އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 77

އަބްދުﷲ ފާރޫގް ހަސަން

11

(13 ޖޫން ގެ އަދަދާ ގުޅޭ)

މަދާއިނުގެ ފުލުހުންގެ ކޮމިޝަނަރާއި ޝާހީ ގަނޑުވަރުގެ ފާރަވެރީންގެ ދެ އޮފިސަރަކު މާނޭވާފުޅު ލައްވަވަމުން އެކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. ކޮމިޝަނަރ އިތުރު ތަމްހީދަކާ ނުލައި ވިދާޅުވިއެވެ. "މަލަކާ ޢާލަމެވެ! އާއްމުންގެ ބޮޑު ހުޖޫމެއް ގަނޑުވަރާ ދިމާކުރާން އެބައާދެއެވެ. މީހުންތައް ފާލަމާ ކައިރިވިޔަނުދީ ހުއްޓުވޭތޯ އަޅުގަނޑު މަސައްކަތްކުރީމެވެ. އަޅުގަނޑުގެ ވިއްސަކަށް ފަންސަވީހަކަށް މީހުން މަރުވެއްޖެއެވެ. އެއަށްވުރެ ގިނަމީހުން ޒަޚަމުވެއްޖެއެވެ. ޝާހީ ޚާއްޞަ ފާރަވެރީންގެ ލަޝްކަރުގެ އެހީ ހޯދާންވެސް އަޅުގަނޑު މަސައްކަތްކުރީމެވެ. އެކަމަކު އެލަޝްކަރުގެ މުޢަސްކަރު ހުރީ ފަޅަށެވެ. ކަމަނާފާނުގެ ވަފާތެރީންކުރެ އެތާތިބި މީހުން ވަނީ ޤަތުލުވެފައެވެ. ނުވަތަ ޖާނު ސަލާމަތްކުރާން ފިލައިގެން ގޮސްފައެވެ. ބާޣީ ސިފައިން ރަށުގެ އުތުރު ދޮރޯށި ހިފައިފިއެވެ. އަޅުގަނޑު ދަންނަވާން މިއައީ ޝާހީ ކޮއިލު ނުރައްކަލަށް ހުށަހެޅިފައިވާ ވާހަކައެވެ."

މަލަކާ ނިކަމެތިކޮށްލެއްވުމުގެ ރާގެއްގައި ވިދާޅުބަސް އިއްވެވިއެވެ. "ތިޔަ ޚަބަރު ދިނުމަށްޓަކައި ކަލޭ މިތަނަށް އައުމުގެ ބޭނުމެއްނެތެވެ. މިހާރު ދާށެވެ. އަހަންނަށް ރަށުތެރޭގެ ޚަބަރުތައް ފޮނުވަމުން ގެންދާށެވެ. ކަލޭގެ މީހުން އާއްމުންގެ ހެދުމުގައި ރަށުތެރެޔަށް ފަތުރައިލާށެވެ. އެމީހުން ގާތު ބުނާށެވެ. ޚުރާސާސީންނަށް ފަތަޙަ ލިބިއްޖެނަމަ މަދާއިނަށް ކުރިމަތިވާނެ ނުރައްކާތައް މީހުނަށް ވިސްނައިދޭށެވެ. ކަލޭގެ ކޮންމެވެސް ހިތްވަރުގަދަ އޮފިސަރަކު ޕޫރާންދުޚުތު ހޯދައި އޭނާ ޤަތުލުކޮށްލައިފިނަމަ އެމީހަކަށް އެކަމަނާގެ ބަރުދަނުގެ ރަން ދޭނަމެވެ."

ފުލުސް ކޮމިޝަނަރ އަދަބުވެރިކަމާއެކު ސަލާންކުރައްވައިފައި ބޭރަށް ނުކުމެވަޑައިގެންފިއެވެ. މަލަކާ ޢަސްކަރީ ދެ އޮފިސަރުންނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. މަސްރަޙު މިވަގުތު އޮތްގޮތާމެދު ފިކުރު ބޮޑުނުކުރާށެވެ. އަހަރެން މަދާއިނުގެ އާއްމުން ދަންނަމެވެ. މިއަދު އަހަންނާ އިދިކޮޅުވާ މީހުން މާދަމާ އަހަރެންގެ ދުޝްމިނުންނާ ދެކޮޅަށްވެސް ނަޢުރާ ކޮށްފާނެއެވެ. ބޭނުންވަނީ ޚުރާސާނީންގެ ނުރައްކާތެރިކަން އެބައިމީހުންނަށް އިޙްސާސްކޮށްދިނުމެވެ. އަހަރެމެންގެ ޖާސޫސުންނަށް އެމީހުންގެ ވާޖިބު އަދާކުރެވިއްޖެނަމަ މާދަމާއާ ހަމަޔަށް ރަށުގެ މަސްރަޙު ބަދަލުވެދާނެއެވެ. ތިޔަބައިމީހުންގެ އެންމެ އިސްވާޖިބަކީވެސް އެންމެފަހުގެ ވާޖިބަކީވެސް ޝާހީ ގަނޑުވަރު ޙިމާޔަތްކުރުމެވެ. ދާށެވެ. ތިޔަބައިމީހުންގެ ވާޖިބު އަދާކުރާށެވެ."

