އިންޑިއާ

ލޯނުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ރާއްޖެއަށް ދޭން އިންޑިއާއިން ނިންމައިފި

އަހުމަދު ޖައިޝަން

ލައިން އޮފް ކްރެޑިޓް (އެކި ފަހަރު ތަކަށް ބަހައިލައިގެން ދޭ ލޯނު އެހީ)ގެ ގޮތުގައި 1.4 ބިލިއަން ޑޮލަރުގެ އެހީ އިންޑިއާއިން ރާއްޖެއަށް ދޭން ނިންމައިފި އެވެ.

ރާއްޖެއަށް މި ލޯނު އެހީ ދިނުމަށް ނިންމާފައިވާކަން އިއުލާނުކުރައްވާފައި ވަނީ ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖެ އާއި އިންޑިއާ ގުޅިގެން ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމެންޓުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެވެ.

އެ ޕްރެސް ސްޓޭޓްމެންޓް ދެއްވަމުން ނަރެންދްރަ މޯދީ ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށާއި ބަޖެޓަށް އެހީތެރިވުމުގެ ގޮތުން ލޯނު އެހީގެ ގޮތުގައި ފައިސާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރުގަދަކޮށް އިތުރަށް ތަރައްގީކުރުމަށް އަންނަނީ މަސައްކަތްކުރަމުން ކަމަށެވެ.

"ރަނގަޅު ގުޅުމުގެ ސަބަބުން ވިޔަފާރި އާއި އެހެނިހެން ޚިދުމަތްތަކާއި ތައުލީމު އަދި މީހުންގެ ދިރިއުޅުމުގެ ފެންވަރަށް ކުރިއެރުން ލިބިގެން ދާނެ،" މޯދީ ވިދާޅުވިއެވެ.

ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް އާއި އިންފްރަސްޓްރަަކްޗާ އާއި އެގްރިކަލްޗަރާއި ކެޕޭސިޓީ ބިލްޑިން، އައިސީޓީ އަދި ޓުއަރިޒަމްގެ ދާއިރާއިން ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހަށް އަރުވާ ކަމަށް މޯދީ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިންޑިއާ އަބަދުވެސް އޮންނާނީ ދިވެހި ރާއްޖެއާ އެކުގައި ކަމަށެވެ.