(11 ޖޫން ގެ އަދަދާ ގުޅޭ)
އާޒަރުމީދުޚުތު އެކަމަނާގެ މޫނުފުޅުމައްޗަށް ހިތާމަވެރި ހިނިތުންވެވަޑައިގަތުމެއް ވެރިކުރައްވަމުން ވިދާޅުވިއެވެ. "ހައިރާންވާފަދަ ކަމެކެވެ. މިއަދު އަޅުގަނޑުގެ ހިޔަނި ދެކެވެސް އަޅުގަނޑު ބިރުގަންނާން ޖެހެއެވެ. އެކަމަކު އަޅުގަނޑު މިހިރީ ޙިމާޔަތުގެ ކަނޑިތަކެއްގެ ފާރަވެރިކަމެއްނެތި ކަލާގެ ކުރިފުޅުމަތީގައެވެ. އަޅުގަނޑަށް ޔަޤީނެވެ. ކަލާ އަޅުގަނޑަށް ނަފްރަތު ކުރެއްވުމާއެކުވެސް އަޅުގަނޑުގެ ދުޝްމިނުން މިތަނަށް އަތުވެއްޖެނަމަ އަޅުގަނޑަށްޓަކައި އައްޑަނަޔަކަށް ވެވަޑައިގަންނަވާނޫއެވެ. މީގެ ދުވަސްކޮޅެއް ކުރީން މަރުވަންދެން އަޅުގަނޑަށް ވަފާތެރިވާނެކަމަށް ހުވާކުރި މީހުން އަޅުގަނޑާ ދުޝްމިނުވެދާނެއޭ ބުނާނީވެސް ކާކުތޯއެވެ؟ އަޅުގަނޑު މިހާލުގައި ޖެހިގެން ކަލާގެ އަރިހަށް އަންނާން ޖެހިދާނެކަމަށް ހީކުރާނީވެސް ކާކުތޯއެވެ؟ ޒަރުބަޚުތެވެ. އަޅުގަނޑު ސިކުނޑި މަސައްކަތެއް ނުކުރެއެވެ. މިހުރިހައި ކަމެއް އަޅުގަނޑަށް ހީވަނީ ހުވަފެނެއް ހެންނެވެ. ވިދާޅުވެ ބައްލަވާށެވެ. އަޅުގަނޑު ދެން ހަދާންވީ ކިހިނަކުންތޯއެވެ؟"
ޒަރުބަޚުތު ވަރަށް އުނދަގޫފުޅުން ވިދާޅުވިއެވެ. "އަޅުގަނޑަށް އެނގެނީ އަޅުގަނޑަކީ ޤައިދީއެއްކަމެވެ. ބޭރުގައި ހިނގާ އެއްވެސް ކަމެއް އަޅުގަނޑަކަށެއް ނޭނގެއެވެ."
އާޒަރުމީދުޚުތު ވިދާޅުވިއެވެ. "ހަނގުރާމައިން އަޅުގަނޑު ބަލިވެއްޖެއެވެ. ލަޝްކަރުތަކުގެ އޮފިސަރުން ދުޝްމިނުންނާ ބައިވެރިވެއްޖެއެވެ. އަޅުގަނޑާއެކު ތިބި ސިފައިންވެސް ހަނގުރާމަ ފެށޭއިރަށް ފިލައިގެން ހިނގައްޖެއެވެ. މިހާރު ރުސްތުމު މަދާއިނާ ދިމާޔަށް ކުރިއަރަމުން ވަޑައިގަންނަވަނީއެވެ. މަދާއިނާ ދެ މަންޒިލް ދުރުން ރުސްތުމު ހުއްޓުވޭތޯ ސިޔާދުޚަޝް އެބަ މަސައްކަތް ކުރެއެވެ. އެކަމަކު އޭނާއަށް އެހީވާނެ ސިފައިން ބޭނުމެވެ. މައިދާން ދޫކޮށްލައިފައި ފިލައިގެން އައި ސިފައިން އަލުން އެއްކުރެވިދާނެއެވެ. އަމީރުންނާއި ކާހިނުންވެސް ޚުރާސާނީންގެ އަތުން މަދާއިން ހަލާކުވާކަށެއް ނޭދޭނެއެވެ. އަޅުގަނޑުމެންނަށް މަދު ގަޑިތަކަކަށް ރުސްތުމު މަދާއިނާ ދުރުގައި ހުއްޓުވިއްޖެނަމަ އަޅުގަނޑުމެންނަށް ކާމިޔާބުވާނެކަން ޔަޤީނެވެ. މަދާއިނުގެ އަހުލުވެރީން ފިލައިގެން އައި ސިފައިން ގޭގެއިން ނެރެފައި މައިދާނަށް ފޮނުވާނެއެވެ. އަޅުގަނޑު މަދާއިނަށް އައިސް ޝާހީ ލަޝްކަރުގެ ފަސްހާސް އަސްވާރުން ސިޔާދުޚަޝްއަށް އެހީވާން ފޮނުވައިފީމެވެ. އަޅުގަނޑު އެދެނީ ދެންތިބި ގެމަތަކުގެ ވެރިކަން ކަލާއަށް ދިނުމަށެވެ."