ދެއޮފިސަރުން ކުރުނީސްކޮށްފައި ބޭރަށް ނުކުމެއްޖެއެވެ. ގަނޑުވަރުގެ ބަނޑޭރިވެސް އެދެމީހުނާ ބައިވެރިވިއެވެ. އާޒަރުމީދުޚުތު އަތްޕުޅުން އިޝާރަތް ކޮށްލެއްވުމުން ޚުވާޖާސަރާއާއި ކަނީޒުންވެސް ބޭރަށް ނުކުމެއްޖެއެވެ. އާޒަރުމީދުޚުތު ޒަރުބަޚުތާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. އަޅުގަނޑު ކަލާ ވަރަށްބޮޑު މުހިންމަތަކަށް ފޮނުވަން ބޭނުމެވެ. ކަލާ ހަމަ މިރޭ ސިޔާދުޚަޝްގެ ގާތަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވާށެވެ. އަޅުގަނޑާއެކުގައި އައި ސަވާރުންކުރެ އެކަކު ކަލާގެ އަރިހުގައި ދާނެއެވެ. ސިޔާދުޚަޝްގެ ގާތުގައި ވިދާޅުވާށެވެ. ދުޝްމިނުން ހުއްޓުވަން މަސައްކަތްކުރުމުގެ ބަދަލުގައި ވީހައިވެސް އަވަހަކަށް މަދާއިނަށް އަންނާށެވެ."

ޒަރުބަޚުތު އެންމެ އެދިވަޑައިގަންނަވާކަމަކީ ކޮންމެވެސް ބަހަނާއެއްގައި ގަނޑުވަރުގެ ހަތަރުފާރުން ބޭރަށް ނުކުމެވަޑައިގެންނެވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމެވެ. އޭނާ ހިތްޕުޅުން ކަނޑައަޅުއްވައިފައިވަނީ އޭނާއަށް ފިލައިވަޑައިގަންނަވާނެ ފުރުޞަތެއް ލިބިވަޑައިނުގެންނެވިނަމަ މަލަކާގެ އަރިހުގައި ހުންނެވުމަށްވުރެ ޖަލުގައި އޮންނެވުންވެސް މާރަނގަޅު ކަމުގައެވެ. އެހެންކަމުން އޭނާ އެއްވެސް ފަސްޖެހިވަޑައިގެންނެވުމެއްނެތި އެކަން ޤަބޫލު ކުރެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު ތައްޔާރެވެ." އާޒަރުމީދުޚުތު އެކަމަނާގެ އިނގިލިފުޅުގައި އޮތް އަނގޮޓިފުޅު ބާލުއްވައިފައި ޒަރުބަޚުތަށް ދިއްކޮށްލައްވަމުން ވިދާޅުވިއެވެ. "ޝިޔާދުޚަޝް ކަލާގެ ވާހަކަފުޅާމެދު ޝައްކުކޮށްފިނަމަ ކަލާއަށް އަޅުގަނޑުގެ އަނގޮޓި ދައްކަވައިގެން ކަލާއަކީ އަޅުގަނޑުގެ ޤާސިދެއްކަން އޭނާއަށް ކަށަވަރުކޮށްދެއްވިދާނެއެވެ." ޒަރުބަޚުތު މަލަކާގެ އަތްޕުޅުން އަނގޮޓިފުޅު އަތުލައްވައިكبتش ޖީބުފުޅަށް ލައްވައިފިއެވެ.

