުއްވި، ގދ. ތިނަދޫ، ހިރިޔާ، ސިޔާނަތު ހާޝިމް، އެކަމަށް އުޒުރުވެރިވެ ވަޑައިގެން އެމަގާމު ބޭނުންފުޅު ނޫންކަަމަށް އެންގެވުމާ ގުޅިގެންނެވެ.

ސިނާއަތު އެ މަގާމު ފުރުއްވެވުމަށް އުޒުރުވެ ވަޑައިގެން އެކަން އަންގަވާފައިވަނީ، އޭނާ އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ފާސްކޮށް، މަޖިލީހުުގެ ތަޅުމަށްވެސް ފޮނުވާފައި ވަނިކޮށެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުުގެ ދަށުން އުފައްދަންޖެހޭ މަގާމެކެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުުގެ 113 ވަނަ މާއްދާގައި ބުނެފައިވަނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރާ މިިންވަރު މޮނިޓާ ކުރުމަށްޓަކައި އައްޔަންކުރެވޭ، މިނިވަން މުސްތަގިއްލު ޗިލްޑްރަންސް އޮމްބަޑްސްޕާސަނެއް ހުންނަންވާނެ ކަމަށެވެ.

ގާނޫނުގައި ބުނެފައިވަނީ އޮމްބަޑްސްޕާސަންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދިމާވާ ކަންކަމާއި ހިންގާ ތަހުގީގުތަކުގެ ނަތީޖާތަކާ ގުޅޭގޮތުން ޖަވާބުދާރީ ވާނީ މަޖިލީހަށް ކަމަށެވެ.

އޮމްބަޑްސްޕާސަންގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނުގައި ހިމަނާފައިވަނީ، ދައުލަތުގެ އިދާރާތަކުން މި ގާނޫނަށް އަމަލުކުރާ މިންވަރު ދެނެގަނެ މި ގާނޫނު ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބާރުއެޅުމާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ މުއާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން އަމަލުކުރާ މިންވަރު ދެނެގަނެ އެ މުއާހަދާއާ އެއްގޮތަށް އަމަލު ކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމެވެ.

މީގެ އިތުރުން ރާއްޖޭގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓާކޮށް އިވެލުއޭޓްކުރުމާއި، އެފަދަ އިދާރާތަކާއި މުވައްޒަފުންގެ އަމަލުތައް ތަހުގީގުކޮށް މުތާލިއާކުރުން ވެސް އޮމްބަޑްސްޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