"އަޅުގަނޑު ވެރިކަމުގެ ދަށަށް؟"
"އާދޭހެވެ! އަޅުގަނޑަށް ޔަޤީނެވެ. ކަލާ ހިތްވަރު ކުރައްވައިފިނަމަ ފަތިސްވާންވާއިރަށް މަދާއިނުގެ ހުރިހައި ސިފައިން ކަލާގެ އަރިހަށް ޖަމާވެދާނެއެވެ. ޒަރުބަޚުތެވެ. މިއީ ވާހަކަ ދައްކަން ތިބޭންވީ ވަގުތެއް ނޫނެވެ. އަޅުގަނޑާއެކު ވަޑައިގަންނަވާށެވެ!"
އާޒަރުމީދުޚުތު އެހެން ވިދާޅުވެފައި ޒަރުބަޚުތުގެ އަތްޕުޅުގައި ހިއްޕަވައިފިއެވެ. އޭނާ ޒަރުބަޚުތު ގޮވައިގެން ޤައިދުޚާނާއިން ނުކުމެވަޑައިގެންފިއެވެ. ދަންމަރު ހިފައިގެންތިބި ސިފައިންނާއި ގަނޑުވަރުގެ ބަނޑޭރިއާ ކުރީގައި ތިބެގެން ހިނގައިގެންފިއެވެ. ޒަރުބަޚުތު ސިހުރު ޖެހިފައިވާ މީހަކު ފަދައިން އާޒަރުމީދުޚުތުގެ އަރިހުގައި ވަޑައިގަންނަވައެވެ. ބިމުއަޑީގެ މަގުތަކުން ވަޑައިގެން ސިޑިޔަކުން މައްޗަށް އަރައިވަޑައިގެންފިއެވެ. އޭގެފަހުން ޚާދިމުން ތިބޭ އަށިތަކާއި ސަރައްކާލިތަކުގެ ތެރެއިން ވަޑައިގެން ގަނޑުވަރުގެ ތަނަވަސް ކޮޓަރިކޮޅަކަށް ވެދެވަޑައިގެންނެވިއްޖެއެވެ. އާޒަރުމީދުޚުތު ވަރުބަލިފުޅުކަމާއެކު ގޮނޑިކޮޅެއްގެ މައްޗަށް ވެއްޓިވަޑައިގަންނަވައިފިއެވެ. އެކަމަނާ ޒަރުބަޚުތާ ދިމާޔަށް ވިދާޅުވިއެވެ. "އަޅުގަނޑު ވަރަށް ބޮޑަށް ވަރުބަލިވެއްޖެއެވެ. އެންމެ ހިނދުކޮޅަކުވެސް އަރާމުކޮށްލުމެއްނެތި މިއަދު އަޅުގަނޑު ވަނީ ތިން މަންޒިލަށް ދަތުރުކޮށްފައެވެ. އަޅުގަނޑަށް އިރުކޮޅަކު ނިދައިލެވޭނެނަމައެވެ." މަލަކާ އިރުކޮޅެއްގެފަހުން ލޯފުޅު ހުޅުއްވައިލައްވައިފައި ގަނޑުވަރުގެ ބަނޑޭރިޔާ ދިމާޔަށް ވިދާޅުވިބަސް އިއްވެވިއެވެ. "ކަލޭ ބަލަން ތިޔަހުންނަނީ ކީއްވެގެންހެއްޔެވެ؟ ޒަރުބަޚުތު މިހާރު އެހުންނެވީ ކަލޭގެ ހައްޔަރަކު ނޫނެވެ. އަހަންނަށް އިތުރު އަށްދަންއިރަށް ދުނިޔޭގައި ހުރެވިއްޖެނަމަ އީރާނުގެ ހުރިހައި ލަޝްކަރުތަކެއްގެ ކޮމާންޑަރުކަން އޮންނާނީ އޭނާގެ އަތްޕުޅުގައެވެ. ކަލޭ ދެން ދާށެވެ. ބޮޑުން ދަރުބާރަށް އެއްވެވަޑައިގެންނެވުމުން އަހަންނަށް އަންގައިލާށެވެ. ޒަރުބަޚުތަށް ރަނގަޅު އަސްކޮޅަކާއި ފުރިހަމަ ހަތިޔާރު ބޭނުމެވެ."
