ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބްގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރިހޯދައި، ޓޭބަލްގައި ޓީސީ ސްޕޯޓްސް ކްލަބު ދަމަހައްޓަމުންދިޔަ ދެ ޕޮއިންޓުގެ ލީޑު ފަސް ޕޮއިންޓަށް ފުޅާކޮށްފިއެވެ.
މިއަދު ހަވީރު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މިމެޗުގެ ހަމައެކަނި ގޯލު މެޗުގެ 44 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހީމް އިޝާން (ސައްޓު) އެވެ. ޓީސީގެ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ތަނަވަސްކުރި ފުރުޞަތެއްގައި ސައްޓު ވަނީ މުޅިން ހުސްކޮށް އަރާ ނިއުގެ ގޯލުގެ ކަނާތްފަރާތު ތިރީކަނަށް ބޯޅަ ވައްދާލާފައެވެ. މިއީ، ނިއުރޭޑިއަންޓު އަތުން ޖެހިޖެހިގެން ނުވަ މެޗުން މޮޅެއްނުލިބި އޮތް ޓީސީއަށް ލިބިގެންދިޔަ ވަރަށް މުހިއްމު މޮޅެކެވެ.
މިއަދުގެ މެޗަށް ދެ ޓީމު ނުކުތްއިރު ދެ ޓީމުގެ ފުރަތަމަ އެގާރައިން ވެސް ބަދަލުތަކެއް ފެނުނެވެ. އެގޮތުން، މި ސީޒަނުގައި 25 ގޯލު ކާމިޔާބުކޮށްފައިވާ، ނިއު ރޭޑިއަންޓުން ޓީސީއަށް ބަދަލުވި އިތުބާރު ފޯވާޑު އަލީ އަޝްފާޤު (ދަގަނޑޭ) އިނީ ޓީސީގެ ބެންޗުގައެވެ. ނިއުރޭޑިއަންޓުގެ ޑިފެންޑަރު އަކްރަމް އަބްދުލްޤަނީ (އަކޫ) އާއި، ހަމްޒާ މުޙައްމަދު (ހަމްޕު) އާއި، ގޯލްކީޕަރު އިމްރާން މުޙައްމަދު (އިއްމަ) އާއި، ރިހާމް އަބްދުލްޤަނީ (ބޮބީ) ވެސް އިނީ ނިއުގެ ބެންޗުގައެވެ.
މިއަދުގެ މެޗުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން ނިއުރޭޑިއަންޓުގެ ބިދޭސީ ފޯވާޑު ކިޕްސަންއަށް ލިބުނު ހުސް ފުރުޞަތުތައް ފާހަގަކޮށްލެވެއެވެ. ޓީސީ އަށްވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ ދެވަނަ ހާފުގައި ޓީސީގެ އިބްރާހީމް މަހުދީ އަށާއި، ޑިފެންޑަރު އަލާ ނާސިރު އަށާއި، އަލީ އަޝްފާޤު (ދަގަނޑޭ) އަށް ލިބުނު ފުރުޞަތުތައް ފާހަގަކޮށްލެވެއެވެ. އިއްބެ އާއި އަލާގެ ހަމަލާތައް ނިއުގެ ގޯލުގެ މަތީ ދަނޑިއަށް އަމާޒުވިއިރު، ދަގަނޑޭ މުޅިން ހުސްކޮށްހުރެ ނިއުގެ ކީޕަރު މުޙައްމަދު ފައިޞަލްގެ ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލަން އުޅުމުން ދިޔައީ ހުރަސްދަނޑި މަތިން ބޭރަށެވެ.
މެޗުގެ ދެވަނަ ހާފު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ނިއުގެ އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހިލޭޖެހުން ގޯލުގެ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ނިއުގެ ސޮލާހު މުޅިން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ޓީސީގެ ގޯލްކީޕަރު ކިރަން ކުމާރު ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. ޓީސީގެ ގޯލްކީޕަރު ކިރަން ކުމާރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދީ އޭނާއެވެ.
މިއަދުގެ މެޗަށްފަހު ޓީސީގެ ކޯޗު ނިޒާމްބެ ބުނެފައިވަނީ، މެޗުން ލިބުނު ތިން ޕޮއިންޓަކީ ވަރަށް މުޙިއްމު ތިން ޕޮއިންޓު ކަމަށާއި، ނިއުއަކީ ލީގުގައި ކުޅޭ އެންމެ ބޮޑު އެއް ޓީމު ކަމަށެވެ.
ނިއުގެ އާ ކޯޗު ސޮބާޙް މުހައްމަދު ބުނީ، މިއަދުގެ މެޗުގައި ރަނގަޅު ފުރުޞަތުތަކެއް ލިބުނު ކަމަށާއި، ނަސީބު ނެތޭވެސް ބުނެވިދާނެ ކަމަށާއި، ގިނަދުވަސްތަކެއް ވަންދެން ޕްރެކްޓިސް ނުކޮށް ނުކުތުމުން ފިޓްނަސްގެ މައްސަލަ ދިމާވި ކަމަށެވެ.
މި މޮޅާއެކު ޓީސި ވަނީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާއެކު ޓޭބަލްގެ އެއްވަނައިގައި ހަމަޖެހިލައިފައެވެ. ނިއުރޭޑިއަންޓު އޮތީ 10 ޕޮއިންޓާއެކު ޓޭބަލްގެ ދެވަނައިގައެވެ.