ކުޅިވަރު

ރޭގެ މެޗު މެސީއަށް ހާއްސަ، ބާސެލޯނާއަށް ފަސޭހަމޮޅެއް

އައިދާ އަބްދުލް ހަކީމް

ސްޕެނިޝް ލީގުގައި ބާސެލޯނާ ކުޅުނު ފުރަތަމަ މެޗު މެސީއަށް ހާއްސަވީ އިރު، ބާސެލޯނާއިން ފަސޭހަކަމާއެކު ރޭގެ މެޗް ކާމިޔާބުކޮށްފި އެވެ.

ކޮވިޑް 19 ގެ ސަބަބުން މެދުކަނޑާލުމަށް ފަހު އަލުން ފެށި ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި މަޔޯކާއާ ވާދަކޮށް ބާސެލޯނާ އިން މެޗު ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މެސީ ވަނީ މި ސީޒަނުގެ ލީގުގައި 20 ގޯލު ޖަހައި 14 ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. އަދި، މިއީ ލީގުގައި ޖެހިޖެހިގެން 20 ގޯލު މެސީ ޖެހި 12 ވަނަ ސީޒަނެވެ.

ބާސެލޯނާގެ ފުރަތަމަ ލަނޑު މެޗްގެ 66 ސިކުންތުގައި އާޓޫރޯ ވިޑާލް ޖަހައިދިން އިރު ދެވަނަ ލަނޑު ކާމިޔާބު ކުރީ އެޓީމުގެ ތަރި ލިއޮނަލް މެސީގެ އެހީތެރިކަމާއެކު ކުރިން އިނގިރޭސި ކްލަބް މިޑްލްސްބަރާ އަށް ކުޅުނު ޑެންމާކްގެ ފޯވާޑް މާޓިން ބްރައިތުވެއިޓް އެވެ.

ބާސެލޯނާގެ ތިން ވަނަ ގޯލު ޖެހީ މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖޯޑީ އަލްބާ އެވެ. އެޓީމުގެ ފަހު ގޯލު މެޗުގެ ފަހު މިނެޓުގައި ޖެހީ މޮޅު ކުޅުމެއް ދެއްކި އެޓީމުގެ ކެޕްޓަން މެސީ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ވަނީ އޮންޓުއަން ގްރީޒްމަންގެ ބަދަލުގައި ލުއިސް ސުއަރޭޒް ކުޅެން އަރުވައިފަ އެވެ. މިއީ ޖެނުއަރީ މަހު ކުރި ކަނާތު ކަކުލުގެ ސާޖަރީއަށް ފަހު ސުއަރޭޒް ބާސެލޯނާއަށް ކުޅުނު ފުރަތަމަ މެޗެވެ.

މޮޅާއެކު ބާސެލޯނާއަށް 61 ޕޮއިންޓާއި އެކު ލީގުގެ އެއް ވަނަ ލިބިފައިވާއިރު ރެއާލަށް ލިބިފައިވަނީ 56 ޕޮއިންޓެވެ. ތިން ވަނައިގައި 50 ޕޮއިންޓާއެކު ސެވިއްޔާ އޮތްއިރު ހަތަރު ވަނައިގައި ރެއާލް ސޮސިއެޑާޑަށް ލިބިފައިވަނީ 46 ޕޮއިންޓެވެ.

ބާސެލޯނާ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފައި ވީނަމަވެސް މިރޭ ރާއްޖެ ގަޑިން 10:30 ގައި އެއިބާއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން ރެއާލް މެޑްރިޑަށް އެއް ވަނައިގެ ފަރަގު ދެ ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ.