ސްޓްރެސް އަކީ ކަންބޮޑުވުން ނުވަތަ ކަމަކާ ފިކުރުބޮޑުވުމުގެ ސަބަބުން ހިތަށާއި ސިކުނޑިއަށް ކުރާ ބާރެވެ. އެހެންގޮތަކަށް ބުނާނަމަ ސްޓްރެސް އަކީ ދިރިއުޅުމުގައި ދިމާވާ ހާދިސާއެއްގެ ސަބަބުން ހަށިގަނޑު ވަކި ކަމަކަށް ޑިމާންޑް ކުރުމަށް ކިޔާނަމެކެވެ. ސްޓްރެސް އުފެދެނީ ކަމަކާ ކުރިމަތިލާން ޖެހުމުން ތިމާގެ ސިކުނޑީގައި އުފެދޭ "ފައިޓް އޯ ފްލައިޓް ރެސްޕޮންސް"ގެ ސަބަބުންނެވެ. ސިއްހީ މާހިރުންގެ ނަޒަރުގައި ސްޓްރެސްއަކީ އޭގެ ސަބަބުން އެކަމުގެ އަސަރު އިންސާނާގެ ހަށިގަނޑަށް އެތަކެއް ގޮތަކުން ކުރާ ކަމެކެވެ.
ސްޓްރެސްގެ އެތައް ވައްތަރެއް ހުރެއެވެ. ނަމަވެސް އޭގެ ތެރެއިންވެސް އެންމެ އާންމު ގޮތެއްގައި ފެންނަނީ ތިން ވައްތަރެއްގެ ސްޓްރެސްއެވެ. އެއީ، އަމިއްލަޔަށް ހައްލުކުރެވިދާނެ ސްޓްރެސް އަދި އެންވަޔަންމެންޓަލް ސްޓްރެސްގެ އިތުރުން ހަށިގަނޑުތެރޭގެ ސްޓްރެސްއެވެ.
އަމިއްލަޔަށް ހައްލުކުރެވިދާނެ ސްޓްރެސް ދިމާވަނީ ހިތްހަމަ ނުޖެހޭ ކަމެއް ދިމާވުމުންނެވެ. ބައެއް ފަހަރު ތިމާ ހިތް އެދޭ ކަމެއް ނުވެ ރުޅި އައުމުންވެސް މި ބާވަތުގެ ސްޓްރެސްއާ ކުރިމަތި ވެއެވެ.
ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި އެންމެ ނުރައްކާތެރި ވައްތަރުގެ ސްޓްރެސްއަކީ ހަށިގަނޑުގެ ތެރޭގެ ސްޓްރެސްއެވެ. މިކަހަލަ ސްޓްރެސްއަކީ ތިމާއަށް ނޭނގިނަމަވެސް ކޮންމެވެސް ކަންތައްތަކަކާ ވިސްނައި، ކަންބޮޑުވެ ގޮތް ހުސްވުމެވެ. މި ސްޓްރެސްގެ ސަބަބުން އިންސާނާގެ ޒަމީރު އެކަމަކަށް ބާރުފޯރުވާނެއެވެ.
އެންވަޔަރްމެންޓަލް ސްޓްރެސްއަކީ ދިމާ ދިރިއުޅޭ ވެށީގެ ސަބަބުން ކުރިމަތިވާ ސްޓްރެސްއެވެ. މިސާލަކަށް ހަލަބޮލި މާހައުލެއްގައި ދިރިއުޅޭނަމަ އެވާ އުނދަގޫ ފަދަ ކަންކަން މީގެތެރޭގައި ހިމެނެއެވެ.