މަލަކާ ވިދާޅުވިއެވެ. "އަޅުގަނޑު ވަނީ ކަލާއަށް އެންމެ ރަނގަޅު އަހެއް ތައްޔާރުކުރާން އަންގައިފައެވެ. ހިންގަވާށެވެ. އަޅުގަނޑު ކަލާގެ އަރިހުގައި ދޮރޯއްޓާ ހަމަޔަށް ދާނަމެވެ. އެކަމަކު މަޑުކުރައްވާށެވެ. އަޅުގަނޑު ހަމަ މިހާރު އެބައަންނަމެވެ." މަލަކާ އެހެން ވިދާޅުވެފައި ޖެހިގެންހުރި ކޮޓަރިކޮޅަށް ވެދެވަޑައިގެންފިއެވެ. އިރުކޮޅެއްގެފަހުން އެކަމަނާ ނިކުމެވަޑައިގެންނެވިއިރު އަތްޕުޅުގައި ފުރިފައިހުރި ރާތަށިކޮޅެއް ހުއްޓެވެ. އެކަމަނާ ވިދާޅުވިއެވެ. "ކަލާގެ މޫނުފުޅުމަތީން ފެންނަނީ ފޫހިފުޅުކަމެވެ. ލޯފުޅުގައިވަނީ ވަރުބަލިފުޅުކަމާއި އަވަހާރަފުޅުގެ އަސަރެވެ. މިތަށިކޮޅު ހިއްޕަވައިލެއްވުމުން ކަލާ ތާޒާވެވަޑައިގެންފާނެއެވެ." ޒަރުބަޚުތު ދެފުށުއެޅިވަޑައިގެންފައި ހުންނަވާން ފެއްޓެވުމުން މަލަކާ އެތަށިކޮޅުން ކޯވަރެއް ހިއްޕެވުމަށްފަހު ޒަރުބަޚުތު އަތްޕުޅުން ތަށި ދިއްކޮށްލައްވަމުން ވިދާޅުވިއެވެ. "މިއީ އެ ރާއެއް ނޫނެވެ." ޒަރުބަޚުތު މަލަކާގެ އަތްޕުޅުން ތަށިކޮޅު އަތުލައްވައިގެން އެއްނޭވާފުޅުން ހުސްކޮށްލައްވައިފިއެވެ.

ޒަރުބަޚުތު އެކޮޓަރިކޮޅުން ބޭރަށް ނިކުމެވަޑައިގެންފިއެވެ. މަލަކާ ހުންނެވީ އޭނާގެ މުލައްދަނޑިފުޅުގައި ހިފަހައްޓަވައިގެންނެވެ. ތަންތަންކޮޅުގައި އެލުވައިފައިހުރި ގިންދީލުތަކުގެ އަލީގައި ދިގު ސަރައްކާލިތަކާއި ސަންގުމަރުމަރުން ފައްކާކޮށްފައިހުރި މަގުތަކުން ވަޑައިގެން ދެބޭފުޅުންނަށް ހަރަމްސަރާއިން ބޭރަށް ނިކުމެވަޑައިގެންނެވިއްޖެއެވެ. ދެން ވެދެވަޑައިގެންނެވުނީ ހަރަމްސަރާއާއި ބޭރުގެ އިމާރާތްތަކާ ދޭތެރޭގައި އޮންނަ ރީތި ބަގީޗާގެ ތެރެޔަށެވެ. މަހެއްގެ އަށްވަނަ ރޭގެ ޗާލު ހަނދުވަރުގެ އަލީގައި އެބަގީޗާ ފެންނަނީ ވަރަށްވެސް ހުވަފެނީގޮތަކަށެވެ. މަލަކާ ކުއްލިޔަކަށް ހުއްޓިވަޑައިގެން ޒަރުބަޚުތާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. "ޒަރުބަޚުތެވެ! އަޅުގަނޑު އަރައި މިއިން ނަވުގެ ބަނޑުފިލާގައިވަނީ ވަރަށްގިނަ ބާގަނޑުތަކެއް ހެދިފައެވެ. މަދާއިނުން ބޭރަށް ނިކުމެވަޑައިގެންނެވުމަށްފަހު ކަލާ ތިޔަ ވަޑައިގެންނެވީ ފެތެމުންދާ ނަވެއް ދޫކޮށްލައްވައިފައި ކަމަށާއި، ފަސްއެނބުރި ވަޑައިގެން ބައްލަވައިލެއްވުމުގެ ބޭނުންފުޅެއް ނެތްކަމުގައި ކަލާ ހީފުޅުކުރެއްވިޔަސް ކަލާއާމެދު އަޅުގަނޑުގެ އެއްވެސް ޝަކުވާއެއް ނެތެވެ. އެކަމަކު ކަލާގެ އަރިހުގައި ދަންނަވާލަން އަޅުގަނޑު ބޭނުމެވެ. އަޅުގަނޑަކީ ޝެހެޒާދީއަކަށް ނުވެފައި އަޅުގަނޑުގެ ހިތުގައި އީރާނުގެ ރަނިކަމަނާގެ ނަމުން މުޚާޠަބު ކުރެވުމުގެ ޝައުޤު ނުއުފެދުނުނަމަ ކަލާގެ އެކުވެރިކަމުގައި ދިރިއުޅުން ފިޔަވައި އެހެން އެއްވެސް މަޤްޞަދެއް އަޅުގަނޑުގެ ޙަޔާތަކު ނެތީހެވެ."

