އިންޑިއާ

މީގެ 50،000 އަހަރު ކުރިން ގިނިހިލައެއް ވެއްޓި އިންޑިއާ ގައި އުފެދިފައިވާ ކޯރު ފިޔާތޮށި ކުލައަށް ބަދަލުވެއްޖެ

މުހައްމަދު އައުޒަމް

މީގެ 50،000 އަހަރު ކުރިން ގިނިހިލައެއް ވެއްޓި އިންޑިއާ ގައި އުފެދިފައިވާ ކޯރު ފިޔާތޮށި ކުލައަށް ބަދަލުވެއްޖެއެވެ.

މުމްބާއީގެ އިރުން 500 ކިލޯމީޓަރު ދުރުގައި އޮންނަ މަހާރަސްތަރާގެ ލޮނާރު ކޯރުގެ ފެންގަނޑުގެ ކުލައަށް އައި ބަދަލާއެކު އެތައްބަޔަކު ވަނީ ހައިރާން ކަން ލިބިފައެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތުން މި ކޯރުގެ ކުލައަށް ބަދަލު އަންނަން ދިމާވި ސަބަބު ހޯދަން ފަށާފައި ވާއިރު އެބޭފުޅުން ވަނީ މިކަން ދިމާވި ކަމަށް ބެލެވެނީ ކޯރުގެ ފެނުގައި ހުރި ލޮނުގެ އިންސައްތަ އިތުރުވުމުން ކަމަށް ބެލެވޭކަމަށް ބުނެފައެވެ.

އިންޑިއާގެ ޖިއޮލޮޖިސްޓަކު ވަނީ ކޯރުގެ ފެނަށް އައިސްފައިވާ ކުލަ ފެންނަ ވީޑިއޯ އެއް މީސް މީޑިއާގައި ހިއްސާ ކޮށްފައެވެ. އޭނާ ވަނީ މިއީ އަލަށް މިކޯރަށް ދިމާވެގެން އުޅޭ ކަމެއް ނޫންކަމަށް ބުނެފައެވެ.

ލޮނާރު ކޯރު

އޭނާ ވަނީ ކޯރުގެ ކުލައަށް މިހާ ބޮޑު ބަދަލެއް އައިސްފައިވަނީ ކޯރުގެ ފެންގަނޑު ހިނދި ލޮނުގެ ނިސްބަތް މަތިވުމުން ކަމަށް ބުނެފައެެވެ. އިންޑިއާގެ ޖިއޮލޮޖިސްޓު ވަނީ ދިރާސާ ކުރާ ފަރާތްތަކުން ފެނުގެ ސާމްޕަލް ލެބަށް ގެންގޮސް ތަހުލީލު ކުރަމުން ދާކަމަށް ބުނެފައެވެ.

މަހާރަސްތަރާގެ ލޮނާރު ކޯރަކީ މީގެ 50،000 އަހަރު ކުރީން ދުނިޔެއަށް ވެއްޓުނުކަމަށް ބެލެވޭ ގިނިހިލައެއް ޖެހި އުފެދިފައިވާ ކޯރެކެވެ. މިކޯރަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު އަދި ދުނިޔޭގެ އެކިކަންކޮޅުތަކުން ސައިންސުވެއިން ދިރާސާ ކުރުމަށް ޒިޔާރަތް ކުރާ ކޯރެކެވެ.