ވިޔަފާރި

މިހާތަނަށް 4000 އެއްހާ މީހުން އުފުލިއްޖެ 700 ޓަނުގެ ކާގޯ އެތެެރެ ކުރެވިއްޖެ: މޯލްޑިވިއަން

އަލީ ޔާމިން

ކޮވިޑު ފެތުރުނު ފަހުން، އެކި ގައުމުތަކުންނާއި އެ ގައުމުތަކަށް މިހާތަނަށް 4،000 އެއްހާ މީހުން އުފުލިއްޖެ ކަމަށާއި 700 ޓަނުގެ ކާގޯ ވެސް ރާއްޖެއަށް އެތެރެކުރެވިފައިވާ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފިއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ، ވާހަކަ ދައްކަމުން މި މައުލޫމާތު ދެއްވީ މޯލްޑިވިއަންގެ ޑިރެކްޓާ އޮފް ގްރައުންޑް އޮޕަރޭޝަންސް އަހުމަދު އިބްރާހިމް އެވެ.

އިއްބެ ވިދާޅުވީ، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރީންގެ ތެރެއިން 1094 މީހަކު އަނބުރާ ގައުމަށް ގެންގޮސްދެވިފައިވާ ކަމަށެވެ. އެމީހުން ގެންގޮސްދިނުމަށް 11 ފްލައިޓު އެކި ގައުމުތަކަށް ދަތުރުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮވިޑުގެ ސަބަބުން ބޯޑަރުތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން ބައެއް ކަހަލަގެ ކާބޯތަކެއްޗާއި، އެނޫންވެސް ތަކެތި ރާއްޖެ އެތެރެކުރުމުގެ ދަތިތަކެއް ހުރުމުން އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ފެށި އިންޓަނޭޝަނަލް ކާގޯ ދަތުރުތަކުގައި މިހާތަނަށް ފަސް މަންޒިލަކުން 700 ޓަނުގެ ކާގޯ ރާއްޖެ އެތެރެކުރެވިފައިވާ ކަމަށް ވެސް އިއްބެ ވިދާޅުވި އެވެ.

މޯލްޑިވިއަން ފްލައިޓުތަކުގައި ކާގޯ ވިއްކާ ރޭޓަކީ އެންމެ އަގުހެޔޮކޮށް މާކެޓުގައި ލިބޭނެ ރޭޓުކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.