ކޮވިޑާ ދެކޮޅަށް ހަނގުރާމަ ކުރާއިރު ގައުމުތަކަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވަނީ ވެންޓިލޭޓަރަށެވެ. އެއީ އެބަލީގައި ހާލު ދެރަވާ މީހުންނަށް ފަރުވާދޭން ޖެހެނީ ވެންޓިލޭޓަރުގައި ކަމަށް ވުމުންނެވެ. ވެންޓިލޭޓަރަށް އޮތް ޑިމާންޑާއެކު ވެންޓިލޭޓަރު ވެގެން ގޮސްފައިމިވަނީ ލިބުން "ތަދު" އެއްޗަކަށެވެ. އަޅުގަނޑުމެންގެ ރާއްޖެއަަށްވެސް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވަނީ ވެންޓިލޭޓަރެކެވެ.
ކޮވިޑުގެ ސަބަބުން ދުނިޔޭގައި ވެންޓިލޭޓަރު ލިބުމުގެ ދަތިކަން ކުރިމަތިވެފައި ވަނިކޮށް ދިވެހި ސިފައިން ވަނީ ވެންޓިލޭޓަރެއް އުފައްދައިފައިފައެވެ. ހަލާކުވެފައިވާ އިލެކްޓްރޯނިކް އާލާތްތައް ބޭނުންކޮށްގެން ސިފައިންނަށް ވެންޓިލޭޓަރުގެ މަސައްކަތް އެއްކޮށް ފުރިހަމަ ކުރެވުނީ ދެ ހަފްތާއިންނެވެ.
ސިފައިން ވެންޓިލޭޓަރެއް އީޖާދު ކުރިތާ މާގިނަ ދުވަހެއް ނުވެ ސ. ހުޅުމީދޫއަށް އުފަން އުމުރުން 25 އަހަރުގެ އަހުމަދު މުއީދު ވަނީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވެންޓިލޭޓަރެއް އުފައްދައިފައެވެ.
އެ ފަހަރު އުފެއްދި ވެންޓިލޭޓަރާއި ބެހޭ ގޮތުން "ވަން" އަށް މައުލޫމާތު ދެމުން، މުއީދު ބުނީ، ވެންޓިލޭޓަރު އުފައްދާފައިވާނީ ވަރަށް ފަސޭހައިން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން ކަމަށެވެ. އަދި ވެންޓިލޭޓަރުގައި ބޭނުންކޮށްފައިވާ ސާމާނަކީ ބައެއް ކަހަލަގެ ތަކެތި ރޫޅާލައިގެން ހޯދާފައިވާ ތަކެތިކަމުގައި އޭނާ ބުނެއެވެ. މުއީދު ވަނީ އޭނާ އުފެއްދި ވެންޓިލޭޓަރު އެރަށުގައި ހުންނަ ސިއްހީ މަރުކަޒަށް ގެންގޮސް ޓެސްޓުވެސް ކޮށްފައެވެ.
ފުރަތަމަ ވެންޓިލޭޓަރަށް ފަހު މުއީދުގެ އެންމެ ބޮޑު އަމާޒަކަށްވީ، ކުރިން އުފެއްދި ވެންޓިލޭޓަރަށް ވުރެ ރަނގަޅު ވެންޓިލޭޓަރެއް އުފެއްދުމެވެ. އެގޮތުން އެހެން ވެންޓިލޭޓަރެއްގެ މަސައްކަތް މިދިޔަ މަހުގެ 28 ވަނަ ދުވަހު މުއީދު ފެށިއެވެ. 12 ވަރަކަށް ދުވަހުގެ މަސައްކަތަށް ފަހު މުއީދު ވަނީ ގިނަ އިލެކްޓްރިކް ކޮމްޕޯނަންޓްތައް ބޭނުންކޮށްގެން ޕޯޓަބަލް ވެންޓިލޭޓަރެއް އުފައްދައި އެރަށުގެ ސިއްހީ މަރުކަޒުގައި ޓެސްޓުކޮށްފައެވެ.
