ކުޅިވަރު

61 ރަށަށް ބޭނުންވާ އައުޓްޑޯ ޖިމް ސާމާނު ރާއްޖެ ގެނެސްފި

އައިދާ އަބްދުލް ހަކީމް

ރާއްޖޭގެ 61 ރަށުގެ އައުޓްޑޯ ޖިމް ސާމާނު މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށް މިނިސްޓާ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބާކީ ނުލިބި ހުރި ސާމާނާއެކު، ޖިމްތައް ހެދުމުގެ މަސައްކަތް އަންނަ އޮގަސްޓުމަހުގައި ފެށޭނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ރަށްތަކެއްކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.

ޖިމަށް ބޭނުންވާ ސާމާނު ރަށްރަށުގެ ކައުންސިލްތަކާ ހަވާލު ކުރުމުން އިންސްޓޯލްކުރުމާއި ޖިމްއާގުޅޭ އެންމެހާ ކަންކަން ކުރިއަށް ގެންދާނީ އެރަށެއްގެ ކައުންސިލް ތަކުން ކަމަށް ޔޫތުމިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

ސަރުކާރުން ރާއްޖޭގެ ކަންކޮޅުތަކުގައި އައުޓްޑޯ ޖިމް ގާއިމްކުރުމުގެ މައިގަނޑު މަގުސަދަކީ ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ފަސޭހަކަމާއެކު ހެލިފެލިވެ ކަސްރަތުކުރަން އުޅެވޭނެ މާހައުލެއްގައި އެފަދަ ވަސީލަތްތައް ގާއިމްކޮށްދިނުމާއެކު ކުދިބޮޑު އެންމެންނަށް ހެލިފެލިވެ ކަސްރަތު ކުރުމަށް ބާރުއެޅުން ކަމުގައި ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ.

މީގެ ކުރިން އެޗްޕީއޭއިން ބުނެފައިވަނީ ރާއްޖޭގެ އެންމެ ގިނަމީހުން ބަލިވާ އަދި މަރުވާ ސަބަބުތައް ގުޅިފައިވަނީ ދިރިއުޅުމުގެ އާދަކާދަތަކާކަމުގައެވެ. އަދި ރާއްޖޭގެ އާބާދީގެ 73 އިންސައްތަ މީހުންނަކީ އެކަށިގެންވާ މިންވަރަށް ހެލިފެލިވެ ނޫޅޭ މީހުން ކަމަށާއި ހެލިފެލިވެ އުޅުމާއި ގަވާއިދުން ކަސްރަތު ކުރުމަކީ ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށް ވަރަށް މުހިންމު ކަމެއް ކަމުގައިވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.