ތިމާގެ ހިތަށް ކުޅަދާނަ ނުވާފަދަ ކަމަކާ ނުވަތަ ހިތްދަތިވާ ކަމަކާ ކުރިމަތިވެއްޖެނަމަ ސްޓްރެސް ވެއެވެ. މިސާލަކަށް ގާތް މީހަކު މަރުވުން ނުވަތަ ކޮންމެވެސް ބޮޑު ގެއްލުމެއް ލިބުން، ނުވަތަ ލޯބިވާ މީހަކު ބީވެދިއުން ފަދަ ކަންކަން މީގެ ތެރޭގައި ހިމެނެއެވެ. އާއިލީ މައްސަލަތައް ކުރިމަތިވުމަކީވެސް ސްޓްރެސްވާ ކަމެކެވެ. އެހެނީ، އާއިލާގެ ތެރޭގައި ކިރިޔާވެސް ހަމަނުޖެހުމެއް އުޅޭ ނަމަ އެކަން ހައްލު ކުރެވޭނެ ގޮތްތަކާމެދު ވިސްނޭނެތީއެވެ. އެކި ފަހަރު އެކި ހިޔާލު ސިނކުޑިއަށް އައިސް ބައެއް ފަހަރު އެންމެ ރަނގަޅު ނިންމުން ނުނިންމޭ ފަހަރުވެސް އާދެއެވެ. ފައިސާގެ މައްސަލަތަކަކީވެސް މީހާ ސްޓްރެސްއަށް ވައްޓާލާ ކަމެކެވެ. މިސާލަކަށް މީހެއްގެ އަތުން ނަގާފައިވާ ދަރަންޏެއް ނުދެއްކި ލަސްވުމާއި ކުލި ދެއްކޭނެ ގޮތެއް ނެތުމާއި އަނބިދަރީންގެ ހަރަދުތައް ބެލެހެއްޓުމަށް މާލީ ތަނަވަސްކަން ނެތުން ފަދަ ކަންކަން ހިމެނެއެވެ.
މީގެ އިތުރުން ދެން އެންމެ ބޮޑަށް ސްޓްރެސްއާ ކުރިމަތިލާން ޖެހެނީ ވަޒީފާގެ މާހަލުންނެވެ. އެގޮތުން ކުރަން ޖެހޭ މަސައްކަތްތައް ގިނަވުމާއި މަސައްކަތްތައް ގަޑިން ގަޑިއަށް ނިންމުމަށް އެ އަންނަ ޕްރެޝަރާއި ވަޒީފާގެ މާހައުލުގައި ތަފާތުކުރުން ގެންގުޅުމުން ކުރިމަތިވާ އެންމެހާ ކަންކަމުގެ ސަބަބުން ސްޓްރެސްއަށް މަގުފަހި ވެއެވެ. ވަގުތުގެ ބޭނުން އެދެވޭ ގޮތުގައި ބޭނުން ނުކުރެވުމާއި މާ ބޮޑަށް ބަލިވުމަކީވެސް ސްޓްރެސްއަށް މީހާ ވައްޓާލާ ކަމެކެވެ.
މީހާ ސްޓްރެސްވުމުން އެކަން ދެނެގަނެވޭނެ އެތަކެއް ގޮތެއް ހުރެއެވެ. އެއީ، ސްޓްރެސްވުމުގެ ސަބަބުން މީހާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އަންނާނެތީއެވެ. އަދި ބޭރުފުށުންވެސް އެފަދަ އަލާމާތްތައް ފެންނަން ހުންނާނެއެވެ.
ސްޓްރެސް ވުމުން އެމީހަކު ވަރަށް އަވަހަށް ރުންކުރުވެ ރުޅި އަންނަ ގޮތް ވާނެއެވެ. މަސައްކަތްތަކަށް ސަމާލުކަން ދޭން އުނދަގޫ ވެ، އަބަދުވެސް ހާސްވެ ކަންބޮޑުވެފައި ހުރުން ފަދަ ކަންކަން ފާހަގަ ކުރެވޭނެއެވެ. ސްޓްރެސްވެފައި ވާނަމަ އެމީހަކަށް ހަމަޖެހިލައިގެން އަރާމުކޮށްލަން އުނދަގޫތަކާ ކުރިމަތިވާނެއެވެ. އަދި ގަޑިން ގަޑިއަށް ނިދުމުގައިވެސް އުނދަގޫތަކާ ކުރިމަތިވާނެއެވެ.