"މިފަހަރު އަސްލު ތަންކޮޅެއް ގިނަ ވަގުތުވެސް ނެގި. ވަރަށް ގިނަ އިލެކްޓްރިކް ކޮމްޕޯނަންޓްތައް ހުންނާނެ ބޭނުންކޮށްފައި. ފެއިލް ސޭފް ޑްރައިވް މެނޭނިޒަމެއް ހުންނާނީ. ދެން މޯޓަރު ހުއްޓިއްޖެއްޔާ އެލާމް އަޅާނެ. ކުރިން ހެދި ވެންޓިލޭޓަރަށްވުރެ އެޑްވާންސްވާނެ މިފަހަރު" މުއީދުގެ އުފެއްދުމާ ބެހޭ ގޮތުން "ވަން"އަށް މައުލޫމާތު ދެމުން އޭނާ ބުންޏެވެ.
މުއީދު އުފެއްދި ޕޯޓަބަލް ވެންޓިލޭޓަރުވެސް އުފައްދާފައިވަނީ ރަށްފުށުން ލިބެން ހުންނަ ސާމާނު ބޭނުންކޮށްގެން ކަމަށް އޭނާ ބުންޏެވެ. އަދި ކުރިން އުފެއްދި ވެންޓިލޭޓަރަށްވުރެ މިފަހަރު އުފެއްދި ވެންޓިލޭޓަރު ލުއި ވެފައި، ސައިޒުންވެސް ކުޑަވާނެ ކަމަށް ބުންޏެވެ.
މުއީދުގެ މިހާރުގެ އުންމީދަކީ ވެންޓިލޭޓަރު އުފެއްދުމުގެ މާސް ޕްރޮޑަކްޝަނަކާ ހަމަށް ދިއުމެވެ. ނަމަވެސް އެކަމަށް މާލީ އެހީތެރިކަން ބޭނުންވާނެ ކަމަށް އޭނާ ބުނެއެވެ.
"އަޅުގަނޑު ބޭނުންވޭ މިކަމުގެ މާސް ޕްރޮޑަކްޝަންއަކާ ހަމައަށް ދިއުމަށް. އަޅުގަނޑަށް ޔަގީންކަން އެބައޮތް ރަނގަޅު ފަންޑެއް ލިބިއްޖެނަމަ މިއަަށްވުރެވެސް ރަނގަޅަށް މިކަން ކުރެވިދާނެކަމަށް. އެއީ މިފަދަ ތަކެތި ހެދުމަށް ބޭނުންކުރާ ސާމާނަކީ ވަރަށް އަގުބޮޑު އަދި ވަރަށް އެޑްވާންސް ތަކެއްޗަށް ވީމަ" މުއީދު ބުންޏެވެ.
އެންމެ ކުޑައިރުއްސުރެވެސް ޓެކްނިކަލް ފީލްޑަށް ޝައުގުވެރިކަން ހުންނަ މުއީދަކީ ކޮމްޕިއުޓާ ޕްރޮގްރާމަރެއްވެސް މެއެވެ. މުއީދު ބުނިގޮތުގައި އެ މަސައްކަތްވެސް އޭނާ ދަސްކޮށްފައިވާނީ، ފޮތްތަކާއި، އިންޓަނެޓުގެ އެހީގައި އަމިއްލައަށެވެ. އަމިއްލަ ވިޔަފާރިކުރާ މުއީދަކީ ޓެކްސީ އަދި ޕިކަޕުވެސް ދުއްވާ މީހެކެވެ.
ވެންޓިލޭޓަރަށް ފަހު މުއީދު މިހާރު އަމާޒު ހިފާފައިވަނީ ކޮވިޑް 19ގެ ޓެސްޓުތައް ކުރާ ޕީސީއާރް މެޝިނެއް އުފެއްދުމަށެވެ. ތަކެތި ލިބުނުހާ އަވަހަކަށް އެ މަސައްކަތްވެސް ފަށާނެ ކަމަށް މުއީދު ބުނެއެވެ.