ވިދާޅުވި ބަސް ބޯމައްޗެވެ. ދަންނަވައިފައި ގަނޑުވަރުގެ ބަނޑޭރި ދުވެފައި ބޭރަށް ނުކުމެއްޖެއެވެ. އާޒަރުމީދުޚުތު އުންމީދީ ނަޒަރަކުން ޒަރުބަޚުތާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ.
ޒަރުބަޚުތު ވިދާޅުވިއެވެ. "އަޅުގަނޑު ދަހަނާޔަކަށް ހަތިޔާރަކަށް ބޭނުމެއް ނޫނެވެ. އަޅުގަނޑަށް ކަމަނާ ކޮށްދެއްވަންވީ އެންމެފަހުގެ އިޙްސާންތެރިކަމަކީ އަޅުގަނޑު މިހައިތަނަށް ބަންދުކުރައްވައިފައި ބެހެއްޓެވި ކޮޓަރިޔަށް އަޅުގަނޑު އަނބުރައި ފޮނުއްވުމެވެ."
މަލަކާގެ މޫނުފުޅު ރީނދޫވެއްޖެއެވެ. އެކަމަނާ ވިދާޅުވިއެވެ. "ޒަރުބަޚުތެވެ. ކަލާ އަޅުގަނޑު މާޔޫސެއް ނުކުރައްވާނޫއެވެ. މިއަދު އަޅުގަނޑު ކަލާ ބޭނުމެވެ. އަޅުގަނޑަށްވުރެ ބޮޑަށް އީރާނަށް ކަލާ ބޭނުމެވެ. ޚުރާސާނުގެ ވަޙުޝީން މަދާއިނަށް ވެރިވާކަށެއް ކަލާވެސް ރުހިވަޑައެއް ނުގަންނަވާނޫއެވެ. އަޅުގަނޑު ކަލާޔަށް ޔަޤީންކަން އަރުވަމެވެ. ޝާހީ ފާރަވެރީންގެ ލަޝްކަރާއެކު ކަލާ ރަށުތެރޭގައި ބުރެއް ޖައްސަވައިލައްވާއިރަށް މަދާއިނުގެ ހުރިހައި ސިފައިން ކަލާގެ އަރިހަށް ޖަމާވެދާނެއެވެ. ރުސްތުމު މަދާއިނަށް ޙަމަލަދެއްވީ ޕޫރާންދުޚުތުގެ ހިތްވަރުދެއްވުމާ ވިދިގެންނެވެ. އޭނާ ހުންނެވީ މަދާއިނުގެ ކައިރި ކޮންމެވެސް ތަނެއްގައި ފިލައިވަޑައިގެންނެވެ. އަޅުގަނޑަށް ޔަޤީނެވެ. މަދާއިނުގެ އާއްމުން ރަށް ދިފާޢުކުރަން ތައްޔާރަށް ތިއްބައި ފެނިވަޑައިގެންފިނަމަ އޭނާއަކަށް އޭނާ ފިލައިވަޑައިގެން ހުންނެވިތަނުން ނިކުމެވަޑައިގެން ފާޅުގައި ރުސްތުމާ ބައިވެރިވެވަޑައިގަންނަވާކަށެއް ކެރިވަޑައެއް ނުގަންނަވާނެއެވެ. އަޅުގަނޑު ވަނީ ޕްރޮވިންސްތަކުގެ ގަވަރުނަރުންނަށާއި ޤަބީލާތަކުގެ ސައުދާރުންނަށާއި ދެކުނު ސަރަޙައްދުގެ ސިފައިންގެ މަރުކަޒުތަކުގެ ކޮމާންޑަރުންނަށް އެބޭފުޅުންގެ ލަޝްކަރުތަކާއެކު މަދާއިނަށް ވަޑައިގަންނަވާން އަންގައިފައެވެ. މިހާރު އަޅުގަނޑުމެންގެ ކާމިޔާބީ ބިނާވެފައިވަނީ އެ ލަޝްކަރުތައް އަންނާންދެން ދުޝްމިނުން މަދާއިނަށް ވަނަނުދީ ހިފެހެއްޓުމުގެ މައްޗަށެވެ. ސިޔާދުޚަޝްގެ މަޝްވަރާ ޤަބޫލު ނުކުރެވުނުކަމީ އަޅުގަނޑުގެ ނަސީބު ދެރަކަމެވެ. އެ ލަޝްކަރެއްގެ އޮފިސަރުން ދުޝްމިނުންނާ ގުޅިފައިވާ ލަޝްކަރެއް ރުސްތުމު ހުއްޓުވަން ފުދޭނެކަމުގައި ބެލެވުނުކަމެވެ. އެކަމަކުވެސް އަޅުގަނޑުމެން މާޔޫސްވާކަށެއް ނުޖެހެއެވެ. އިރުކޮޅެއްގެ ތެރޭގައި ރަށުގެ ކަމުވޮށީންނާއި ކާހިނުން މިތަނަށް ޖަމާވެވަޑައިގެންފާނެއެވެ. ރަށް ދިފާޢު ކުރެއްވުމުގެ މަސްއޫލިއްޔަތު ކަލާ ޤަބޫލު ކުރައްވައިފިކަމުގެ ޚަބަރު އަޅުގަނޑު އެބޭފުޅުންނަށް ދަންނަވާއިރަށް އެބޭފުޅުން އިޚްލާޞްތެރިކަމާއެކު ކަލާއަށް މަރްޙަބާ ވިދާޅުވާނެއެވެ."
