ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ފުލުސް އޮފީހަށް ހާޒިރުކުރި ދުވަހު އެމަނިކުފާނުގެ ދިފާއުގައި ނުކުތް ޕީޕީއެމްގެ ސަޕޯޓަރުންނާއެކު ނުކުތް ޖުމްހޫރީ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޖޭޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރި އިރު، އެމަނިކުފާނުގެ ދިފާއުގައި ނުކުތް މީހުންގެ ތެރޭގައި ޖޭޕީއަށް ނިސްބަތްވާ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު އަދި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮން މަނިކު ބައިވެރިވެވަޑައިގެންނެވިއެވެ.
ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އަބްދުﷲ ރިޔާޒް ވިދާޅުވީ އެ މައްސަލަ މިހާރު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށާއި އެކަން ބަލައި އެކަމަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.
"އެއީ މުޅިން ގޯސް ކަމެއް. އެކަން އަޅުގަނޑު ހަމަގައިމުވެސް ކުށްވެރިކުރަން. އެ މައްސަލަ މިހާރު އޮންނާނީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސަމާލުކަމަށް ގެނެސްފައި. އެކަން ބަލައި، އެކަމަށް އަޅަން ޖެހޭ ފިޔަވަޅު އަޅާނެކަން އަޅުގަނޑަށް ޔަގީން. ޕާޓީގެ އާންމު މެމްބަރަކު ވެސް އަދި މަޖިލިސް މެމްބަރަކު ވެސް ޕާޓީގެ އުސޫލުތަކާ ހިލާފު ކަމެއް ކޮށްގެން ނުވާނެ،" އަބްދުﷲ ރިޔާޒް ވިދާޅުވިއެވެ.
އަބްދުﷲ ރިޔާޒް ވިދާޅުވީ ކޮންމެ ޕާޓީއެއްގައި ވެސް އުސޫލުތަކާއި ގަވާއިދުތަކެއް އޮންނާނެ ކަމަށާއި އެއާ އެއްގޮތަށް އާންމު މެމްބަރެއް ވިޔަސް އަދި މަޖިލިސް މެމްބަރެއް ވެސް އަމަލުކުރަން ޖެހޭނެ ކަމަށެވެ.