އާޒަރުމީދުޚުތުގެ އެންމެފަހުގެ ޖުމުލައާއެކު ގިސްލެއްވޭގޮތްވެއްޖެއެވެ. އެކަމަނާގެ ވާހަކަފުޅު އޮބިގެންދިޔައީ ބާރަށް ގިސްލެއްވުމުގެ ތެރެޔަށެވެ. ޒަރުބަޚުތަށް އެންމެފުރަތަމަ ފަހަރަށް އިޙްސާސްކުރެއްވުނީ އީރާނުގެ މަލަކާއަކީވެސް އަންހެން ބޭފުޅެއްކަމެވެ. ސިކުންތުކޮޅެއްހައި އިރަށް އޭނާގެ ހިތްޕުޅުގައި އާޒަރުމީދުޚުތާމެދު ނަފްރަތުގެ ބަދަލުގައި ރަޙުމުގެ ޖަޒުބާތު އުފެދުނެވެ. ނަމަވެސް އެ އުފެދުނު ޖަޒުބާތުގެ މިންވަރަކީ ގޮނޑުދޮށުގައި އޮންނަ އާނުގަނޑެއްގެ މައްޗަށް ރާޅެއް ބިންދައިލުމުން އެ އާނުގަނޑަށް އަސަރުފޯރާނެ މިންވަރެވެ.

ޒަރުބަޚުތު ފެން އަޑުފުޅަކުން ވިދާޅުވިއެވެ. "މަލަކާއެވެ! އަޅުގަނޑަށް ލަސްވަނީއެވެ." މަލަކާ ޝަކުވާގެ ރާގުގައި ވިދާޅުވިއެވެ. "އަޅުގަނޑުގެ ނަމަކީ އާޒަރުމީދުޚުތެވެ. ކަލާ އެނބުރި ވަޑައިގެންނެވުމަށްފަހު އާޒަރުމީދުޚުތު ނޫން އެހެން ނަމެއް ކަލާގެ ދޫފުޅުން އަޑުއިވޭކަށެއް އަޅުގަނޑު ޤަބޫލެއް ނުވާނަމެވެ. ކަލާ ވަރަށް އަވަހަށް ވަޑައިގަންނަވާނު ދޮގެއްތޯއެވެ؟"

ޒަރުބަޚުތު ވަރަށް ތުރާފުޅުން ޖަވާބު ދެއްވިއެވެ. "އަޅުގަނޑަށް އެނގޭނެނަމައެވެ. މިއީ ވާހަކަ ދެކެވޭކަހަލަ ވަގުތެއް ނޫނެއް ނޫންތޯއެވެ؟ ވަރަށް އެބަލަސްވެއެވެ. ކަމަނާގެ ހާލުކޮޅު ރަނގަޅެއްނޫނެވެ. އެނބުރިވަޑައިގެން އަރާމުކުރެއްވުން ރަނގަޅެއް ނުވާނެތޯއެވެ؟"

"ނޫނެކެވެ. އަޅުގަނޑު ކަލާ އެރެހައްޓައިފައި ފާރުމަތީގައި ބުރެއްޖަހައިލާނަމެވެ. އަޅުގަނޑާމެދު ވިސްނައި ވަޑައިނުގަންނަވާށެވެ. އަޅުގަނޑު މުޅީން ރަނގަޅެވެ. ހިންގަވާށެވެ." މަލަކާ މިހެން ވިދާޅުވެފައި ޒަރުބަޚުތުގެ ކޮނޑުފުޅުމަތީގައި އަތްޕުޅު ބާއްވަވައިފިއެވެ.