ޒަރުބަޚުތު ވިދާޅުވިއެވެ. "ތިޔަވަރުގެ ބޮޑު ޒިންމާއަކާ އަޅުގަނޑު އެކަށީގެނެއް ނުވެއެވެ. އެކަށީގެންވި ކަމުގައިވިޔަސް އަޅުގަނޑުގެ ޖަވާބަކީ އަޅުގަނޑު ބޭނުންވަނީ މިހަނގުރާމައިން އެއްކިބާވެހުރުމެވެ."
އާޒަރުމީދުޚުތު ފިކުރުފުޅު ބޮޑުވުމާއެކު ތެދުވެވަޑައިގެންފިއެވެ. އެކަމަނާ އިރުކޮޅަކު ފައިންޕުޅުން ހުންނަވައިފައި އިސްތަށިފުޅުގައި ދެއަތްޕުޅުން ހިފަހައްޓަވައިގެން އިށީނދެވަޑައިގެންފިއެވެ. އިރުކޮޅެއްގެފަހުން ޒަރުބަޚުތާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭރު އެކަމަނާގެ ލޯފުޅުގައިވަނީ ކޯފާގެ އެއްނޫނެވެ. އާދޭހެވެ. އެކަމަނާ ވިދާޅުވިއެވެ. "ޒަރުބަޚުތެވެ! ކަލާއަކަށް އަޅުގަނޑާ ވަކިވެވަޑައެއް ނުގެންނެވޭނެއެވެ."
ޒަރުބަޚުތު ޖަވާބެއް ނުދެއްވިއެވެ. އާޒަރުމީދުޚުތު ދެވަނަފަހަރަށް ތެދުވެވަޑައިގެންފިއެވެ. އެކަމަނާ ދެފަރާތަށް އަރިއަޅަމުން ޒަރުބަޚުތާ ދިމާޔަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. ކުއްލިޔަކަށް އެކަމަނާގެ ހަށިކޮޅުން ބާރު ދޫވެގެން ދޫލަމައްޗަށް ވެއްޓިވަޑައިގެންފިއެވެ.
ޒަރުބަޚުތަށް ކުއްލިޔަކަށް ހީފުޅުވީ އޭނާގެ ނާރުފުޅުތަކުގައި ލޭފޮދު ހިނގުން ހުއްޓުނުހެންނެވެ. ޒަރުބަޚުތު ކުރިޔަށް ވަޑައިގެން އާޒަރުމީދުޚުތު އޭނާގެ އަތްދަނޑިފުޅުމައްޗަށް ނަންގަވައިގެން ވަޑައިގެން ގޮނޑިކޮޅެއްގައި ބާއްވަވައިފިއެވެ. ދޫލަމަތީގައި ދެކަކޫފުޅު ޖައްސަވައިގެން އިންނަވައި އާޒަރުމީދުޚުތު އެކިއަތްއަތަށް ފުރޮޅުއްވާން ފައްޓަވައިފިއެވެ.
"އާޒަރުމީދުޚުތު! އާޒަރުމީދުޚުތު!" އޭނާ ސިހިވަޑައިގެން އިންނަވައި ވިދާޅުވާން ފައްޓަވައިފިއެވެ. ދެން އޭނާ ވަރަށް ބާރަށް ވިދާޅުވިއެވެ. "މީހަކު އެބަހުރިހެއްޔެވެ؟"
ޚުވާޖާސަރާއިންނާއި ކަނީޒުންގެ ބަޔަކު ދުވެފައި އެކޮޓަރިކޮޅަށް ވަދެއްޖެއެވެ. ޒަރުބަޚުތު ތެދުވެވަޑައިގެން ފަހަތަށް ޖެހިވަޑައިގެންފިއެވެ. ކަނީޒެއް އާޒަރުމީދުޚުތުގެ ވިންދު ބަލައިފައި ހަޅޭއްލަވައިގަތެވެ. "މަލަކާ ޢާލަމް މިއޮންނެވީ ހޭފުޅުނެތިފައެވެ. އަވަހަށް ބޭސްވެރިޔާ ގެންނާށެވެ."
