ޕީޕީއެމް

ޕީޕީއެމް އިން އުފައްދާ އާ ސިޔާސީ ޕާޓީގެ ނަމަކަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް!

ޕީޕީއެމް އިން އުފައްދާ އާ ސިޔާސީ ޕާޓީގެ ނަމަކަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ކިޔުމަށް ނިންމައިފިއެވެ.

ޕީޕީއެމް އިން އަލަށް އުފައްދަން ނިންމާފައިވާ ނަމަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ކަން "ވަން އޮންލައިން"އަށް ވަނީ ކަށަވަރުވެފައެވެ.

ވަން އޮންލައިނަށް ކަށަވަރުވެފައިވާ ގޮތުގައި އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ކައުންސިލް ދެ ބައްދަލުވުމުގައި ވެސް ވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ. އަދި އެކަމާ ގުޅިގެން ވާން ޖެހޭ ތައްޔާރީތައް ކުރިޔަށް ގެންދަން ޕާޓީގެ ލީޑާޝިޕާ ވަނީ ހަވާލުކޮށްފަ އެވެ.

ވަން އޮންލައިނަށް އެނގިފައިވާ ގޮތުގައި ޕީޕީއެމުން އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ވާން ޖެހޭ ތައްޔާރުތައް ވަމުން މި އަންނަނީ އެ ޕާޓީގެ ލީޑާޝިޕުގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމާ އެކު މައްސަލައިގެ ހުކުމް އަތުވެދާނެ ގޮތަކަށް ވިސްނައި، އެ މަސައްކަތް އަވަސް ކުރުމަށްޓަކަ އެވެ.

"ސުޕްރީމް ކޯޓުގައި އޮތް މައްސަލައިގެ ހުކުމް ކޮންމެ ގޮތަކަށް ވެސް އަތުވެދާނެ ދެއްތޯ. އެހެން ވީމަ އިންތިޚާބުތަކެއްގެ މެދުން އަޅުގަނޑުމެންގެ ސިޔާސީ މަސައްކަތް ހުއްޓޭނެ ހާލަތަކަށް ނުދާނެ ގޮތަކަށް ޕީޕީއެމުން ކަންކަން ކަށަވަރުކުރާނެ." ވަން އޮންލައިން އަށް މައުލޫމާތު ދެއްވި ޕީޕީއެމްގެ ކައުންސިލް މެންބަރަކު ވިދާޅުވި އެވެ.

ޕީޕީއެމްގެ ލީޑާޝިޕުގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތް އިރު، އެ ޕާޓީގެ މިހާރު ލީޑާޝިޕުން އެންމެ ފަހުން ބޭއްވި ކޮންގްރެސްގެ ނިންމުންތައް ޕާޓީގެ އަސާސީ ގަވައިދާ ޚިލާފު ކަމަށް ބުނެ އެ ނިންމުންތައް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި އެވެ. އެހެން ނަމަވެސް އެ ނިންމުންތައް ސައްހަ ކަމަށް ކަނޑައަޅައި އެ ހުރިހާ ނިންމުމެއް ބަލައިގަންނަން ހައިކޯޓުން ފަހުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމަށް ދޭން ޖެހޭ ފައިސާ އެ ޕާޓީގެ މައްސަލަ ކޯޓުން ނުނިމެނީސް ދޫނުކުރަން ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.