އަލީ ޔާމިން
އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން މާފަރު އެއާޕޯޓު ބޭނުންކުރާނީ ފުރިހަމަ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ޑިރެކްޓާ އޮފް ގްރައުންޑް އޮޕްރޭޝަންސް އަހުމަދު އިބްރާހިމް ވިދާޅުވީ، މާފަރު އެއާޕޯޓުގެ އިންޓަނޭޝަނަލް އޮޕަރޭޝަނަށް ގެންނަން ޖެހޭ ބަދަލުތައް މިހާރު ގެންނަމުންދާ ކަމަށާއި، ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ އެއާޕޯޓް ބޭނުން ކުރަން ފަށާނީ ފުލީ ފަންކްޝަނަލް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ކަމަށެވެ.
"މާފަރުގެ އިންޓަނޭޝަނަލް އޮޕަރޭޝަންސަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އެދަނީ،" އިބްރާހިމް ވިދާޅުވިއެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މާފަރުގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓެކެވެ. ބޮޑެތި ބޯޓުތަކަށްވެސް ޖެއްސޭ ގޮތަށް ފަރުމާކޮށްފައިވާ މާފަރު އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި 40 މީޓަރު ހުރެއެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި މާފަރު އެއާޕޯޓު ހުޅުވައި ދަތުރުތައް ފެށިއިރު، މިހާތަނަށްވެސް އެ އެއާޕޯޓު ބޭނުންކުރަމުން އައިސްފައިވަނީ އެތެރޭގެ އުދުހުންތަކަށް އެކަންޏެވެ.
މޯލްޑިވިއަނުން އަންނަނީ ރާއްޖޭގެ ހަތަރު އެއާޕޯޓެއް ހިންގަމުންނެވެ. އެއީ ތިމަރަފުށި އެއާޕޯޓާއި އިފުރު އެއާޕޯޓާއި ދަރަވަންދޫ އެއާޕޯޓާއި މާފަރު އިންޓަނޭޝަނަލް އެއާޕޯޓެވެ.