+ + + + +
އިރުކޮޅެއްގެ ފަހުން ޝާހީ ބޭސްވެރިޔާ އާޒަރުމީދުޚުތަށް ހޭހަންކުރާންތިބި މީހުންގެ ގާތުގައި ބުނުއްވިއެވެ. "މަލަކާ ޢާލަމަށް ބޭސްކޮޅަށްވުރެ ބޮޑަށް ބޭނުންފުޅުވަނީ އަރާމުކުރެއްވުމެވެ. އެކަމަނާފާނު ވަރަށް އަވަހަށް ހޭފުޅުއަރައިފާނެއެވެ. އެކަމަކު އެކަމަނާފާނު އަވަހާރަފުޅު ލެއްޕެވުން ބޭނުމެވެ."
ޚުވާޖާސަރާއެއް ޖަވާބު ދިނެވެ." މަލަކާ ޢާލަމް ވަނީ ދަރުބާރު ތައްޔާރުކުރަން އަމުރުކުރައްވައިފައެވެ. އެހެންކަމުން މިރޭ އެކަމަނާފާނަށް އަވަހާރަފުޅު ލެއްޕެވޭނީ ކިހިނަކުންހެއްޔެވެ؟"
ކަނީޒުންތައް މަލަކާ ނަގައިގަނެގެން އެހެން ކޮޓަރިކޮޅަކަށް ގެންގޮސްފިއެވެ. އެކަކުވެސް ޒަރުބަޚުތާމެދު ސަމާލުކަން ދިނުމުގެ ބޭނުމެއް އޮތްކަމަކަށެއް ނުބަލައެވެ. އޭނާ އިރުކޮޅެއްވަންދެން އެކޮޓަރިކޮޅުގައި ދެކޮޅަށް ހިންގަވަ ހިންގަވައި ހުންނެވިއެވެ. އެއަށްފަހު ގޮނޑިކޮޅެއްގައި އިށީނދެވަޑައިގެންފިއެވެ. ގަނޑުވަރުގެ ފާރަވެރީންގެ ދެމީހަކު އެކޮޓަރިކޮޅަށް ވަދެއްޖެއެވެ. އެދެމީހުން ޒަރުބަޚުތަށް އައުހެދުންކޮޅަކާއި ދަހަނާކޮޅަކާއި ކަނޑިކޮޅެއް ގެނެސްދީފިއެވެ.
ޒަރުބަޚުތު އަނެއްކާވެސް ތެދުވެވަޑައިގެން ހިންގަވާން ފައްޓަވައިފިއެވެ. ކުއްލިޔަކަށް އޭނާގެ ހިތްޕުޅަށް އެރިއެވެ. "އަހަންނަށް ހެދުން ބަދަލުކޮށްގެން މިތަނުން ނުނިކުމެވޭނެބާވައެވެ؟" މި ޚިޔާލުފުޅު އައުމާއެކު އޭނާގެ ހިތްޕުޅުގެ ވިންދު އަވަސްވާން ފަށައިފިއެވެ. އޭނާ ވިސްނައިވަޑައިގެންނެވިއެވެ. "އަހަރެން މަލަކާއަކާ ބައިވެރިޔެއް ނުވާނަމެވެ. އެކަމަކު މިހާރު ކަންހުރިގޮތުން އަހަރެން މިތާނގައި ހުރުންވެސް ރަނގަޅެއް ނޫނެވެ. އާޒަރުމީދުޚުތު ހޭފުޅުއެރުމާއެކު އަހަރެން ކޮބައިތޯ ބައްލަވާނެއެވެ. އެކަމަނާގެ އަމުރުފުޅާ ދެކޮޅުހަދާނަމަ އަހަރެންގެ އަނގުންތައް ބުރިކުރައްވާކަށެއްވެސް ފަހަކަށް ވަޑައެއް ނުގަންނަވާނެއެވެ. އެކަމަކު އެކަމަނާގެ ބަސްފުޅަށް އަހަންނަށް އިންކާރު ކުރެވިދާނެބާވައެވެ؟ އަނެއްކާވެސް އެ އިމްތިޙާނުތަކާ ކުރިމަތިލާކަށެއް އަހަރެން ބޭނުމެއް ނޫނެވެ. އަހަންނަކީ ޤައިދީއަކީމެވެ. އަހަރެންގެ ވާޖިބަކީ މިތަނުން ފިލޭތޯ މަސައްކަތްކުރުމެވެ. ހެދުން ބަދަލުކޮށްގެން އަހަރެން ދާންއުޅެނިކޮށް މީހަކު ސުވާލުކޮށްފިނަމަ އަހަރެން މިދަނީ މަލަކާ އެންގެވި ކަމަކުއޭ އަހަންނަށް ބުނެވިދާނެއެވެ. އަހަރެން ވަގުތު ނަގައިލާކަށެއް ނުވާނެއެވެ."
