ވިޔަފާރި

ތާނަ މެލޯ : ލޯ ފަން މީހުންނަށް އޮންލައިން ތާނަ ލިޔުންތައް އަޑުއެހޭނެ ގޮތް ފަހިކޮށްދޭ އެޕެއް!

އަލީ ޔާމިން

ތާނައިން ލިޔެ އޮންލައިންކޮށް ޝާއިއު ކުރާ ލިޔުންތައް ލޯފަން މީހުންނަށް އަޑުއެހޭނެ ގޮތް ފަހިކޮށްދޭ އެޕްލިކޭޝަނެއް ތައާރަފްކޮށްފިއެވެ.

"ތާނަ މެލޯ"ގެ ނަމުން މި އެޕްލިކޭޝަނަށް ނަންދީފައިވާއިރު، ތާނައިން ލިޔެ އޮންލައިންކޮށް ޝާއިއު ކުރާ ލިޔުންތައް މި އެޕްލިކޭޝަން ލެޓިންއަށް ބަދަލުކޮށްލައެވެ. އެހެންކަމުން، ޓެކްސްޓް ޓު ސްޕީޗް އެޕްތަކަށް އެ ލިޔުންތައް ކިޔެއެވެ. އެކަމުގެ ސަބަބުން ލޯފަން މީހުންނަށް ލިޔުމުގައިވާ އެއްޗެއް ފަހުމްވެގެންދެއެވެ.

ތާނަ މެލޯ އަކީ އިންޓަނެޓުގައި އެކި ސައިޓުތަކަށް ދާން ބޭނުން ކުރާ ބްރައުޒާ އެޕްއެކެވެ. މި އެޕް ބޭނުންކުރަން ފަސޭހައަކަށް މުހިންމު ވެބްސައިޓުތައް ބުކްމާކްވެސް ކުރެވެއެވެ.

ތާނަ މެލޯއަކީ އޮސްޓްރޭލިއަން އެއިޑްގެ އެހީއާއެކު މިދިޔަ އަހަރު ބޭއްވި މިޔަހެލި އިނޮވޭޝަން ކޭމްޕްގައި ދިވެހި ޒުވާނުންތަކެއް ހުށަހެޅި ހިޔާލުތަކުގެ ތެރެއިން ހޮވާލެވުނު އެންމެ މޮޅު ހިޔާލެވެ.

ޔޫއެންޑީޕީން ބުނީ މި އެޕްގެ ސަބަބުން ލޯ ފަން މީހުންނަށް ފަސޭހަކަމާއެކު މައުލޫމާތުތައް ލިބިގެންދާނެ ކަމަށެވެ.

ތާނަ މެލޯ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ހުސެއިން ޝަރީފް ވިދާޅުވީ ކޮވިޑުގެ ސަބަބުން މާލޭ ސަރަހައްދު ލޮކްޑައުންކޮށްފައިވާ އަދި ތައުލީމީ ސެންޓަރުތަކާއި މަދަރުސާތައް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި ލޯފަން ކުދިންނަށް ކިޔެވުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް ތާނަ މެލޯ ބޭނުންކޮށްގެން އެކުދިންނަށް ފަސޭހަ ކަމާއެކު ކިޔެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.