އިބްރާހިމް ޒަކީ
ފެބްރުއަރީ 2012 ގައި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ގޮތް ރައްޔިތުންގެ މަޖިލީހުން ބަލައި ތަހުގީގު ކުރުމަށް، ސަންސެޓް ގާނޫނެއް އެކުލަވާލަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިފިއެވެ.
މި ހުށަހެޅުން މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު ސަލީމެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ފުރައްސާރަ ކުރި ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓު އިބްރާހިމް ޖައުފަރު (ޖޯރޭ)ގެ މައްސަލަ ފުލުހަށް ހުށަހެޅުއްވީ ބާރާއި ނުފޫޒުން ނުހައްގުން އޭނާއަށް އަނިޔާދިނުމަށް ކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަަވަމުން ސަލީމް ވިދާޅުވީ، ހަތެއް ފެބްރުއަރީ 2012 ގެ ހާދިސާއަށްފަހު، ވެރިކަމުން ދުރަށްޖެހިވަޑައިގެން ރައީސް ނަޝީދު ހުންނެވީ، މަސްލަހަތަށްޓަކައި، އެ ހާދިސާއާ ގުޅިގެން ނެރުނު ރިޕޯޓާއެކު ކުރިއަށް ވަޑައިގެންނެވުމަށް ކަމަށެވެ.
ނަމަވެސް އެ ރިޕޯޓަކީ، ރައްޔިތުން ގަބޫލު ކުރާ ރިޕޯޓެއް ނޫންކަމަށާއި، އެކަމާ ބެހޭގޮތުން އަދުލުވެރި އިންސާފުވެރި ތަހުގީގެއް ކުރަން ރައްޔިތުން އެދޭ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަމަށާއި، އެކިއެކި މުހިއްމު ކަންތައްތައް ތަހުގީގު ކުރުމަށްޓަކައި ސަންސެޓް ގާނޫނެއް އުފަންކޮށް އެކަމަށް ގާނޫނީ އޮނިގަނޑެއް އޮންނަން ޖެހޭކަން ވަރަށް ސާފުކޮށް އެނގޭ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
އެހެންކަމުން 7 ފެބްރުއަރީ 2012 ގެ މި ހިތާމާވެރި، ބިރުވެރި، ނުރައްކާތެރި، ހާދިސާއާ ގުޅިގެން ފުރިހަމަ ތަހުގީގެއް ކުރުމަށް ޓަކައި ބޭނުންވާ ގާނޫނީ އޮނިގަނޑެއް މަޖިލީހުން އުފެއްދުމަށް ހުށަހަޅުއްވާ ކަމަށް ސަލީމް ވިދާޅުވިއެވެ.