ޒަރުބަޚުތު އަވަސްއަވަހަށް ހެދުންކޮޅު ބަދަލުކުރައްވައިފިއެވެ. ދަހަނާ ތުރުކުރައްވައި ނިމިވަޑައިގެން ކަނޑިކޮޅު އަޅުއްވާ ތަސްމާ ކަމަރުގައި ހަރުކުރައްވަނިކޮށް މަލަކާގެ ކަނީޒެއް އެކޮޓަރިކޮޅަށް ވަދެއްޖެއެވެ. އޭނާ ބުންޏެވެ. "މަލަކާ ޢާލަމް ކަލާ އެބަހަނދުމަފުޅު ކުރައްވައެވެ."
ޒަރުބަޚުތު ވަރަށް ދެރަފުޅުވިއެވެ. ހިތްވަރުފުޅު އެލުނެވެ. ނަމަވެސް އޭނާ ހިތްޕުޅާ ދެކޮޅަށް އެ ކަނީޒުގެ ފަހަތުން ވަޑައިގެންފިއެވެ.
އާޒަރުމީދުޚުތު އިންނެވީ ބާލީސްކޮޅެއްގައި ލެނގިވަޑައިގެން އެނދުދާންކޮޅުގައެވެ. އެކަމަނާ ޒަރުބަޚުތު ފެނިވަޑައިގެންނެވުމުން ހިނިފުޅުވަޑުވައިލެއްވިއެވެ. "ކަލާ އަޅުގަނޑު ދޫކޮށްނުލައްވާނެކަން އަޅުގަނޑަށް ޔަޤީންވެއެވެ."
ޒަރުބަޚުތު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ހުންނަވައި ޖަވާބު ދެއްވިއެވެ. "ކަމަނާ ތިޔަހައިބޮޑަށް އަޅުގަނޑަށް އިއުތިމާދު ނުކުރައްވާށެވެ."
މަލަކާ ވިދާޅުވިއެވެ. މިއީ ވާހަކަ ދެއްކުމުގެ ވަގުތެއް ނޫނެވެ. ކަލާއާމެދު އަޅުގަނޑަށް ކަންތައްކުރެވުނީ ރަނގަޅަކަށެއް ނޫނެވެ. އެކަމާ އަޅުގަނޑު ހިތާމަކުރަމެވެ. އަޅުގަނޑަށް ޔަޤީނެވެ. އަޅުގަނޑަށް ހެދުނު ގޯސްތައް އަޅުގަނޑަށް ރަނގަޅުކުރެވިދާނެއެވެ. އަޅުގަނޑު އިންތިހާއަށް މާޔޫސްވެ ގޮތްހުސްވި ވަގުތު އަޅުގަނޑުގެ އެންމެފަހުގެ އެހީތެރިޔަކީ ކަލާކަން ދުވަހަކުވެސް ހަނދާންނައްތައެއް ނުލާނަމެވެ."
މަލަކާގެ އަޅުންގެ މީހެއް އެކޮޓަރިކޮޅަށް ވަދެއްޖެއެވެ. އޭނާ ބުންޏެވެ. "މަލަކާ ޢާލަމެވެ. ގަނޑުވަރުގެ ބަނޑޭރި ފައިންޕުޅު ދެއްކެވުން އެބައެދެއެވެ."
"އޭނާ ގާތު ބުނާށެވެ. އަހަރެން އެބަދަމެވެ."
އަޅުކަލޭގެ ބޭރަށް ނިކުމެއްޖެއެވެ. އާޒަރުމީދުޚުތު ޒަރުބަޚުތާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ދަރުބާރުގައި އަޅުގަނޑަށް އެބަ އިންތިޒާރު ކުރެވެއެވެ. އަޅުގަނޑާއެކު ހިންގަވާށެވެ. އަމީރުންގެ ކުރިފުޅުމަތީގައި އަޅުގަނޑު ކަލާގެ މަގާމު އިޢުލާން ކުރާނަމެވެ."
ޚާދިމާއެއް ދެންނެވިއެވެ. "މަލަކާ ޢާލަމެވެ! ބޭސްވެރިޔާ ވަނީ ކަމަނާފާނު އަރާމުކުރައްވަން ކޮންމެހެން ބޭނުންފުޅުކަމުގައި ބުނުއްވައިފައެވެ."