މީގެ އިތުރުން ސްޓްރެސްވެފައިވާ ނަމަ އެމީހަކަށް ނުބައި ބައެއް އާދަތަކަށް ތަބާވެވުން އަވަސްވެގެންދެއެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކަންކަން ކުރެވެއެވެ.
އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ހީކުރެވިފައި އޮންނަ ގޮތުގައި މަސްތުވާތަކެތި ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމުން ސްޓްރެސް ފިލައިދެއެވެ. ނަމަވެސް ސިއްހީ ގޮތުން ބެލިޔަސް އެއީ އެއްވެސް އަސާސެއް ނެތް ކަމެކެވެ. ހަގީގަތުގައި އެފަދަ ކަންކަމަކީ ތިމާ ސްޓްރެސްވެ ބޯހާސްވުމުން ނޭނގުމެއްގެ ތެރޭގައި ފެށި، އެއަށް ދެވި ހިފާ ކަންކަމެވެ.
ސްޓްރެސްއަކީ އަމިއްލަޔަށް ވެސް ރަނގަޅުކުރެވިދާނެ ކަމެކެވެ. ބޮޑުވަރު ވެއްޖެނަމަ ބޭސް ބޭނުން ކޮށްގެންވެސް ރަނގަޅުކުރެވޭނެ ކަމަކެވެ. އެގޮތުން ސްޓްރެސްއިން ދުރުވުމަށް ގަވައިދުން ކަސްރަތުކޮށް "ފިޓް" ކޮށް ހުރުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ ކަސްތަރުކުރުމަކީ ސިނކުޑިއާއި، ލޭ ދައުރުކުރާ ނިޒާމަށް ފައިދާހުރި ކަމަކަށް ވާތީއެވެ. އަދި ސްޓްރެސްއާ ކުރިމަތިލާއިރު ދުޅަހެޔޮ ކާނާ ކެއުމަކީވެސް މުހިންމު ކަމެކެވެ.
މާ ބޮޑަށް ކަމަކާ ފިކުރުބޮޑުވެ ހާސްވާ ނަމަ ހެޔޮ އެދޭ ނުވަތަ އިތުބާރު ހިފޭ މީހަކާ އެކަމެއް ހިއްސާކޮށްލައި މަޝްވަރާކޮށްލާށެވެ. އެހެން ހެދުމުން ތިމާގެ ހިތަށް ކުޑަ ތަސައްލީއެއް ލިބިގެންދާނެއެވެ. އަދި އެކަމުގައި އަނެކުންގެ ރައުޔު ތިމާއަށް އެނގިގެންދާނެއެވެ. ގިނައިން ފެން ބުއިމާއި ނިދި ހަމަކުރުމަކީވެސް ސްޓްރެސްއިން ދުރުވުމަށް ކުރެވިދާނެ ކަންކަމެވެ. ހަމަ އެހެންމެ، ސްޓްރެސްވާން މެދުވެރިވާ ސަބަބާ ވީހާވެސް ދުރުގައި އުޅެވޭތޯ ބެލުމަކީވެސް މުހިންމު ކަމެކެވެ. ހިތަށް ހަމަޖެހުން ލިބޭ، ރަނގަޅު ކަމެއް ކުރުމުގައި މަސްއޫލުވެ އުޅުމާއި އެކު ގަވައިދުން ނަމާދު ކުރުމާއެކު އަޅުކަމުގައި ވަގުތު ހޭދަކުރުމަކީ ވެސް ސްޓްރެސްއިން ދުރުވުމަށް އެހީތެރި ވެދޭނެ ކަމެކެވެ.