ކުޅިވަރު

ހިންނަވަރު ފުޓުބޯޅަގެ މަސައްކަތް ފުރަތަމަ ހަވާލުވި ކުންފުންޏަށް ނުކުރެވުމުން އެހެންބަޔަކާ ހަވާލުކޮށްފި

އައިދާ އަބްދުލް ހަކީމް

ހިންނަވަރު ފުޓުބޯޅަ ދަނޑުގެ ސަބް ބޭސްގެ މަސައްކަތް ފުރަތަމަ ހަވާލުވި ކުންފުންޏަށް ނުކުރެވުމުން ކޮންޓްރެކްޓް ބާތިލުކޮށް އެހެންބަޔަކާ ހަވާލުކޮށްފިއެވެ.

މިނިސްޓާ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިންނަވަރު ދަނޑުގެ ސަބް ބޭސް މަސައްކަތް ފުރަތަމަ ހަވާލުވި ކުންފުންޏަށް ނުކުރެވުމުން ކޮންޓްރެކްޓް ބާތިލުކޮށް އަދި ދިމާވި ދަތިތައް ހައްލު ކުރުމަށްފަހު އިއްޔެ ވަނީ އެހެން ކުންފުންޏަކަށް މަސައްކަތް ހަވާލު ކޮށްފައިކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އުންމީދު ކުރަނީ އިތުރަށް މި މަސައްކަތް ލަސްނުވެ ނިންމާ ލެވޭނެ ކަމުގައެވެ. މިމަސައްކަތް މީގެ ކުރިން ހަވާލުކޮށްފައިވަނީ ސިފައިންގެ ވިޔަފާރި ކުންފުނި(ސިވެކް) އާއެވެ. މިފަހަރު މި މަސައްކަތް ހަވާލުކޮށްފައިވަނީ ހައިޑްޒޯން ޕްރައިވެޓް ލިމިޓެޑާއެވެ.

ސަރުކާރުގެ އަމާޒެއް ކަމުގައިވާ ރަށްރަށުގައި ބޮޑު ފުޓުބޯޅަ ދަނޑުތަކެއް އެޅުމުގެ ވައުދުގެ ތެރެއިން މިހާރު ސަބް ބޭސް އެޅުމަށް އެކި ކުންފުނިތަކާ ހަވާލުކޮށްފައިވާ 13 ރަށެއްގައި ފީފާ އެޕްރޫވްޑް ޓާފް އެޅުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު އެވެ.

ޓާފް އެޅުމަށް ނިންމި ރަށްތަކަކީ ހއ. ދިއްދޫ، ހއ. ނެއްލައިދޫ، ނ. ހޮޅުދޫ، ނ.ކެނދިކުޅުދޫ، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ފ.ނިލަންދޫ، ލ. ގަން، ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ޏ.ފުވައްމުލަކުގެ އިތުރުން ސ. ފޭދޫ އެވެ. މީގެ ތެރެއިން މިހާތަނަށް ޓާފް އަޅާފައިވަނީ ނ. ހޮޅުދޫ އާއި ފ.ނިލަންދޫ ގައެވެ.

ޔޫތު މިނިސްޓްރީން ބުނީ މީގެ ތެރެއިން ގިނަ ރަށްރަށުގެ ދަނޑުތަކުގެ ސަބް ބޭސްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ދަނޑުތަކުގެ މަސައްކަތް މިހާރު މަޑު ޖެހިފައިހުރީ ކޮވިޑް 19 އާ ގުޅިގެން ކަމަށެވެ.