"ނޫނެކެވެ. އަހަރެން މުޅީން ރަނގަޅެވެ. އަހަރެންގެ ތާޖު ގެނެސްދޭށެވެ. މަދާއިނު ރައްކާތެރިކުރުމާމެދު ހިތްހަމަޖެހުމެއް ނުލިބޭހައި ހިނދަކު އަހަންނަކަށް ނުނިދޭނެއެވެ."
ގަނޑުވަރުގެ ބަނޑޭރި ކޮޓަރިކޮޅަށް ވަދެއްޖެއެވެ. އޭނާ ތިންފަހަރަށް ފަރުޝީކުރުނީސް ކުރުމަށްފަހު ދެންނެވިއެވެ. "މަލަކާ ޢާލަމެވެ! ވިދާޅުބަސްފުޅެއްނެތި ކޮޓަރިކޮޅަށް ވަދެވުނީތީ މާފުކުރައްވާށެވެ. ޙާލަތު ނިޔާކުރާގޮތުން އަޅުގަނޑަށް .............."
މަލަކާ އޭނާގެ ވާހަކަ މެދުކަނޑުއްވަމުން ވިދާޅުވިއެވެ. "ޙާލަތު އަހަންނަށް ނޭނގެއެއް ނޫނެވެ. ދަރުބާރުގައި އަހަންނަށް އެބަ އިންތިޒާރު ކުރެވޭކަން އެނގެއެވެ. ކަލޭގޮސް އަހަރެން އަންނަކަން އިޢުލާނު ކުރާށެވެ."
ބަނޑޭރި ދެންނެވިއެވެ. "މަލަކާ ޢާލަމެވެ. ދަރުބާރުކުރައްވާ ކަމުކާމު ހުރީ ހުހަށެވެ. ޤާސިދުން ގޭގެއަށްގޮސް ދަންނަވައިގެން މިގަނޑުވަރަށް ވަޑައިގަންނަވާން އުޅުއްވި ބޭފުޅުންވެސް މަގުމަތީން އެނބުރި ވަޑައިގެންފިއެވެ."
މަލަކާ އެނދުދާންކޮޅުން ފައިބައިވަޑައިގެން ކޮޅަށް ތެދުވެވަޑައިގެންފިއެވެ. އެކަމަނާ ފައިންޕުޅުން ހުންނަވައި ވިދާޅުވިއެވެ. "ކަލޭ ތިޔަކިޔަނީ ކީކޭހެއްޔެވެ؟"
"މަލަކާ ޢާލަމެވެ! ޤާސިދުން ޚަބަރުގެންނަ ގޮތުގައި މީހުންތައް ބޮޑެތި ބައިބައިގަނޑަށް ބޭރަށްނުކުމެ މަގުތަކާއި ބާޒާރުމަތި ފުރައިލައިފިއެވެ. އެމީހުން ކަމަނާފާނާ ދެކޮޅަށް ނަޢުރާ ކުރަނީއެވެ. މަދާއިނުގެ އަހުލުވެރީންނަށް ވަނީ އަޅުގަނޑުމެންގެ ލަޝްކަރު ބަލިވެއްޖެކަން އެނގިފައެވެ. ޕޫރާންދުޚުތު މަދާއިނުގައި އެބައިންނެވިކަމުގައިވެސް އެބަ އަޑުފެތުރެއެވެ."
"ތިޔައީ ދޮގު ޚަބަރެކެވެ. އޭނާ މަދާއިނުގައި އިންނެވިނަމަ މިހައިތަނަށް ހައްޔަރު ކުރެއްވިއްޖައީހެވެ."
"ތިޔަ ވިދާޅުވި ގޮތަށްވެސް ވެދާނެއެވެ. މަދާއިނުގެ ބޭރުން ކޮންމެވެސް ތަނެއްގައި ފިލައިވަޑައިގެން އިންނެވީ ކަމުގައިވެސް ވެދާނެއެވެ. ނަމަވެސް މަދާއިނުގެ ރައްޔިތުން އެކަމަނާއަށް ތާއީދުކޮށް އަޑުގަދަކުރަނީއެވެ."
އާޒަރުމީދުޚުތު ހަށިކޮޅުގެ ބާރު ދޫވެގެން ގޮނޑިކޮޅެއްގައި އިށީނދެވަޑައިގެންފިއެވެ. އެކަމަނާ ވަރަށް ފެން އަޑުފުޅަކުން ވިދާޅުވިއެވެ.
