މާލޭ ސިޓީ ކައުންސިލް

މާލެ ސަރަހައްދުގައި މަސައްކަތްކުރާ ސައިޓުތަކުގެ ސަލާމަތީކަންކަން ބަލަން ސަރުކާރުން ނުކުމެއްޖެ

ޝަހީދާ އަބްދުﷲ ސައީދު

1

މާލެއާއި ހުޅުމާލެ އަދި ވިލިގިލީގައި މިހާރު އިމާރާތް ކުރުމުގެ މަސައްކަތްކުރަމުންދާ ސައިޓުތަކުގެ ސަލާމަތީކަންކަން ހުރި މިންވަރު ބެލުމަށް ސަރުކާރުގެ އިދާރާތައް ގުޅިގެން ވަރުގަދަ ޕްރޮގްރާމެއް މިއަދު ހަވީރު ފަށައިފިއެވެ.

މިޕްރޮގްރާމް ފެށުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން އިސް ނަގައިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ހަފްތާއެއްގެ ތެރޭގައި މާލެ ސަރަހައްދުގައި ހުރި ސައިޓުތައް ބަލާ ފާސްކުރާނެ ކަމަށެވެ.

ޝިފާ ވިދާޅުވީ މާލެ ހިމެނޭ ސަރަހައްދުގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ ޖުމްލަ 473 ސައިޓު އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި މާފަންނުގައި 62 ސައިޓު، މައްޗަންގޮޅިގައި 37 ސައިޓު، ގަލޮޅުގައި 36 ސައިޓު، ހެންވޭރުގައި 47 ސައިޓު، އަދި ވިލިގިލީގައި 18 ސައިޓު، ހުޅުމާލޭގައި 270 ސައިޓުގައި މަސައްކަތް ކުރަމުންދާކަމަށް ޝިފާ ވިދާޅުވިއެވެ.

އަދި އޭގެ އިތުރުން ވެސް އަމިއްލަ ފަރާތްތަކުން މަސައްކަތްކުރާ ތަންތަން ހުރިކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ޝިފާ ވަނީ އެތަންތަން ބަލާ ފާސްކުރުމުގައި ސިފައިންނާއި ފުލުހުންގެ އެހީތެރިކަމަށް ވެސް އެދިވަޑައިގެންފައެވެ.

މި ޕްރޮގްރާމްގެ ދަށުން މާލޭގެ ސަރަހައްދުތަކުގައި އިމާރާތުގެ މަސައްކަތް ކުރަމުންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންތޯއާއި ހުއްދައިގެ ދަށުންތޯ ބަލާނެއެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދަނީ މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީއާއި ހައުސިންގ މިނިސްޓްރީގެ އިތުރުން އިމާރާތް ކުރުމުގެ ދާއިރާގެ ތަޖުރިބާކާރުންގެ ޓީމަކުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