+ + + + +

ބޭރު ދޮރޯއްޓާ ތަންކޮޅެއް ދުރުން އެބޭފުޅުންނަށް އިންސާނީ ހުޖޫމެއްގެ ހަޅޭފަޅޭކުގެ އަޑު އިވިވަޑައިގަންނަވާން ފަށައިފިއެވެ. އާޒަރުމީދުޚުތު ވިދާޅުވިއެވެ. "މީހުންތައް އެބައާދެއެވެ. އެއަންނަނީ މިދިމާޔަށެވެ."

އިރުކޮޅެއްގެ ތެރޭގައި އެބޭފުޅުން ތިއްބެވީ ކޮއިލުގެ ބޭރު ދޮރޯށީގެ ކައިރީގައެވެ. ފާރަވެރީންގެ މެދުގައެވެ. އެއްވެފައިތިބި މީހުންތަކުގެ ނަޢުރާގެ އަޑުއައްސަވާށެވެ.

ގަނޑުވަރުގެ ބަނޑޭރި ބުރުޖުގެ ސިޑިމަތީން ދައްކައިލައިފިއެވެ. އޭނާ އެބޭފުޅުންގެ އަރިހަށްއައިސް ދެންނެވިއެވެ. "މަލަކާ ޢާލަމެވެ! އަސްކޮޅު ތައްޔާރެވެ. އެކަމަކު އަޅުގަނޑުމެންނަކަށް ދޮރޯށިކޮޅެއް ނުހުޅުވޭނެއެވެ."

މަލަކާ ވިދާޅުބަސްފުޅު އިއްވެވިއެވެ. އިރުމަތީ ދޮރުން ނުވަތަ ހުޅަނގު ދޮރުން އޭނާ ނެރެދޭށެވެ!"

"ވިދާޅުބަސް ބޯމައްޗެވެ. އެކަމަކު އެދިމާގައިވެސް ކަންހުރީ ހަމަމިގޮތަށެވެ. އަޅުގަނޑުމެންނަކަށް އެއްވެސް ދޮރޯށިކޮޅެއް ނުހުޅުވޭނެއެވެ. ކަމަނާފާނަށް ބިންގަރާސްމަގުން އޭނާ ބޭރަށް ނެރުއްވިދާނެއެވެ."

"އަހަރެން ބޭރު ބަލައިލާން ބޭނުމެވެ." މަލަކާ އެހެން ވިދާޅުވެފައި ބުރުޖުގެ ސިޑިޔާ ދިމާޔަށް ވަޑައިގަންނަވާން ފެއްޓެވުމުން ޒަރުބަޚުތުއާއި ގަނޑުވަރުގެ ބަނޑޭރިއާވެސް އެކަމަނާގެ ފަހަތްޕުޅުން ވަޑައިގެންފިއެވެ. ބުރުޖަށް އަރައިވަޑައިގެންނެވުމުން އެކަމަނާއަށް ފެނިވަޑައިގެންނެވީ އިންސާނުން ރާޅުޖަހަޖަހައި އޮތް މާކަނޑެކެވެ. ލޮލުކޮޅަށްގޮސް އޮބައިލާންދެން މީހުންތައް އެތުރި އަރައަރައި ތިއްބެވެ. އާޒަރުމީދުޚުތު އިރުކޮޅެއްވަންދެން މީހުންގެ ނަޢުރާތަކާއި ހަޅޭފަޅޭކުގެ އަޑު އައްސަވާން ހުންނެވިއެވެ. ޒަރުބަޚުތު ވިދާޅުވިއެވެ. "އަޅުގަނޑު ދޮރޯށިކޮޅާ ތަންކޮޅެއް ދުރުން ފާރުމަތީން ފައިބައިފާނަމެވެ. އަޅުގަނޑު ބޭނުމަކީ ހަމައެކަނި ވަލެކެވެ. ގަނޑުވަރުން ނިކުމެވުމުން އަހެއްގެ ކަންތައް ހަމަޖެއްސިދާނެއެވެ."

ގަނޑުވަރުގެ ބަނޑޭރި ދެންނެވިއެވެ. "ދެކޮޅުވެރީން ހުރިހައި ތަނެއްގައިވެސް އެބަތިއްބެވެ. އެމީހުންވަނީ މުޅި ގަނޑުވަރު ޙިޞާރުކޮށްފައެވެ. މިތަނުން ނިކުމެވަޑައިގެންނެވުނު ކަމުގައިވިޔަސް ރަށުބޭރު ދޮރޯއްޓާ ހަމައިންވެސް ބާޣީންނާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެއެވެ."

