ފީޗާރޑް

70 އަހަރުވީ މި ބައިސްކަލު އާއިލާއެއްގެ ހަތަރު ޖީލަކަށް ވާރުތަވި މުދަލެއް

ރާއްޖެއަށް ފުރަތަމަ ބައިސްކަލެއް ގެނައީ މާބަޖީޗާ އަލް އަމީރު މުހައްމަދު ފަރީދު ފާށަނާ ކިލެގެފާނެވެ. އެއީ ރިލޭ ބައިސްކަލެކެވެ. 1980ގެ އަހަރުތަކުގައި ގިނަ ޒުވާން ފިރިހެނުން ބޭނުންކުރި ރިލޭ ބައިސްކަލަކީ މިއަދު ރާއްޖޭން ހޯދަން ނުވަތަ ފެންނަން ނެތް އެއްޗެކެވެ. އޭގެ ފަހުން ހަބް ސްޕީޑު ބައިސްކަލު ވެސް ދިވެހިންގެ ތެރޭގައި އާންމުވިއެވެ.

ނަމަވެސް ދައްކަން މިއުޅެނީ އޭގެ ވެސް ކުރީގެ ވާހަކައެކެވެ. ސަން ބުރޭންޑުގެ މި ބައިސްކަލް އިންޑިއާގެ އާއިލާއަކުން ބޭނުންކުރާތާ މިހާރު 70 އަހަރު ވެދާނެއެވެ. ހެޑްލައިޓް އެއް ފަހަރަކު ވަގަށް ނެގި ނަމަވެސް ޓަޔަރުތައް ބަދަލުކުރުން ނޫން ބަދަލެއް ބައިސްކަލަށް އައިސްފައެއް ނުވެއެވެ.

މާޝަލް އޭ ޕެރެއިރާއަށް މި ބައިސްކަލް ލިބުނީ 1950 ގައެވެ. އިނގިރޭސިވިލާތުގެ އޭރުގެ މަޝްހޫރު ބައިސްކަލް އުފައްދާ ވޯކްޝޮޕް ކާލްޓަން ފެކްޓަރީން އުފެއްދި ސަން ބްރޭންޑެޑްގެ އެ ބައިސްކަލަކީ ބޯޓުދަތުރުކުރާ ރަހުމަތްތެރިއެއް ކަމުގައިވާ ޖޯން އޭނާއަށް ދިން ހަދިޔާއެކެވެ. މާޝަލް އޭރު މަސައްކަތް ކުރަމުންއައީ އިންޑިއާގެ ކެރެލާ ސްޓޭޓްގެ މުންނާރު ސަހަރުގައި ހުންނަ ކަންނަން ޑެވެން ހިލްސް ޓީ ކުންފުނީގެ ސީނިއާ ސެކްރެޓަރީއެއްގެ މަގާމުގައެވެ.

ނަމަވެސް އެ ބައިސްކަލް ވެގެން ގޮސްފައިވަނީ އާއިލާތެރޭގައި ވާރުތަ މުދަލެއްގެ ގޮތުގައެވެ. އެގޮތުން މާޝަލްއަށްފަހު މިހާރު ތިން ޖީލެއްގައި ވެސް އެ ބައިސްކަލު ބޭނުންކޮށްފިއެވެ. މާޝަލްގެ ތިން ކުދިންނާއި އެމީހުންގެ ކުދިން ވެސް ބޭނުންކުރީ އެ ބައިސްކަލެވެ. އޭތި މިހާރު ބޭނުންކުރަނީ މާޝަލްގެ މުނި ކާފަދަރިންނެވެ.

މި ބައިސްކަލުގެ ވާހަކަ އާންމުންނަށް ފުރަތަމަ ހިއްސާކުރީ މާޝަލްގެ ދެވަނަ ދަރި، ޝާލީ ޕައުލްގެ އެންމެ ދޮއްޓަށް ހުންނަ ޖޯން ޖޭ ޕައުލްއެވެ.

"ކަންނަން ޑެވަން ކުލަބަށް ގޮސް ޓެނިސް ކުޅުމަށް އަހަރެންގެ ކާފަ މި ބައިސްކަލު ކޮންމެ ދުވަހަކު ބޭނުންކުރި. އަދި އޭނާގެ ދަރިން އަހަރެންގެ ބޮޑު ބޭބެ އާއި މަންމަ ވެސް މި ބައިސްކަލު ބޭނުންކުރި. ފަހުން އަހަރެންގެ ބޮޑުބޭބެ މަސައްކަތަށް ގޮސް އަންނާނީ ވެސް އެ ބައިސްކަލުގައި،" ޖޯން ބުނެފައިވެއެވެ.

ޖޯންގެ އާއިލާ ތްރިވަނަންތަޕޫރަމަށް 1981 ވަނަ އަހަރު ބަދަލުވިއިރު ވެސް އެ ބައިސްކަލު ގެންދިޔައެވެ. އެގޮތުން ޖޯން އާއި އޭނާގެ ބޭބެ ސްކޫލަށާއި ކޮލެޖަށް ދާން ވެސް ބޭނުންކުރީ އެ ބައިސްކަލެވެ.

"މިހާރު އަަހަރެންގެ ބޭބެގެ ކުދިން އެ ބައިސްކަލު ދުއްވަނީ. މިހާ ޒަމާންވީއިރުވެސް އެ ބައިސްކަލުން އުދަނގުލެއް އަހަރެމެންނަކަށް ނުވޭ. ދަބަރެއް ވެސް ނުޖަހާ. ކަންނަން ޑިވާން ކުލަބުގައި ބަހައްޓާފައި ހުއްޓާ ވަރަށް ކުރިން ބައިސްކަލުގެ ލައިޓް ވަގަށް ނެގި. އަދި ބައިސްކަލުގެ ފުރޮޅު މަދު ފަހަރެއްގައި ބަދަލުކުރަން ޖެހުނު،" ޖޯން ބުނެފައިވެއެވެ.