ވިޔަފާރި

ހިލޭ ބޭނުންކުރެވޭ ފޭސްބުކް ވާޝަން، ''ފޭސްބުކް ފްލެކްސް'' އުރީދޫން ތައާރަފްކޮށްފި

މަރިޔަމް ޝަހުދާ

އުރީދޫ މޯލްޑިވްސް އާއި ފޭސްބުކް ގުޅިގެން އުރީދޫ ކަސްޓަމަރުންނަށް ހިލޭ ފޭސްބުކް ބޭނުން ކުރެވޭ 'ފޭސްބުކް ފްލެކްސް' ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

އުރީދޫން ބުނީ، އުރީދޫ ޑޭޓާ ބޭނުންކުރާ ކަސްޓަމަރުން، ފޭސްބުކް އެޕްލިކޭޝަން ހުޅުވާލުމުން އަރާފައި އިންނަ "ފްރީ މޯޑް" ބަޓަނަށް ފިއްތާލުމުން ފޭސްބުކް ހިލޭ ބޭނުން ކުރެވޭނެ ކަމަށެވެ. އަދި މޯބައިލް ފޯނު ގެންގުޅޭ ކަސްޓަމަރުންނަށް free.facebook.com މެދުވެރިކޮށް މި ހިދުމަތް ލިބޭނެއެވެ.

އޭގެ އިތުރުން އެންޑްރޮއިޑް ފޯނު ބޭނުން ކުރާ ކަސްޓަމަރުންނަށް ފޭސްބުކް އަދި ފޭސްބުކް މެސެންޖާ އެޕްލިކޭޝަން މެދުވެރިކޮށް ފޭސްބުކްގެ ހިލޭ ވާޝަން ބޭނުން ކުރެވޭނެ ކަމަށާއި އަދި 'ފޭސްބުކް ފްލެކްސް' މެދުވެރިކޮށް ކަސްޓަމަރުންނަށް ފޭސްބުކްގައި ޕޯސްޓްކޮށް، ޕޯސްޓްތަކަށް ލައިކްކޮށް، ކޮމެންޓްކޮށް އަދި ޓެކްސްޓް ބޭސްޑް ކޮންޓެންޓް ބްރައުޒް ކުރެވޭނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.

'ފޭސްބުކް ފްލެކްސް' އާއެކު ފޭސްބުކް މެސެންޖާ މެދުވެރިކޮށް ރައްޓެހިންނާއި އާއިލާގެ ހާލު އަހުވާލު ބަލާލާ މުޅިން ހިލޭ ޗެޓު ކުރެވޭނެއެވެ. އަދި ފޮޓޯ އަދި ވީޑިއޯ ހިމެނޭ ޕޯސްޓުތައް ބަލާލުމަށް ބޭނުންވާ ޕޯސްޓަށް ފިތާލުމުން ޑޭޓާއަށް ޗާޖް ކުރެވޭނެ ކަމުގެ މެސެޖެއް ޕޮޕަޕްވާނެ ކަމަށާއި "USE DATA" އަށް ފިތާލުމުން ފޭސްބުކްގެ ފުލް ވާޝަނަށް ބަދަލުވާނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ.

މި އާ ހިދުމަތާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒު ވިދާޅުވީ ގައިދުރު ކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހިފައިވާ މިހާލަތުގައި އުރީދޫން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަނީ މެދު ކެނޑުމެއްނެތި އިންޓަނެޓްގެ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އާއިލާ އާއި ރައްޓެހިންނާ ދެމެދު އޮންނަ ގުޅުން ޑިޖިޓަލްކޮށް ބަދަހި ކުރުމުގެ މަގުފަހިކޮށް، ދުނިޔޭގެ އެކިކަންކޮޅުތަކުގެ މުހިންމު ހަބަރުތަކާ ގުޅުވާލަދިނުމަކީ ވެސް އުރީދޫގެ ބޭނުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.