އިބްރާހިމް ޒަކީ
ވެންޓިލޭޓަރުގައި އޮވެގެން ލީޑަރުކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅުންވެސް އިއްޔެ ބަޔާން ނެރުއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.
މެންބަރު ހަލީމް މިހެން މި ވިދާޅުވީ، ކޯލިޝަންގެ އެއް ޕާޓްނަރު ކަމަށްވާ ކުރީގެ ރައީސް، އަދި އެމްއާރްއެމްގެ އިންތިގާލީ ރައީސް، ރައީސް މައުމޫނަށް ނިސްބަތް ކުރައްވައި ކަމަށް ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އެމްޑީޕީގެ އެކްޓިވިސްޓު އިބްރާހިމް ޖައުފަރު (ޖޯރޭ)، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ފުރައްސާރަ ކުރި މައްސަލަ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްޔެ ވަނީ ކުށްވެރިކުރައްވައިފަ އެވެ. އަދި ރާއްޖޭގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން އުމުރުފުޅުން އެންމެ ދުވަސްވީ ލީޑަރަކީ ވެސް ރައީސް މައުމޫނެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ފުރައްސާރަ ކުރި ކަމަށް ބުނެ ޖޯރޭގެ މައްސަލަ ފުލުހަށް ހުށަހެޅުއްވީ ބާރާއި ނުފޫޒުން ނުހައްގުން އޭނާއަށް އިތުރަށް އަނިޔާ ދިނުމަށް ކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ބަހުސް ކުރަމުން އަންނަ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވުން އަހުމަދު ހަލީމް ވިދާޅުވީ، ވެންޓިލޭޓަރުގައި އޮތަސް ވެރިކަމާއިގެން އުޅުއްވާ ބޭފުޅުން ރާއްޖޭގައި އެބަ ތިބި ކަމަށެވެ. އެގޮތުން އަމިއްލައަށް ހިނގައި ނޫޅެވޭ ބޭފުޅުން ބަޔާން ނެރުއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އިއްޒަތްތެރި ރައީސަށް އެނގިވަޑައިގަންނަވާނެ، މިރާއްޖޭގައި ވެންޓިލޭޓަރުގައި އޮވެގެންވެސް ލީޑަރުކަން ކުރައްވަން ބޭނުންފުޅުވާ ބޭފުުން އިއްޔެ ބަޔާން ނެރުއްވާފަ އެބަހުރި އަޅުގަނޑަށް ހީވަނީ އޭގެ ތެރެއިން އެއް ލީޑަރު މިހާރުވެސް އޮންނަވާނީ ވެންޓިލޭޓަރުގަހެން އަމިއްލަ ހާލުގައި ހިނގައި ނޫޅުއްވޭ ބޭފުޅުން އެބަ ބަޔާން ނެރުއްވާ،" މެންބަރު އަހުމަދު ހަލީމް ވިދާވިއެވެ.
ރައީސް ވަހީދަށް ފުރައްސާރަކުރި މައްސަލައިގައި ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިއްޔެ ހެނދުނު ރައީސް ވަހީދަށް ފުރައްސާރަ ކުރި މައްސަލަ އެ ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިފަދަ ފުރައްސާރަ ކުރުންތަކަށް މުޖުތަމައަށް ޖާގައެއް ނުދޭނެ ކަމަށް މައުމޫންގެ ޓުވީޓުގައި ވިދާޅުވިއެވެ.