ރައްޔިތުންގެ މަޖިލިސް

ކިޔެވުމަށް ބޭނުންކުރާ ތަކެތިން ނަގާ ޑިއުޓީ ކަނޑާލަން ހުށަހަޅައިފި

އިބްރާހިމް ޒަކީ

ކިޔެވުމަށް ބޭނުންކުރާ ސާމާނުން ނަގާ ޑިއުޓީ ކަނޑާލަން ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ވައްދައިފި އެވެ.

ދިވެހި ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާ އިސްލާހެއްގެ ގޮތުގައި މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވުމަށް ހަަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އެވެ.

އެ އިސްލާހުގައި ވަނީ ކިޔެވުމަށާއި ކިޔަަވައި ދިނުމަށް ބޭނުންކުރާ ސާމާނުން ނަގާ ޑިއުޓީ ސުންޕަސެންޓަށް ކަނޑައެޅުމަށް ހުށަހަޅައިފައެވެ. އެތަކެތިން މިހާރު 15 ޕަސެންޓްގެ ޓެކުހެއް ނަގައެވެ.

މީގެ އިތުރުން ލިޔެކިޔުމަށް ބޭނުންކުރާ ތަކެތިން ނަގާޓެކްސް ވެސް ސުން ޕަސެންޓަށް ކަނޑއަޅަން މި ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވެއެވެ. އެތަކެތިން މިހާރު 10 ޕަސެންޓްގެ ޓެކުހެއް ނަގައެވެ.

މިހާރު 10 ޕަސެންޓްގެ ޓެކުހެއް ނަގަމުން އަންނަ ޑްރޯވިން ބޯޑާއި، ރައިޓިން ބޯޑާއި ވައިޓް ބޯޑުން ނަގާ ޓެކްސް ސުންޕަސެންޓަށް ކަނޑައެޅުމަށް ވެސް އިސްލާހުގައި ވެއެވެ.

ނަމަވެސް މެޓައާއި ޗުވިންގަމާއި މިފަދަ ޝުގަ ކޮންފެކްޝަނަރީގެ ގޮތުގައި ބޭނުންކުރާ ބާވަތްތަކުގެ ޑިއުޓީ 15 ޕަސެންޓަށް އިތުރުކުރަން ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.