ޕޮލިސް

ފުލުހުންގެ ނޭބާހުޑް ސަޕޯޓް ސާވިސް އިފްތިތާހުކޮށްފި

ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ފުލުހުންގެ ނޭބާހުޑް ސަޕޯޓް ސާވިސް މާލެ ހިމެނޭ ސަރަހައްދަށް ތައާރަފުކޮށްދެއްވައިފިއެވެ.

މިހިދުމަތް ތައާރަފްކޮށްދެއްވީ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައިި ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުލުހުންނާ ގުޅުންހުރި ވައުދުތަކުގެެ ތެރޭގައި ހިމެނޭ މަގުތަކުގެ އަމާންކަން ކަށަވަރުކޮށްދިނުމާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކުރިއަށް ގެންދަން ނިންމާފައިވާ މިއޮޕަރޭޝަންގެ ދަށުން މިއަދު ވަނީ މާލެ، ހުޅުމާލެ، އަދި ވިލިމާލޭގައި ވަކި ނޭބާހުޑް ސަޕޯޓް ސާވިސް ތައާރަފުކޮށް، ކޮންމެ ނައިބާހުޑަކަށް އޮފިސަރެއް ހަމަޖައްސައިފައެވެ.

މިއަދު ތައާރަފުކުރެވިގެން ދިޔަ މި ހިދުމަތުގެ ދަށުން ގްރޭޓަރ މާލެ ހިމެނޭ ސަރަހައްދު ބަހާލާފައިވަނީ އަށް ބަޔަކަށެވެ. އެއީ މާލެ ހަތަރު ބަޔަށް، ހުޅުމާލެ ތިން ބަޔަށް އަދި ވިލިމާލެ އެއް ބަޔަކަށެވެ.

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކްޓިންގ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މިއިން ކޮންމެ ބައެއްގައި ފުލުހުންގެ އިސް އޮފިސަރަކު ހުރެ، ފުލުހުންގެ ޓީމެއް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

މުހައްމަދު ހަމީދު ވިދާޅުވީ ހިދުމަތާއެކު ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ، ރައްޔިތުންނާ ގާތުން ހިދުމަތް ދެވޭނެ ކަމަށެވެ.

އަދި މި ހިދުމަތް މާލެއަށް ތައާރަފްކުރެވުނީ ފުލުހުންގެ ތެރޭގައި ގަވާއިދުތަކެއް ހެދި އެކަން މޮނީޓާ ކުރެވޭނެ އުސޫލުތަކެއް ވެސް ގާއިމް ކުރެވިގެން ކަމަށާއި، އެ ހިދުމަތް ޑީސެންޓްރަލައިޒްކޮށް ރަށްރަށަށް ވެސް ތައާރަފް ކުރާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.