"އަހަރެން އޮންނާނީ ރަށުގެ ދޮރޯށިތަން ބަންދުކުރާން އަމުރުކޮށްފައެވެ. އަހަރެން ހީކޮށްގެންހުރީ އަހަރެމެން ބަލިވި ޚަބަރު އިރުއެރުމުގެކުރީން ރަށުގެ އާއްމުންނާ ހަމަޔަށް ނުދާނެކަމުގައެވެ. އަހަރެމެންނަށް ތައްޔާރުވާނެ ވަގުތު ލިބޭނެކަމުގައެވެ. އެކަމަކު އަހަރެމެންގެ ދުޝްމިނުން އަހަރެމެންނަށްވުރެ މާހުސިޔާރެވެ. ޣައްދާރުންގެ މަންދޫބުން އަހަންނަށްވުރެ ކުރީން ރަށަށް އައީކަމުގައިވެސް ވެދާނެއެވެ. އީރާނު ރުސްތުމަށް ވިއްކައިލާންއުޅޭ ޣައްދާރުންނާ މަދާއިނުގެ އާއްމުން ބައިވެރިވުމަކީ ވެދާނެކަމެއް ހެއްޔެވެ؟ ޒަރުބަޚުތެވެ. ކަލާގެ ލަޝްކަރުގެ މުއަސްކަރަށް ވަޑައިގެންނެވޭތޯ މަސައްކަތް ކުރައްވާށެވެ. ރަށުތެރެޔަށް ފެތުރިގެން އާއްމުންގެ އިތުބާރު ހޯދާން މަސައްކަތްކުރަން އެމީހުނަށް އަމުރުކުރައްވާށެވެ."
ބަނޑޭރި ދެންނެވިއެވެ. "މަލަކާ ޢާލަމެވެ. އަޅުގަނޑަށް އެނގިފައިވަނީ ސިފައިން އާއްމުންނާ ބައިވެރިވެގެން ކަމަނާފާނާ ދެކޮޅަށް ނަޢުރާ ކުރަމުންގެންދާ ކަމުގައެވެ. ޝާހީ ފާރަވެރީންގެ ލަޝްކަރުގެ ބައެއް އޮފިސަރުން އާއްމުންނަށް މަގުދައްކަމުންގެންދާ މަންޒަރު އަޅުގަނޑަށް ވަނީ ފެނިފައެވެ."
ބަރެންޑާގެ ތެރެއިން ބަޔަކު ދުވެފައިއަންނަ އަޑުއިވޭން ފަށައިފިއެވެ. ކޮޓަރިކޮޅުގައި ތިއްބެވި ބޭފުޅުން ހިމޭންވެވަޑައިގެން އެއަޑު އައްސަވާން ފައްޓަވައިފިއެވެ.
މަދާއިނުގެ ފުލުހުންގެ ކޮމިޝަނަރާއި ޝާހީ ގަނޑުވަރުގެ ފާރަވެރީންގެ ދެ އޮފިސަރަކު މާނޭވާފުޅު ލައްވަވަމުން އެކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. ކޮމިޝަނަރ އިތުރު ތަމްހީދަކާ ނުލައި ވިދާޅުވިއެވެ. "މަލަކާ ޢާލަމެވެ! އާއްމުންގެ ބޮޑު ހުޖޫމެއް ގަނޑުވަރާ ދިމާކުރާން އެބައާދެއެވެ. މީހުންތައް ފާލަމާ ކައިރިވިޔަނުދީ ހުއްޓުވޭތޯ އަޅުގަނޑު މަސައްކަތްކުރީމެވެ. އަޅުގަނޑުގެ ވިއްސަކަށް ފަންސަވީހަކަށް މީހުން މަރުވެއްޖެއެވެ. އެއަށްވުރެ ގިނަމީހުން ޒަޚަމުވެއްޖެއެވެ. ޝާހީ ޚާއްޞަ ފާރަވެރީންގެ ލަޝްކަރުގެ އެހީ ހޯދާންވެސް އަޅުގަނޑު މަސައްކަތްކުރީމެވެ. އެކަމަކު އެލަޝްކަރުގެ މުޢަސްކަރު ހުރީ ފަޅަށެވެ. ކަމަނާފާނުގެ ވަފާތެރީންކުރެ އެތާތިބި މީހުން ވަނީ ޤަތުލުވެފައެވެ. ނުވަތަ ޖާނު ސަލާމަތްކުރާން ފިލައިގެން ގޮސްފައެވެ. ބާޣީ ސިފައިން ރަށުގެ އުތުރު ދޮރޯށި ހިފައިފިއެވެ. އަޅުގަނޑު ދަންނަވާން މިއައީ ޝާހީ ކޮއިލު ނުރައްކަލަށް ހުށަހެޅިފައިވާ ވާހަކައެވެ."
(ނުނިމޭ)