ޕީޕީއެމް

ޕީޕީއެމް ކޮންގްރެސްގެ މައްސަލަ އިސްތިއުނާފް ކުރުމަށް އީސީން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

1

ޕީޕީއެމް އިން ބޭއްވި ކޮންގްރެސް ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައި ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް އެ ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ހައި ކޯޓުން ކުރި ހުކުމް އިސްތިއުފާ ކުރުމަށް އީސީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަން އެ ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް ވަނީ "ވަން އޮންލައިން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ގައި ޕީޕީއެމް އިން ހާއްސަ ގޮތެއްގައި ބޭއްވި ކޮންގްރެސް ބާއްވާފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

ހައިކޯޓުގެ ހުކުމުގައި ވަނީ ކޮންގްރެސްގައި ވޯޓިން ބޫތު ބަހައްޓާފައިވާ ގޮތާ ގުޅިގެން އީސީން އެއީ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ބުނި ނަމަވެސް ވޯޓިން ބޫތު ވަކި ގޮތަކަށް ބަހައްޓަން ބުނެފައިވަނީ ވޯޓުގެ ސިއްރުކަން ނުގެއްލޭ ގޮތަށް އަމަލުކުރުމަށް ކަމަށާއި އެކަން ކަށަވަރު ކުރުމުގެ ގޮތުން ރިޔާސަތުން ފިޔަވަޅު އަޅާފައިވާކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން ވޯޓު ކަރުދާސް އެހެން މީހުންނަށް ނުދެއްކުމަށާއި އެހެން މީހުން ފާހަގަޖަހާތަން ނުބެލުމަށް އަންގާފައިވާކަން ވެސް ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ޕީޕީއެމްގެ ދަފްތަރުގައި ނެތް އެތައް ބަޔަކު ޕީޕީއެމް ކޮންގްރެސްގައި ވޯޓު ލާފައިވާ ކަމަށް އީސީން ބުނި ނަމަވެސް އީސީގައި އޮންނަ ޕީޕީއެމް ދަފްތަރަށް ވުރެ އަޕްޑޭޓް ވާނީ ޕީޕީއެމްގައި އޮންނަ ދަފްތަރު ކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ. ނަމަވެސް އީސީން ޕީޕީއެމްގެ ދަފްތަރު ބަލާފައި ނުވާ ކަމަށް އީސީން ކޯޓުގައި ވިދާޅުވެފައިވާ ކަމަށާއި އަދި އީސީން ބުނާ ޕީޕީއެމްގައި ނެތް މެމްބަރުންނަކީ ޕީޕީއެމްގެ ދަފްތަރުގައި ހިމެނިފައިވާ މީހުންކަން ނުވަތަ ނޫންކަން އީސީން ކަށަވަރުކޮށްދީފައި ނުވާ ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

އަދި ޕީޕީއެމް އިން ކުރި އިއުލާނުގައި ތިން ނައިބު ލީޑަރުން ނަގަން އިއުލާން ކުރުމަށްފަހު ކޮންގްރެސްގައި ހަތަރު ނައިބު ލީޑަރުން އިންތިހާބު ކުރީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް އީސީން ބުނި ނަމަވެސް، އެ އިއުލާނަކީ ޕީޕީއެމްގެ އަސާސީ ގަވާއިދު އިސްލާހު ކުރުމުގެ ކުރިން ކޮށްފައިވާ އިއުލާނެއްކަން ވެސް ހައިކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް ބާތިލުކުރަން އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި، ޕީޕީއެމްއިން ބޭއްވި ކޮންގްރެސްގެ ނިންމުންތައް ބަލައި ނުގަތުމަށް އީސީން ނިންމާފައިވާއިރު، ޕީޕީއެމްގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތަކަށާއި، ގަވާއިދުތަކުގެ އިތުރުން ކޮންގްރެސްގެ ޔައުމިއްޔާއަށް އީސީން ބަލާފައި ނުވާކަން އެނގެން އޮތް ކަމަށް ހުކުމުގައި ވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