ޕޮލިސް

ހޮވި އެއްލައްކަ ރުފިޔާ ފުލުހުންނާ ހަވާލުކުރި ބަންގްލަދޭޝް މީހާއަށް ފައިސާގެ އިނާމު، އެއްމަސްދުވަހުގެ ކެއުން!

އައިދާ އަބްދުލް ހަކީމް

އައްޑޫ ސިޓީ ހިތަދޫ މަގުމަތިން ހޮވި އެއްލައްކަ ރުފިޔާ ފުލުހުންނާ ހަވާލުކުރި މީހާއަށް ފައިސާގެ އިނާމާއެކު އެއްމަސް ދުވަހުގެ ހިލޭ ކެއުން ހަމަޖައްސައިދީފިއެވެ.

ފުލުހުން ބުނީ އިއްޔެ ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ފައިސާގެ ވެރިފަރާތް ކަމަށްވާ ދަފްތަރު ނަމްބަރު 1912، އަލީ އަބްދުއްސައްތާރުގެ ފަރާތުންވެސް އެމް.ޑީ ކަމާލް ހޮސައިން އަށް ފައިސާގެ އިނާމާއެކު އޭނާ ހިންގާ ހޮޓަލުން އެއްމަސްދުވަހުގެ ހިލޭ ކެއުން ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި އެއްވެސް ދުވަހަކު ވަޒީފާއެއް ނެތިގެން ގޮސްފިނަމަ ވަޒީފާ ހަމަޖައްސައިދޭނެކަމަށް އެފައިސާގެ ވެރިފަރާތުން ބުނެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ހިތަދޫގައި ދިރިއުޅޭ ބަންގްލަދޭޝް ގެ ރައްޔިތެއްކަމުގައިވާ އެމް.ޑީ ކަމާލް ހޮސައިން އެރަށު މަގެއްގެ މަތީން ހޮވި އެއްލައްކަ ރުފިޔާ ހިތަދޫ ޕޮލިސް ސްޓޭޝަނާ ހަވާލު ކުރުމުން އޭނާގެ ތެދުވެރިކަމާއި އިހްލާސްތެރިކަން ފާހަގަކޮށް އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ވެސް އޭނާއަށް ހަނދާނީ ސެޓްފިކެޓަކާއި ހަދިޔާއެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކަމާލް ހޮސައިން އަށް މަގުމަތިން، ސިޓީ އުރައެއްގެ ތެރޭގައި އެއްލަކަ ރުފިޔާ އޮއްވާ ފެނިފައިވަނީ މި ޖޫންމަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާއަށް އެފައިސާ ފެނުމުން ހިތަދޫ ޕޮލިސް ސްޓޭޝަނާ ހަވާލުކުރުމުން ފުލުހުން ވަނީ ފައިސާތަކުގެ ވެރިފަރާތް ހޯދައި މި ޖޫންމަހުގެ ހަ ވަނަ ދުވަހު މެންދުރުގެ ވަގުތެއްގައި އެފައިސާ ވެރިފަރާތަށް ރައްދުކޮށްދީފައެވެ.