އިންޑިއާ

ވިސާގެ ގުޅުން ހަރުދަނާ ކުރުމާއި ގުޅުން ބަދަހިކުރުމުގެ ތިން އެއްބަސްވުމެއްގައި އިންޑިއާއެކު ސޮއިކޮށްފި

އަހުމަދު ޖައިޝަން

ރާއްޖެއާއި އިންޑިއާއާ ދެމެދު ވިސާގެ ގުޅުން ހަރުދަނާކުރުމަށާއި އިތުރު ތިން ދާއިރާއަކުން ތަރައްގީ ގެނައުމަށް ދެގައުމުގެ ދެމެދުގައި އެއްބަސްވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިހާރު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ވިސާގެ ކަންތައްތައް ހަރުދަނާކުރުމުގެ އެއްބަސްވުމުގެ އިތުރުން ދެން ސޮއިކޮށްފައި ވަނީ ސަގާފީ އެއްބާރުލުން ދިނުމާއި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ)ގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ އިތުރުން ދަނޑުވެރިކަމާ ގުޅުންހުރި ދާއިރާތަކުން ގުޅުން ބަދަހި ކުރުމާ ގުޅޭ އެއްބަސްވުމުގައެވެ.

މިއަދު ސޮއިކުރެއްވި ވިސާ އެއްބަސްވުމުގެ ދަށުން ވިސާގެ އެކި ކަހަލަ ދަތިތަކަށް ހައްލު ލިބިގެންދާނެއެވެ. އެގޮތުން ބޭސްފަރުވާ އާއި ޓޫރިޒަމާއި ވިޔަފާރިއާ ގުޅޭ ކަންކަމަށް، ކޮންމެ ހަ މަހަކުން 90 ދުވަހުގެ ވިސާ ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވަނީ ވިދާޅުވެފައެވެ.

ވިސާ އެގްރީމެންޓުގެ އިތުރުން ދެން ސޮއިކޮށްފައިވާ އެއްބަސްވުންތަކަކީ :

"މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިން ފޮ އެސްޓޭބްލިޝިން މިއުޗުއަލް ކޯޕަރޭޝަން ޓު އިމްޕްރޫވް ދި އިކޯސިސްޓަމް ފޯ އެގްރިބިޒްނަސް"

"ޖޮއިންޓް ޑެކްލެރޭޝަން އޮފް އިންޓެންޓް އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް އިންފޯމޭޝަން އެންޑް ކޮމިޔުނިކޭޝަންސް ޓެކްނޮލޮޖީ އެންޑް އިލެކްޓްރޯނިކްސް"

"މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިން އޮން ކަލްޗަރަލް ކޯޕަރޭޝަން"