ގައުމީ ފިރިހެން ސީނިއާ ފުޓުބޯޅަ ޓީމު ސްކޮޑް 25 ކުޅުންތެރިންނަށް ތިރި ނުކުރާކަމަށް ގައުމީ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗް އަލީ ސުޒޭން ބުނެފިއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ސުޒޭން ބުނީ އޭނާ އަށް އެނގިގެން އަދި އެފަދަކަމެއް ނުހިނގާ ކަމަށެވެ. އަދި އެބުނާ ލިސްޓެއް ނުވެސް ދެކޭކަމަށެވެ. ނަމަވެސް މީޑިއާ ތަކުން ކޮންމެވެސް ވަރަކަށް އެބުނާ ލިސްޓެއްގައި ތިބި ކުޅުންތެރިންނަކީ ކޮންބައެއްކަން އެނގިފައިވާ ކަމަށް ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ އެއްވެސް ކުޅުންތެރިއަކާއި ދޭތެރޭ ނާއިންސާފުން ކަންކަން ނުކުރާނެ ކަމަށާއި އަދި އެފަދަ ކަމެއް އޭނާ ހުރި ޓީމެއްގައި ހިނގިޔަ ވެސް ނުުދޭނެ ކަމަށެވެ. ގައުމީ ޓީމުގެ ފަރިތަ ކުރުންތައް ފަށާނީ ކުރިން ވެސްތިބި 30 ކުޅުންތެރިންނާ އެކު ކަން ފާހަގަ ކޮށް، ސުޒޭން ބުނީ 25 ކުޅުންތެރިންނަށް ޓީމް ލިސްޓް މިހާރު ކުއްލިއަކަށް ތިރި ކުރަން ޖެހޭ އެއްވެސް ހާލަތެއްވެސް ނެތް ކަމަށެވެ.
ސުޒޭން ބުނީ ޓީމުގެ ޕްރެކްޓިސްތައް ނުފެށި ނަމަވެސް ޓީމް ލިސްޓް މަދުކުރަން ޖެހޭ ހާލަތަކީ މުބާރާތަކަށް ދާންޖެހި އޭއެފްސީ އަށް ޓީމް ލިސްޓް ފޮނޮވަން ޖެހިގެން އަންނަ ހާލަތެއްގައި ކަމަށެވެ. ނަމަވެސް އެފަދަ ހާލަތެއް އަދި ނެތްކަމަށް ސުޒޭން ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން ޔޫތު މިނިސްޓްރީގެ ބޭނުމަށް ކޮންމެ މަހަކު ވެސް އެފްއޭއެމް އިން 23 ކުޅުންތެރިންގެ ލިސްޓެއް މުސާރަ ދިނުމަށް ފޮނުވާކަން ސުޒެއިންވަނީ ފާހަގަ ކޮށްފައެވެ.
ސުޒޭން މިހެން ބުނެފައިވާއިރު، އެފްއޭއެމުން ގެނެސްދިން "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައިވަނީ ދާދި ފަހުން ގައުމީ ޓީމުގެ ކޯޗުންނާ އެކު ބޭއްވި ބައްދަލުވުމުގައި ސްކޮޑު ފައިނަލް ކުރި ކަމަށް ކޯޗިން ސްޓާފުން ބުނެފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ޓީމުން ބާކީ ވި ބައެއް ކުޅުންތެރިންނަށް "ވަން" އިން ގުޅުމުން ބުނީ ޓީމަށް ނާރާކަމެއްވެސް އަރާ ކަމެއްވެސް އެފްއޭއެމުން އަދި މިހާތަނަށް އަންގާފައި ނުވާ ކަމަށެވެ. ނަމަވެސް ބައެއް ކުޅުންތެރިން ބުނީ އެފްއޭއެމުން ހަދާފައިވާ ވައިބަރު ގުރޫޕުން އެކުޅުންތެރިން ބޭރުކޮށްލާފައިވާ ކަމަށެވެ.
ވައިބަރު ގްރޫޕުން އެކުޅުންތެރިން ބޭރުކޮށްލާފައިވާ މައްސަލައިގައި ސުޒޭން ބުނީ އެފަދަ ކަމެއް އެނގިފައި ނުވާ ކަމަށާއި އެގޮތަށް އެކަން ވެފަ އޮތް ނަމަ އެއީ މައްސަލައެއް ކަމަށެވެ. އެބުނާ ވައިބަރު ގްރޫޕެއްގައި ނޫޅޭކަމަށާއި އެހެން ކަމުން ކުޅުންތެރިން ބޭރުކުރިކަން އެނގިފައި ނުވާ ކަމަށް ސުޒޭން ބުންޏެވެ. އަދި އެކަން ހިނގީ ކިހިނެއްތޯބަލައި މީޑިއާ އަށް އެކަމުގެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ވެސް ސުޒޭން ބުންޏެވެ.