އާޒަރުމީދުޚުތު ވިދާޅުވިއެވެ. "ނޫނެކެވެ. ޒަރުބަޚުތެވެ! މި ޙާލަތުގައި ކަލާ އަޅުގަނޑު ދޫކޮށްލައްވައިފައި ވަޑައެއް ނުގަންނަވާނޫއެވެ. ބާޣީން ގަނޑުވަރާ ޙަމަލަދީފިނަމަ އަޅުގަނޑު ކަލާގެ އެހީފުޅު ބޭނުންވާނެއެވެ. ކަލާ އަޅުގަނޑާއެކުގައި ވަޑައިގަންނަވާށެވެ. ސިއްރު މަގަކުން އަޅުގަނޑުމެންނަށް ބޭރަށް ނުކުމެވިދާނެއެވެ."

މަލަކާ ތުރުތުރުއަޅާ އަތްޕުޅަކުން ޒަރުބަޚުތުގެ މުލައްދަނޑިފުޅުގައި ހިފަހައްޓަވައިފިއެވެ. ގަނޑުވަރުގެ ބަނޑޭރިއާ މުޚާޠަބުކުރައްވައި ވިދާޅުވިބަސް އިއްވެވިއެވެ. "ކަލެޔަށް ފަތިސްވަންދެން ބާޣީން ހުއްޓުވިއްޖެނަމަ އަހަރެމެންނަށް ސަލާމަތުން ނުކުމެވިދާނެއެވެ. ގަނޑުވަރުގެ ފާރަވެރީންނަށް ހިތްވަރުދޭށެވެ. އަހަރެމެންނާ އެހީވާން ވަރަށްބޮޑު ލަޝްކަރެއް އެބައާދެޔޭ ބުނާށެވެ. ބާޣީން ގަނޑުވަރާ ދިމާކޮށްފިނަމަ ދުނިއުކިޔަސް އެންމެ ރަނގަޅެވެ. އެކަމަކު ކަލޭގެ މަސައްކަތަކަށް ހަނދާންވާނީ ކުރިމަތިލުމަކަށް ނުގޮސްވޭތޯ ބެލުމެވެ."

ޒަރުބަޚުތު ވިދާޅުވިއެވެ. "އަޅުގަނޑު މިބައިމީހުނާއެކު މަޑުކޮށްލުން ރަނގަޅެއް ނުވާނެތޯއެވެ. ކަމަނާ ވަޑައިގެން އަރާމުކުރައްވާށެވެ."

"ނޫނެކެވެ. ކަލާ އަޅުގަނޑާއެކު ހިންގަވާށެވެ. ކަލާއާ ވަރަށް މުހިންމުކަމެއް ހަވާލުކުރަން އަޅުގަނޑު ބޭނުމެވެ."

ޒަރުބަޚުތު މަލަކާގެ އަރިހުގައި ވަޑައިގަންނަވާން ފައްޓަވައިފިއެވެ. ސިޑީން ފައިބައިވަޑައިގަންނަވާން ފައްޓަވާއިރަށް ޒަރުބަޚުތަށް އިޙްސާސްވެވަޑައިގެންނެވީ މަލަކާގެ ފައިންޕުޅު ތުރުތުރުއަޅާކަމެވެ. ދޮރޯއްޓާ ދުރަށް ތަންކޮޅަކަށް ވަޑައިގެންނެވޭއިރަށް މަލަކާގެ އަތްޕުޅު ޒަރުބަޚުތުގެ މުލައްދަނޑިފުޅުން ދޫވާން ފަށައިފިއެވެ. އެކަމަނާ ތުރުތުރު އަޅައިވަޑައިގަންނަވަމުން ތަންކޮޅަކަށް ވަޑައިގެންނެވުނުތަނާ އެކަމަނާގެ ހަށިކޮޅުން ބާރު ހުސްވެއްޖެއެވެ. ހޭފުޅުނެތިވަޑައިގެން ވެއްޓިވަޑައިގަންނަވާން ފެށުމުން ޒަރުބަޚުތު އޭނާގެ އަތްދަނޑިފުޅުމައްޗަށް އެކަމަނާ ނަންގަވައިގަންނަވައިފިއެވެ. އޭނާ ދުވެވަޑައިގެންފައި ގަނޑުވަރާ ދިމާޔަށް ވަޑައިގަންނަވާން ފެއްޓެވުމުން މެދުދޮރޯށިކޮޅުގެ ފާރަވެރީންގެ ތެރެއިން ދެމީހަކުވެސް އޭނާޔާ ބައިވެރިވެއްޖެއެވެ.

(ނުނިމޭ)