ރައްޔިތުންގެ މަޖިލިސް

މިނިިސްޓަރު ހުސެންގެ އިސްތިއުފާއަށާއި، ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރަން ފުވައްމުލަކު ދެމެންބަރުން ގޮވާލައިފި

އިބްރާހިމް ޒަކީ

ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމާ ގުޅޭ މައްސަލައިގައި އެންވަޔަރަންމަންޓް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހަސަންގެ އިސްތިއުފާއަށާއި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެ މެންބަރުން ގޮވާލައިފިއެވެ.

މެންބަރުން މިކަން ކަމަށް ގޮވާލެއްވީ، ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކާ ގުޅިގެން އޮޅުންފިލުވަންޖެހޭ ކަންކަން އޮޅުންފިލުވުމަަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިނިސްޓަރު ޑރ. ހުސެއިން ރަޝީދާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައީދު މުހައްމަދު ހާޒިރުކޮށް ކުރިއަށްގެންދިޔަ ބައްދަލުވުމުގައެވެ.

މި މައްސަަލައާ ގުޅިގެން އެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީގެ ހުށަހެޅުއްވުމަކަށެވެ.

މިބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް، މިނިސްޓަރު ދެއްވި ޖަވާބުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ކޮމިޓީ ބައްދަލުވުން ހޫނުވެ ކޮމިޓީގައި ތިއްބެވި ފުވައްމުލަކުގެ ދެ މެންބަރުން ވަނީ ވަރަށްބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ.

ބައްދަލުވުން ހޫނުވީ، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ ކޮމިޓީގައި ކުރެއްވި ސުވާލުތަކަކީ، ކުރިން ފޮނުވާފައިވާ ސުވާލުތަކެއް ނޫން ކަމާއި އެ ސުވާލުތަކަކީ ވަަރަށް ސްޕެސިފިކް ސުވާލުތަކެއް ކަމަށް ވިދާޅުވެ އެ ސުވާލުތަކަށް ލިޔުމުން ޖަވާބުދެއްވަން މިނިސްޓަރު އެދިވަޑައިގެންނެވުމާ ގުޅިގެންނެވެ.

މިނިސްޓަރު ވިދާޅުވީ، އެފަދަ ސުވާލުތަކަކަށް ކޮމިޓީގައި ޖަވާބު ދެއްވާއިރު ހަގީގަތާ ހިލާފު ވާހަކައެއް ވިދާޅުވެވިއްޖެނަމަ، ދޮގު ހެއްދެވީ ކަމަށް ނިންމައި ޖިނާއީ ދައުވާ ކުރުމުގެ ފުރުސަތުވެސް އެބައޮތް ކަަމަށެވެ.

އެކަމާ ގުޅިގެން މިނިސްޓަރާ އިތުރު ސުވާލުކުރައްވަމުން މެންބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވީ، އެކަން ބަލަން ޖެހޭ ކަމަށާއި އެކަމުގައި މިނިސްޓްރީން އިހުމާލުވެފައިވޭތޯ ބަލަންޖެހޭ ކަމަށެވެ. އަދި މިނިސްޓަރު އިތުރުފުޅު ހައްދަވައިގެން ޖިނާއީ ދައުވާ ކުރަންޖެހިއްޖެއްޔާ، ޖިނާއީ ދައުވާ ކޮށްގެންވިޔަސް، މިނިސްޓަރު އިސްތިއުފާ ދެއްވަންޏާ އެކަން ކޮށްގެންވެސް އެއީ ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރަށް ސުވާލުކުރުމަށް ދިން ފުރުސަތުގައި ވާހަކަދައްކަވަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒު ވިދާޅުވީ، ފާއިތުވި 18 މަސްދުވަހު ފުވައްމުލަކު ރައްޔިތުން އުޅެމުން ދިޔައީ ވަރަށްބޮޑު ކަންބޮޑުވުމާއި އުނދަގުލާއި ދަތިކޮށް ކަމަށާއި މިކަމުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެކަމަކީ މިހާ ދުވަސްވީ ކަމަކަށްވެފައި މިކަމުގެ ސީރިއަސްކަން މިނިސްޓްރީއަށް ވިސްނިފައި ނެތުމުން ކަމަށެވެ.

ރައްޔިތުންގެ އިހުސާސްތައް ނޭނގޭ މިނިސްޓްރީތަކާއި، މިނިސްޓަރުން ބައިތިއްބައިގެން މިކަންކަން ނުކުރެވޭނެ ކަމަށްވެސް މެންބަރު މުމްތާޒް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމަކީ އެންމެ ރަނގަޅު ނިޒާމެއްތޯ ސުވާލު އުފެދޭ ކަމަށާއި މިހާރު މިއޮތް ރިޔާސީ ނިޒާމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމެއް ގެންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭރުން އެކަންކަން ކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އައްޔަން ކުރާ މަޖިލިސް މެންބަރު ކަމަށާއި އެފަރާތްތަކަށް ރައްޔިތުންގެ އިހުސާސް އެނގޭނެ ކަަމަށެވެ.

"އަޅުގަނޑަށް މިހާރު ސުވާލު އުފެދޭ މި ނިޒާމަކީ އެންމެ ރަނގަޅު ނިޒާމުތޯ. ރާއްޖޭގެ ވެރިކަންކުރާ ނިޒާމުގެ ވާހަކަ އަޅުގަނޑު މިދެންނެވީ. ރައްޔިތުންގެ އިހުސާސްތައް ނޭނގޭ މިނިސްޓްރީތަކަކާއި މިނިސްޓަރުންތަކެއް ބައިތިއްބައިގެން އަޅުގަނޑުމެންނަކަށް ނޭނގޭ މިކަން ކުރާނެ ގޮތެއް، އަޅުގަނޑުމެންނަށް މި އިހުސާސް ކުރެވެނީ. އަޅުގަނޑުމެންނާ ރައްޔިތުން މި ގުޅަނީ. އެހެންވީމަ މި ރިޔާސި ނިޒާމުގެ ބަދަލުގަައި އަޅުގަނޑުމެން ޖެހޭނީ ބަރުލަމާނީ ނިޒާމު މިގައުމަށް ގެންނަން. ބަރުލަމާނީ ނިޒާމުގައި ވެއްޖެއްޔާ މިނިސްޓަރުންނަށް ތިއްބަވާނީ ރައްޔިތުންގެ މަޖިލިސް ރައީސް އައްޔަންކުރައްވާ މެންބަރުން. ޒިންމާ ނަގައިގެން މެންބަރުންނަށް އެކަންކުރެވޭނެ،" މެންބަރު މުމްތާޒް ވިދާޅުވިއެވެ.