ރައްޔިތުންގެ މަޖިލިސް

މިނިވަން މުއައްސަސާއެއްގެ ގޮތުގައި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އުފައްދަން ބިލް ފޮނުވައިފި

އިބްރާހިމް ޒަކީ

ރާއްޖޭގެ ހުރިހާ ކަމަކާބެހޭ ތަފާސް ހިސާބުތަކާބެހޭ ކަންތައްތައް ހަމަޖެއްސުމަށް މިނިވަން މުއައްސަސާއެއްގެ ގޮތުގައި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އުފައްދަން ބިލް ފޮނުވައިފިއެވެ.

ދިވެހި ރާއްޖޭގެ ތަފާސް ހިސާބުގެ ގާނޫނުގެ ގޮތުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މިބިލް، ސްޕޮންސާ ކޮށްފައިވަނީ ދިއްގަރު ދާއިރާގެ މެންބަރު އިކުރާމް ހަސަންއެވެ.

ބިލު ހުށަހެޅު މަގުސަދެއްގެ ގޮތުގައި މި ބިލުގައި ބުނެފައި ވަނީ، ރާއްޖޭގެ ތަފާސްހިސާބާބެހޭ ގައުމީ ނިޒާމެއް ގާއިމްކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި، އާއްމު ކުރުމާއި، ބޭނުން ކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތައް ކަނޑައަޅައި، އެކަންކަން ހިންގައި ބެލެހެއްޓުން ކަމަށެވެ.

ބިލުގައި ބުނެފައިވަނީ، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ރާއްޖޭގެ ތަފާސްހިސާބާގުޅޭ އެންމެހައި ކަންކަން ރާވައި ހިންގާނެ އުސޫލުތައް ކަނޑައެޅުމަށާއި މި ގާނޫނު ތަންފީޒު ކުރުމަށް ކުރަން ޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގެ ނަމުގައި ދައުލަތުގެ އިދާރާއެއް އުފެދުނީ ކަމަށެވެ.

އެ އިދާރާ އުފެދުމާއެކު، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެން އިންފްރާންސްޓްރަކްޗާގެ ދަށުން މިހާރު ހިންގަމުން އަންނަ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގައި ބޭނުން ކުރަމުން އަންނަ އެންމެހައި މުދަލާއި، ވަސީލަތްތަކާއި ސަރުކާރުގެ ބަޖެޓުން އެ ބިއުރޯއަށް އެކަށައަޅައި މަޖިލީހުން ފާސްކޮށްފައިވާ ފައިސާގެ އިތުރުން އުފުލަން ޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އެ ގާނޫނުން އުފައްދާ އިދާރާއަށް ބަދަލުވާނެ ކަމަށް ބިލުގައި ބުނެފައި ވެއެވެ.

ބިލުގައި އިތުރަށް ބުނެފައި ވަނީ މި ބިއުރޯގެ މަސައްކަތްތައް ބައްޓަން ކުރަން ވާނީ އެއްވެސް ފަރާތެއްގެ ނުފޫޒު ނުފޯރުވޭ ފަދަ ގޮތަކަށް ކަމަށެވެ.

ބިއުރޯއާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޒިންމާވާ ގޮތަށް، މަޖިލީހުގެ ރުހުމާއެކު ރައީސުލް ޖުމްހޫރިްޔާ ޗީފް ސްޓެޓިސްޓީޝަން އައްޔަން ކުރަންވާނެ ކަމަށްވެސް ބިލުގައި ބުނެފައި ވެއެވެ.