އިޓާލިއަން ކަޕްގައި ރޭ އޭސީ މިލާން އާ ދެކޮޅަށް ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު 0-0 އިން އެއްވަރުވި ނަމަވެސް ދެ ލެގުގެ އެގްރިގޭޓުން ކުރި ހޯދައި ޔުވެންޓަސް އިން އިޓާލިއަން ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި އެވެ.
މި ދެޓީމު ފުރަތަމަ ލެގްގައި މިދިޔަ ފެބްރުއަރީ މަހު، މިލާންގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ރޭގެ މެޗުގައި ޔުވެންޓަސް އިން މޮޅަށް ކުޅުނު ނަމަވެސް އެޓީމަށް ވަނީ ގޯލެއް ކާމިޔާބުވާ ގޮތް ނުވެފައެވެ. އަދި، ޔުވެންޓަސްގެ ހަމަލާތައް ހުއްޓުވުމުގައި މިލާންގެ ޒުވާން ގޯލްކީޕަރު ގިއަންލުއިޖީ ޑޮނަރުއްމާ ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އެ މެޗު 1-0 ގެ ނަތީޖާ އަކުން މިލާން ކުރީގައި އޮވެ ނިމެން ދަނިކޮށް މެޗުގެ ފަހު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން މެޗްގެ ނަތީޖާ އެއްވަރުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ނަމަވެސް ރޭގެ މެޗުގައި ނަތީޖާ ބަދަލުކޮށްލަން 16 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ރޮނަލްޑޯ އަށް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. މިއާ އެކު ރޮނަލްޑޯ އަށް ވަނީ ގިނަބައެއްގެ ފާޑުކިއުން އަމާޒުވެފައެވެ.
މިއީ އޭނާ ޔުވެންޓަސް އަށް ބަދަލުވި ފަހުން ނާކާމިޔާބުވި ދެ ވަނަ ޕެނަލްޓީ އެވެ. ރޮނާލްޑޯ އަތުން އެންމެ ފުރަތަމަ ޕެނަލްޓީ އެއް ނާކާމިޔާބުވެފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޗިއޭވޯއާ ދެކޮޅަށް ކުޅުނު މެޗުގަ ޖެހި ޕެނަލްޓީ އެކެވެ.
ފައިނަލުގައި ޔުވެންޓަސް ނުކުންނަން ޖެހޭނީ މިރޭ ކުޅޭ ދެ ވަނަ ސެމީގައި ކުޅޭ ނަޕޯލީ އާއި އިންޓަ މިލާނުގެ ތެރެއިން ކުރި ހޯދާ ޓީމަކާ ދެކޮޅަށެވެ. މިދެޓީމް މިރޭ ކުޅޭއިރު ފުރަތަމަ ލެގްގެ މެޗުން ނަޕޯލީ ވަނީ 1-0 އިން ކުރި ހޯދާފައެވެ. ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭ ޓީމުން ޔުވެންޓަސްއާ ދެކޮޅަށް ފައިނަލުގައި ނުކުންނާނީ އަންނަ ބުދަ ދުވަހު އެވެ.